މަޝްހޫރު ޕްރޮޑިއުސަރު، އެކްތާ ކަޕޫރާއި އޭނާގެ މަންމަ ޝޮބާ ކަޕޫރު ކޯޓަށް ހާޒިރު ނުވެގެން ހައްޔަރުކުރުމުގެ އަމުރެއް އިންޑިއާގެ ބިހާރުގެ ކޯޓަކުން ނެރެފި އެވެ.
އެކްތާ އާއި އޭނާގެ މަންމައާ ދެކޮޅަށް ކޯޓު އަމުރެއް ނެރެފައި ވަނީ، އެކްތާގެ އަމިއްލަ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ، "އެލްޓް ބަލާޖީ" އިން ދެއްކި "އެކްސްއެކްސްއެކްސް" ވެބް ސީރީޒްގެ މައްސަލައިގަ އެވެ.
އެ ސީރީޒްގައި ސިފައިން ވަރަށް ދަށް ބައެއްގެ ގޮތުގައި ދައްކައި، އެމީހުންގެ އާއިލާތަކަށް ވެސް އުނދަގޫވާ ފަދަ މަންޒަރުތަކެއް ހިމެނޭ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ކުރިން ސިފައިންގޭގައި މަސައްކަތްކުރި ޝަމްބޫ ކުމާރު ނަމަކަށް ކިޔާ މީހެކެވެ. އޭނާ، 2020 ގައި ހުށަހެޅި ޝަކުވާގައި ބުނެފައި ވަނީ އެކްތާގެ އެލްޓް ބަލާޖީގެ އޯޓީޓީ ޕްލެޓްފޯމްތަކުގައި ސީރީޒް ދައްކާފައިވާއިރު ބަލާޖީ ޓެލެފިލްމްސްއާ އެކްތާގެ މަންމައާ ވެސް ގުޅުން އޮންނަ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް އެކްތާ އާއި އޭނާގެ މަންމައަށް ވެސް ފުރުސަތު ދިނެވެ. އެމީހުން ވަނީ މައްސަލަ ޖެހުނު ސީންތައް ސީރީޒުން ނަގާފައިވާ ކަމަށް ބުނެފަ އެވެ.