ބޮލީވުޑްގެ ތަރި އާލިއާ ބަޓާއި ރަންބީރު ކަޕޫރަށް ލިބެނީ ޓްވިންސެއް ކަމަށް ބުނެ ރަންބީރު ހިންޓެއް ދީފި އެވެ.
ރަންބީރުގެ ކުރިއަށް އޮތް ފިލްމު، "ޝަމްޝޭރާ" ގެ ޕްރޮމޯޝަން އިވެންޓެއްގައި ކުޅުނު ގޭމެއްގައި އޭނާއަށް ޖެއްސީ އޭނާގެ ހަޔާތުގެ ދެ ކަމެއް ތެދަށް ބުނުމަށާއި އެއް ދޮގު ހެދުމަށެވެ. އެކަމަކު އޭގެ ތެރެއިން ދޮގަކީ ކޮބައިކަމެއް އަދި ތެދަކީ ކޮބާ ކަމެއް ބުނުމުގެ ފުރުސަތެއް ނުލިބެ އެވެ.
އެއާ އެކު ރަންބީރު ބުނެފައި ވަނީ އޭނާ އަށް ލިބެނީ ޓްވިންސެއް ކަމަށެވެ. ދެން އޭނާ ބުނީ ވަރަށް ބޮޑު މިތޮލޮޖިކަލް ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި މަސައްކަތުން ވަރަށް ބޮޑު ބްރޭކެއް ނަގަން އުޅޭ ކަމަށް އޭނާ ބުންޏެވެ.
އެ ވީޑިއޯ ވައިރަލްވެ ސަޕޯޓަރުންނަށް ބޮޑަށް ބެލެވެނީ ރަންބީރާއި އާލިއާ އަށް ލިބެނީ ޓްވިންސެއް ކަމަށެވެ. އެއީ ޓްވިންސެއް ލިބޭތީ ފިލްމީ ދާއިރާއިން ބްރޭކެއް ނެގުމަށް އޭނާ މަސައްކަތްކުރަނީ ކަމަށް ސަޕޯޓަރުން ދެކެ އެވެ.
އެކަމަކު މިހާތަނަށް އެމީހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
މީގެ ކުރިން ރަންބީރު ވަނީ އޭނާ އަންހެން ކުއްޖަކު ވަރަށް ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެެ. އަދި ދަރިއަކު ލިބުނު ނަމަވެސް އާލިއާ ފިލްމީ ދާއިރާއިން ނުގެއްލޭނެ ކަމަށާއި އާލިއާއަށް ފިލްމު ކުޅެވޭނެ ކަމަށް ރަންބީރު ބުނެފައިވެ އެެވެ.
މީގެ ތިން ވަރަކަށް އަހަރުކުރިން ރައްޓެހިވެގެން އުޅުމަށް ފަހު ރަންބީރާއި އާލިއާ ކައިވެނިކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.