މިހާތަނަށް މުޅި ތާރީހުގައި ވެސް އުމުރުން އެންމެ ގިނަ ދުވަސްވީ ކުއްތާ އަށް 31 އަހަރު ފުރިއްޖެ އެވެ.

މެއި 11، 1992 ގައި އުފަން ބޮބީ ނަމަކަށް ކިޔާ މި ކުއްތާ ވަނީ ދުނިޔޭގެ އެންމެ ދުވަސްވީ ކުއްތާގެ ވޯލްޑް ރެކޯޑު ހޯދައިފަ އެވެ.

"ގިނީސް ވޯލްޑް ރެކޯޑް" އިން ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބޮބީގެ 31 ވަނަ އުފަންދުވަސް ފާހަގަކޮށްފަ އެވެ.

1999 ވަނަ އަހަރު؛ ބޮބީ އަށް ހަތް އަހަރުގައި ނަގާފައިވާ ފޮޓޯއެއް
1999 ވަނަ އަހަރު؛ ބޮބީ އަށް ހަތް އަހަރުގައި ނަގާފައިވާ ފޮޓޯއެއް

ޕޯޗުގަލްގެ އަވަށެއް ކަމަށްވާ ކޮންކެއިރޮސް އަށް އުފަން، އަދި އުމުރު ދުވަހު އެ ތަނުގައި ދިރިއުޅުނު ބޮބީގެ ޕާޓީ ބޭއްވީ، ބޮބީގެ ވެރިމީހާ ލިއޮނަލް ކޯސްޓާ ބުނި ގޮތުގައި، "ވަރަށް ސަގާފީ" ގޮތަކަށެވެ.

ހަމައެކަނި އިންސާނުން ކާއެއްޗެހި ކާ ބޮބީގެ ޕާޓީގައި ހުރީ އެއްގަމު މަހާއި މޫދު މަހުގެ ވައްތަރުތަކެވެ. އެ ޕާޓީގައި އެކި ގައުމުތަކުން އައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ކޯސްޓާ ބުންޏެވެ.

ބޮބީ ދިރުއުޅޭ ސަރަހައްދުގައި އުޅޭ ބުޅަލަކާއެކު
ބޮބީ ދިރުއުޅޭ ސަރަހައްދުގައި އުޅޭ ބުޅަލަކާއެކު

ޕޯޗުގީޒުގެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބޮބީގެ އުމުރު ޔަގީންކުރަން ހެދި ތަހުލީލުތަކަށް ފަހު، ގިނިސް ވޯލްޑް ރެކޯޑް ލިބިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

ކޯސްޓާ އަކީ ވަރަށް ގިނައިން ދުވަސްވީ ކުއްތާ ގެންގުޅުނު މީހެކެވެ. އެގޮތުން، ބޮބީގެ މަންމަ، ގީރާ ވެސް މަރުވީ 18 އަހަރު ވީ ފަހުން ކަމަށް އޭނާ ބުންޏެވެ.