"ސްޕައިޑާމޭން: ނޯ ވޭ ހޯމް"ގެ މަންޒަރެއް.
13 ޖޫން 2022 - 07:13
މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ސުޕާހީރޯ ފިލްމު "ސްޕައިޑާމޭން: ނޯ ވޭ ހޯމް"، އާ ސީންތަކަކާ އެކު އަލުން ރިލީޒްކުރަން ނިންމައިފި އެވެ.
ޑިޒްނީ އިން މިދިޔަ އަހަރު ނެރުނު ސްޕައިޑާމޭން ފިލްމު ވަނީ މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި އަޅުވައިގެން ޖުމްލަ 1.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. މިދިޔަ އަހަރު އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ހަމައެކަނި ފިލްމަކީ ވެސް އެއީ އެވެ.
ޑިސެމްބަރުގައި ފިލްމު އެޅުވުމަށް ފަހު، މިހާރު ވަނީ ފިލްމުގެ ބްލޫރޭ ވެސް ރިލީޒްކޮށްފަ އެވެ. އެ ފިލްމުގެ ބްލޫރޭ ނެރެން އުޅުނުއިރު، އޭގައި 20 މިނެޓްގެ އިތުރު ސީންތައް ހުންނާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެންމެ ފަހުން އެކަން ވެގެން ދިޔައީ ދޮގަކަށެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި އެ ފިލްމުގެ ކާސްޓުން ބުނެފައި ވަނީ އާ ސީންތަކާ އެކު އެ ފިލްމު އަލުން އަޅުވަން ތައްޔާރުވެފައިވާ ކަމަށެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ ފިލްމު އެޅުވުމަށް ހަމަޖެހިފައިވާއިރު، އެ ފިލްމު އެންމެ ފުރަތަމަ އަޅުވާނީ އެެމެރިކާ އާއި ކެނެޑާގަ އެވެ. އެއަށްފަހު، އެ ފިލްމު އެހެން ސަރަހައްދުތަކުގައި ވެސް އެޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރުގެ ސްޕައިޑާމޭން އެހާ ބޮޑު ހިޓަކަށްވީ މީގެ ކުރިން ނެރުނު ހުރިހާ ސްޕައިޑާމޭން ފްރެންޗައިޒެއްގައި އެ ރޯލު ކުޅުނު އެކްޓަރުން އެއް ފިލްމަކުން ފެނުމުންނެވެ. އެއީ ޓޯބީ މެގުއާޔާ އާއި އެންޑްރޫ ގާފީލްޑް އަދި މިހާރު އެ ރޯލު ކުޅޭ ޓޮމް ހޮލެންޑް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy