ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އަލުން އިންތިޒާމުކުރުމުގެ ގޮތުން ގާނޫނުލްއުގޫބާތު އެކުލަވައިލުމުގެ މަސައްކަތް ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސެމިނާއެއް ފަށައިފި އެވެ.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓް އާއި އާއި ޔޫއެންޑީޕީ ގުޅިގެން "ގާނޫނުލްއުގޫބާތަށް ވިހި އަހަރު: އުންމީދުތަކާއި، ކުރިއެރުންތަކާއި ގޮންޖެހުންތައް" މި ނަމުގައި ސެމިނާ ފަށާފައިވަނީ މިއަދު ހެނދުނެވެ.
ސެމިނާ ފެށުމުގެ ގޮތުން މި މަސައްކަތް އިސްލާހީ ފިޔަވަޅެއްގެ ގޮތުން ފެއްޓެވި ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު ވާހަކަ ދެއްކެވި އެވެ. އޭނާ ވަނީ އެ މަސައްކަތް ފަށަން ޖެހުނު ސަބަބާއި އޭރުގެ ހާލަތު ތަފުސީލުކޮށް ކިޔައިދެއްވައިފަ އެވެ. އަދި އޭނާގެ ބައެއް ތަޖުރިބާތަކެއް ވެސް ހިއްސާކުރެއްވި އެވެ.
ހަސަން ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އޭރު އޮތް ހާލަތާއި މިހާރުގެ ހާލަތަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެއާ އެކު، ގޮންޖެހުންތައް ވެސް އެބަހުރި ކަމަށާއި އެކަންކަން އިސްލާހު ކުރަން މަސައްކަތްކުރަން ޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ މުހިންމު ކަމަކީ މީހުން ތަމްރީނުކުރުމެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ގާބިލު މީހުން ތަމްރީނު ކުރެވޭ މިންވަރު ދަށްވުން ކަމަށާއި ގާބިލު މީހުން މަގާމުތަކުގައި ތިބޭ ނަމަ، މަގާމުގެ ބިރަށް ނުރަނގަޅު ކަންކަން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ އޯޝަން ވިއު ހޯލްގައި ސެމިނާގައި، ގާނޫނުލްއުގޫބާތް އެކުލަވާލަން ކުރި މަސައްކަތްތަކާއި، އެ ގާނޫނު ފާސްކުރުމަށްފަހު ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ބަދަލުތަކާއި ތަރައްގީއަށް ފުންކޮށް ވާހަކަ ދައްކަން ވަނީ ހަމަޖެހިފަބ އެވެ.
މި ސެމިނާގައި، ގާނޫނުލްއުގޫބާތު މަޖިލީހުގެ ތެރެއިން ފާސްވުމަށް ހޭދަވި ދިހަ ވަރަކަށް އަހަރުގެ ދިގު ރާސްތާ އާއި، އެ މަރުހަލާގައި ކުރިމަތިވި ގޮންޖެހުންތަކާއި ހުރަސްތަކުގެ އިތުރުން، ގާނޫނަށް އަމަލުކުރަން ފެށި ފުރަތަމަ އަހަރު އެ ގާނޫނު އުވައިލުމަށް ކުރެވުނު މަސައްކަތްތަކާއި، ތަންފީޒުކުރުމުގައި ދިމާވި ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.
އަދި ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުތަކާއި، އެ ބަދަލުތަކުގެ ސަބަބުން ޝަރުއީ ނިޒާމަށް ކުރި އަސަރުތަކުގެ މައްޗަށް ވެސް އަލިއަޅުވާލާނެ ކަމަށް މޯލްޑިވްސް ލޯ އިންސްޓިޓިއުޓްއިން ބުންޏެވެ.
މި ސެމިނާގެ ޝަރަފުވެރި ބައިވެރިއެއްގެ ގޮތުން، ބޮސްޓަން ކޮލެޖް ލޯ ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސާ އޮފް ލޯ އަދުނާން އޭ ޒުލްފިގާރު ބައިވެރިވެވަޑައިގަންނަވަ އެވެ. އޭނާ ވަނީ ގާނޫނުލްއުގޫބާތު ޑްރާފްޓް ކުރުމުގެ ގިނަ ތަޖުރިބާތަކެއް ހިއްސާކުރައްވައިފަ އެވެ.
އޭނާއަކީ 2005 ވަނަ އަހަރު ގާނޫނުލްއުގޫބާތު އެކުލަވައިލި ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
މި ސެމިނާގައި ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސުއޫދު އާއި ޕްރޮސިކިއުޓާ ޖެނެރަލުން ކަމުގައިވާ އަހުމަދު މުއިއްޒުއާއި ހުސައިން ޝަމީމު ވެސް ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.