ޑޮލަރަށް ބަރޯސާވާރު ކުޑަކުރުމުގެ ގޮތުން ބްރިކްސްގެ ގައުމުތަކުން އާ އަމާޒުތަކެއް ހާސިލުކުރުމަށް ނިންމައިފި އެވެ.
ބްރިކްސްގެ ގައުމުތަކުގެ މާލީ ވަޒީރުންނާއި ސެންޓްރަލް ބޭންކްތަކުގެ ގަވަރުނަރުން އިންޑިއާގައި ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައިވާ ގޮތުން، "ބްރިކްސް ކަރަންސީ" އެއް ތައާރަފުކުރުމަށް ނުވަތަ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއެއް ބޭނުންކުރުމުގެ ބަދަލުގައި ޑޮލަރު ބޭނުން ކުރާ ވަރު ކުޑަ ކުރުމަށް އެ ޖަމިއްޔާއަށް ނިސްބަތްވާ ގައުމުތަކުގެ އަމިއްލަ ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ހިންގާވަރު އިތުރު ކުރުމަށް އަމާޒު ހިފާފައިވެ އެވެ. އަދި ގައުމުތަކުގެ މެދުގައި ފައިސާ ދެއްކޭނެ އަވަސް، ރައްކާތެރި ހަރަދު ކުޑަ ޕޭމަންޓް ސިސްޓަމަކުން ގުޅާލުމާ ގުޅޭ ގޮތުން ވެސް ގައުމުތަކުން ވަނީ މަޝްވަރާކޮށްފަ އެވެ.
ބްރިކްސްގެ ފައުންޑިން މެންބަރު ގައުމުތަކަކީ، ބްރެޒިލް، ރަޝިއާ، އިންޑިއާ އަދި ޗައިނާ އެވެ. އޭގެ ފަހުން ތަރައްގީ ވަމުން އަންނަ އިތުރު ގައުމުތަކާ އެކު ބްރިކްސްގައި 11 މެންބަރު ގައުމު ހިމެނެ އެވެ. އޭގެ ތެރޭގައި ޔޫއޭއީ، ސައުތު އެފްރިކާ، އިންޑޮނީޝިއާ، އީރާން، ސައުދީ އަރަބިއްޔާ އަދި މިސްރު ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.
އިންޑިއާގެ ނިއު ދިއްލީގައި ބްރިކްސް ބިޒްނަޒް ފޯރަމްގެ ނަމުގައި ބޭއްވި އެ ބައްދަލުވުމުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ދުނިޔޭގެ މާލީ ނިޒާމު ޑޮލަރަށް ނުވަތަ މަދު ފައިސާތަކަކަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން ސިޔާސީ ފިޔަވަޅުތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނުރައްކާ ގައުމުތަކަށް ބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ބްރިކްސްގެ ގައުމުތަކުގެ އެތެރޭގެ ވިޔަފާރީގައި އަމިއްލަ ފައިސާ ބޭނުންކުރުން އިތުރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިން ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށް ހުރަސްއެޅެމުންދާ ކަމަށާއި، ބްރިކްސްއިން ދެމެހެއްޓެނިވި އަދި އަމިއްލަ މާލީ އޮނިގަނޑެއް ގާއިމުކުރަންޖެހޭ ކަމަށެވެ.
ބްރިކްސްގެ ގައުމުތަކުގެ އެ ބައްދަލުވުމުގައި ވަނީ "ބްރިކްސް ޕޭމަންޓް ޓާސްކް ފޯސް" ގެ ނަމުގައި ކްރޮސް ބޯޑާ ޕޭމަންޓް ނިޒާމެއް ފެށުމަށް ނިންމައި އޭގެ މަސައްކަތްތައް ހިއްސާކޮށްފަ އެވެ. އަދި ބްރިކްސްގެ ބޭންކް، ނިއު ޑިވެލޮޕްމެންޓް ބޭންކް (އެންޑީބީ) މެދުވެރިކޮށް ގައުމުތަކުގެ އަމިއްލަ ފައިސާއިން މަޝްރޫއުތަކަށް ފަންޑުކުރުން އިތުރު ކުރުމަށް ނިންމާފައިވެ އެވެ.
ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ގައުމުތަކުން އަމާޒު ހިފި އިރު ދުނިޔޭގެ މާލީ ބާޒާރުގައި ޑޮލަރުގެ ދައުރު ބޮޑުކަމުން މިކަމަކީ ވަގުތުން ވަގުތަށް ކުރެވޭނެ ކަމެއް ނޫންކަން ވެސް ބްރިކްސްގެ މާލީ އިދާރާތަކުން ގަބޫލުކުރެ އެވެ.