"ކޮއި މިލް ގަޔާ" ކަހަލަ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރު މިތިލޭޝް ޗަތުރްވޭދީ މަރުވެއްޖެ އެވެ.

ހާޓް އެޓޭކެއް ޖެހިގެން މުމްބާއީގެ ކޮކިލާބޭން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އުމުރުން 68 އަހަރުގެ މިތިލޭޝް އިއްޔެ މަރުވެފައިވާކަމަށް އޭނާގެ އަންހެން ދަރީގެ ފިރިމީހާ، ވަނީ އިއުލާނުކޮށްފަ އެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއީ ވަރަށް ރަނގަޅު ބައްޕައެއް ކަމަށާއި އޭނާ އެ އެންމެނާ ވަކިވެފައިވާ ކަމަށެވެ.

މިތިލޭޝްއާ އެކު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރު އަނިލް ރަސްތޯގީ ވެސް ވަނީ އެ މަރުގެ ޚަބަރު ހިއްސާކޮށް ހިތާމަ ފާޅުކޮށްފަ އެވެ.

އަނިލް ބުނީ މިތިލޭޝް މަރުވެފައި ވަނީ މީގެ ދުވަސްތަކެއް ކުރިން ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުންދަނިކޮށް ކަމަށެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ދަނީ އެކަމުގެ ހިތާމައިގައި ބައިވެރިވަމުންނެވެ.

މިތިލޭޝް ވަނީ "ގަދަރް: އޭކް ޕްރެމް ކާތާ" އާއި "އަޝޯކާ" އާއި "ކްރިޝް" ގައި މަސައްކަތްކޮށްފަ އެވެ. އޭނާ ވަނީ ވެބް ސީރީޒް "ސްކޭމް 1992" ގައި ވެސް މަސައްކަތްކޮށްފަ އެވެ. މިތިލޭޝް އޭނާގެ ފިލްމީ ކެރިއަރު ފަށާފައި ވަނީ 1997 ގައި "ބާއި ބާއި" އިންނެވެ. އޭގެ ފަހުގައި "ތާލް" އާއި "ފިޒާ" އަދި "އަކްސް" ގެ އިތުރުން "ބަންޓީ އޯރް ބަބްލީ" ގައި ވެސް މަސައްކަތްކުރި އެވެ.