އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދިތުޔާ ނާރާޔަނާއި އޭނާގެ އަނބިމީހާ، އެ މީހުންގެ ދަރިފުޅު ގޮވައިގެން ރާއްޖެ އަތުވެއްޖެ އެވެ.
ދިހަ އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު އަދިތިޔާ އާއި ޝްވެތާ އަގަރަވާލް ކައިވެނިކުރީ 2020 ގަ އެވެ. މީގެ ހަ މަސް ކުރިން އެ މީހުންނަށް އަލަތު ދަރިފުޅު ލިބިފައިވާއިރު މިއީ އެ ކުއްޖާ ގޮވައިގެން ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
މި އާއިލީ ޗުއްޓީގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އެ މީހުން ވަނީ އިންސްޓަގްރާމުގައި އާންމުކޮށްފަ އެވެ.
އަދިތުޔާ އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ދަރިފުޅުގެ ޕާސްޕޯޓް ހެއްދުމަށް ފަހު އޭނާ ގޮވައިގެން އެންމެ ފުރަތަމަ ދަތުރުކުރި މަންޒިލަކީ ވެސް ރާއްޖެ ކަމަށެވެ.
އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ބަގްލިއޯނީ ރިސޯޓުގައި ކަމަށާއި ވަރަށް މަޖާކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އަދިތުޔާ އާއި އޭނާގެ އަނބިމީހާ، ޝްވެތާ ރައްޓެހިވީ "ޝާޕިތު" ގެ ދުވަސްވަރެވެ. ލަވަކިޔުންތެރިއެއްގެ ގޮތުގައި އޭނާ ފާހަގަކުރެވުނަސް "އިންޑިއަން އައިޑޮލް" ކަހަލަ ބޮޑެތި ޝޯތައް ވަނީ ހޯސްޓްކޮށްފަ އެވެ.
އެކަމަކު މިއުޒިކީ ކެރިއަރަށް ފޯކަސް ކުރަން ކަމަށް ބުނެ ޓީވީ ޝޯތައް ހޯސްޓްކުރުން ހުއްޓާލިކަމަށް ވެސް އިއުލާންކުރި އެވެ. އެކަމަކު އޭގެ ފަހުން ވެސް އެކި ޝޯތައް އޭނާ ހޯސްޓްކުރި އެވެ.