ބޮލީވުޑްގެ މަޝްހޫރު ޝެފާލީ ޝާހާއި އާލިއާ ބަޓް ލީޑު ކުޅޭ ފިލްމު، "ޑާލިންގް" ބޮއިކޮޓްކުރުމަށް ގޮވަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުން ހޫނުވެފައި ވަނީ ނެޓްފްލިކްސްގައި ސްޓްރީމްކުރާ ފިލްމު، "ޑާލިންގް" އިން ފިރިހެނުންނަށް ކުރާ ގެވެށި އަނިޔާ ޕްރޮމޯޓްކުރާ ކަމަށް ބުނެ އެވެ.
ފިލްމުގެ ޓްރެއިލާ އިން ފެންނަނީ އާލިއާ، އޭނާގެ ފިރިމީހާ ކިޑްނެޕްކޮށް އޭނާއަށް އަނިޔާކުރާ މަންޒަރެވެ. އެއާ އެކު އާންމުން ރުޅިގަދަވެފައި ވަނީ ފިރިހެނަކަށް އަނިޔާކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން "ނޯމަލައިޒް" ނުކުރެވޭނެ ކަމަށް ބުނެ އެވެ.
ފިލްމު މަނާކޮށް އާލިއާ ބަޓް ބޮއިކޮޓްކުރުމަށް ހޭޝްޓެގް ހަދައިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެމީހުންގެ ކަންބޮޑުވުމަކީ އެއީ އަންހެނަކަށް ކުރާ އަނިޔާއެއް ނަމަ، އެކަން އެ ތަރިން ވެސް ބޮޑުކޮށްލާނެތީ އެވެ. އެކަމަކު ފިރިހެނުންނަށް ކުރާ އަނިޔާގެ ވާހަކަ އަކީ މާބޮޑަށް ދެކެވޭ ވާހަކައަކަށް ނުވެފައި އެގޮތަށް ފިލްމެއްގައި އަނިޔާކުރާތަން ފެންނާތީ ނުރުހުން ބޮޑުވީ އެވެ.
ބައެއް މީހުން ވަނީ އާލިއާގެ ދިފާއުގައި ވެސް ތެދުވެފަ އެވެ. އެ މީހުން ބުނަނީ ޓްރެއިލާ އެއްކޮށް ބެލުމަށް ފަހު ފާޑުކިޔުމަށެވެ.
އެ ފިލްމުގައި އާލިއާއަކީ ގެވެށި އަނިޔާގެ ޝިކާރައިން ސަލާމަތްވާ އަންހެނެއްގެ ރޯލު ކުޅޭ މީހެކެވެ. ބެލެވޭ ގޮތުގައި ފިލްމުގައި ފިރިހެން މީހާއަށް އޭނާ އަނިޔާކުރަނީ ބަދަލު ހިފާށެވެ،
"ޑާލިންގް" އަކީ ބްލެކް ކޮމެޑީ ފިލްމެކެވެ. ޖަސްމީތު ކޭ ރީން ޑައިރެކްޓްކުރި އެ ފިލްމު އިއްޔެ ސްޓްރީމްކުރަން ފަށާފައިވާއިރު އާލިއާ އާއި ޝެފާލީގެ އިތުރުން ވިޖޭ ވަރްމާ އާއި ރޯޝަން މަތިއު ލީޑުން ފެންނަ އެ ފިލްމު ކޯ ޕްރޮޑިއުސްކުރަނީ ޝާހްރުކް ހާންގެ ރެޑް ޗިލީ އެންޓަޓެއިންމަންޓުންނެވެ.