ނީޅަމް އާއި އޭނާގެ ފިރިމީހާއަށް ރިނބުދޫން މަރުހަބާ ކިޔުން.
22 ޖޫން 2022 - 15:42
ބޮލީވުޑްގެ ތަރި ނީލަމް ކޮތާރީ އާއި އޭނާގެ ފިރިމީހާ ސާމިރު ސޯނީ އަދި އެ މީހުންގެ ދަރިފުޅު ރާއްޖޭގައި ހޭދަކުރާ ޗުއްޓީ ދަތުރުގައި ދ. ރިނބުދޫއަށް ޒިޔާރާތްކޮށްފި އެވެ.
މަޝްހޫރު އެކްޓަރު ގޯވިންދާއާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ނީލަމްގެ އާއިލާ ރާއްޖެއަށް އައީ މީގެ ދެތިން ދުވަސް ކުރިންނެވެ.
އެ މީހުން ޗުއްޓީ ހޭދަކުރަމުން ދިޔައީ ދ. އަތޮޅުގައި އޮންނަ ބެގްލިއޯނީ ރިސޯޓު މޯލްޑިވްސްގަ އެވެ. އެ ރިސޯޓުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ނީލަމް ވަނީ އޭނާގެ އިންސްޓަގްރާމުގައި ވެސް އާންމުކޮށްފަ އެވެ.
އެކަމަކު މި ދަތުރުގައި ރިނބުދޫއަށް ޒިޔާރާތްކުރުމުން ނީލަމްއަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ނީލަމް ވަނީ ރަށުގައި ސަގާފީ އެކި މަސައްކަތްކުރާ މީހުންނާ ވެސް ބައްދަލުކޮށް ފޮޓޯ ނަގައިފަ އެވެ. އަދި އެ ރަށުން ދިން މެހެމާންދާރީ އަށް ޝުކުރު އަދާކުރި އެވެ.
ނީލަމް އެ ރަށަށް ޒިޔާރާތްކުރީ "ޖްވެލަރީ އައިލެންޑް" ޓީމުން އޯގަނައިޒްކުރި ދަތުރެއްގަ އެވެ. އެ ރަށުގައި ގަހަނާ ހަދާ މީހުން އުޅޭތީ ރަށް ޕްރޮމޯޓްކުރުމަށް "ޖްވެލަރީ އައިލެންޑް" ބޭނުންކުރެ އެވެ.
ރިނބުދޫއަކީ ޓޫރިސްޓުންގެ މެދުގައި މަގްބޫލު ރަށެކެވެ. އެ ރަށުގައި ވަނީ ރަށަށް ޒިޔާރާތްކުރާ ޓޫރިސްޓުންނަށް ސަގާފީ ކަންކަން ދައްކައިދޭ ގޮތަށް ގޭގޭގެ ފާރުތަކުގައި އެކި ކަހަލަ މަންޒަރުތައް ކުރަހައިފަ އެވެ. "ކަލްޗްރަލް ހައިވޭ" އެއްގެ ގޮތުގައި އެތަން ޕްރޮމޯޓްކުރަމުން އަންނައިރު ނީލަމް ވަނީ އެތަނުގައި ހުއްޓިގެން ހުރެ ވެސް ފޮޓޯ ނަގައިފަ އެވެ.
އުމުރުން 52 އަހަރުގެ ނީލަމް ވަނީ އަށްޑިހައިގެ ފަހުކޮޅުން ފެށިގެން ބޮލީވުޑުގައި މަސައްކަތް ކުރަން ފަަށައިފަ އެވެ. "އޭކްތާ ރާޖާ" އާއި "ބަދްނާމް" އާއި "އޭކް ލަޅްކާ އޭކް ލަޅްކީ" އާއި "ޖަވާނީ" އާއި "އިލްޒާމް" އަދި "ޒަހަމް" ކަހަލަ ކާމިޔާބު ފިލްމުތަކުން އޭނާ ފެނުނެވެ.
ނީލަމް އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސްގައި ދައްކާ "ދަ ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" އިންނެވެ.
ރާއްޖެއަށް ކުރި ދަތުރުގައި މީހުން އުޅޭ ރަށަކަށް ނީލަމް ޒިޔާރާތްކޮށް އެ ތަޖުރިބާކޮށްލިއިރު ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެ ކިތަންމެ މަގްބޫލަސް އެ ތަރިން މީހުން އުޅޭ ރަށްރަށަށް ގޮސް ހެދުމަކީ އެހާ އާންމު ކަމެއް ނޫނެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
22 June 2022
މަރުހަބާ.
ދގދސެފ×
22 June 2022
އަދިވެސް ނީލަމް ހާދަ ރީއްޗޭ.