ގާނޫނުތަކާއި ގަވާއިދުތައް ފަސޭހަ އިން ލިބޭނެ ގޮތް ހެދުމަށް ޚާއްސަ ވެބްސައިޓެއް ތައާރަފްކޮށްފި އެވެ.
"ގާނޫން.ކޮމް"ގެ ނަމުގައިو ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދުގެ އިސް ނެންގެވުމުގެ ދަށުން ލޯންޗްކުރި އެ ވެބްސައިޓަކީ ގާނޫނުތަކާއި ގާނޫނުތަކަށް ގެންނަ އިސްލާހުތަކާއި އުވައިލާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި ގާނޫނީ މަހްފޫމްތަކުގެ މައުލޫމާތު ލިބޭ ވެބްސައިޓެކެވެ.
އެ ވެބްސައިޓްގައި 312 ގާނޫނަކާއި 506 ގަވާއިދާއި 504 ގާނޫނީ މަފްހޫމް ހިމެނެ އެވެ. އަދި ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތަކާއި އުވާލާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އެ ވެބްސައިޓުން ބެލެން ހުރެ އެވެ.
ކުރިއަށް އޮތް ތަނުގައި ގާނޫނުތަކާއި ގަވާއިދުތައް މާނަ ކުރުމުގައި ރާއްޖޭގެ ކޯޓުތަކުންނާއި ބޭރުގެ ކޯޓުތަކުން ގެންގުޅޭ އުސޫލުތަކުގެ މައުލޫމާތާއި ކޯޓުތަކުން ނިންމާ ޕްރެސީޑެންޓްތައް ވެސް އެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް ޑރ. ހަސަން ނެރުއްވި ބަޔާނެއްގައިވެ އެވެ. އަދި އެކި ބާވަތުގެ އެގްރިމެންޓްތަކުގެ ނަމޫނާ ވެސް އެ ވެބްސައިޓް މެދުވެރިކޮށް ފޯރުކޮށްދޭން ގަސްދު ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ވެބްސައިޓްގެ ބޭނުމަކީ ގާނޫނުތަކާއި ގަވާއިދުތައް ފަސޭހަ އިން ލިބޭނެ ގޮތް ހެދުމާ އެކު ގާނޫނީ ކަންކަމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވޭނެ މަގެއް ތަނަވަސްކޮށް ދިނުން ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ވެބްސައިޓް ފަރުމާ ކޮށްފައިވަނީ ފަސޭހަކަމާ އެކު ފޯނާއި ޓެބްލެޓުން ވެސް ބަލާލެވޭ ގޮތަށް އެ ބަޔާނުގައިވެ އެވެ.
ގާނޫނުތަކާއި ގަވާއިދުތަކަކީ އާންމުކޮށް ލިބެން ހުންނަން ޖެހޭނެ އެއްޗެއް ކަމަށްވިޔަސް އެފަދަ ތަކެތި އާންމުންނަށް ލިބެން ނުޖެހޭ ކަމަށް ޒަމާނުއްސުރެ ގިނަ ބަޔަކު ގަބޫލު ކުރަމުން އައި ކަމަށް އެ ބަޔާނުގައި ހަސަން ވިދާޅުވި އެވެ. ގާނޫނުތަކާއި ގަވާއިދުތައް އާންމު ކުރަން ލާޒިމްކޮށް، އާންމު ނުކުރާ ގަވާއިދެއްގެ ދަށުން ފިޔަވަޅު އަޅައި ނުދޭނެ ކަން ފަހުން މުއައްސަސާތަކަށް އަންގަން ޖެހުނު ކަން އެ ބަޔާނުގައި ހަސަން ފާހަގަ ކުރައްވާފައިވެ އެވެ.
ގާނޫނުތަކާއި ގަވާއިދުތައް މިހާރު އެއް ތަނަކުން ފެންނަން ހުންނަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ހިންގާ އެމްވީ ލޯ ވެބްސައިޓުންނެވެ.