މަޝްހޫރު ޑިޓިއުން ބޭންޑުން އެންމެ ފަހުން ނެރުނު އަމިއްލަ ރާގުގެ ލަވަ "ވައިސަރިވާ" ހާއްސަކޮށްފައިވަނީ ރާއްޖޭގެ ތިމާވެއްޓަށެވެ. ސިފަކޮށްދެނީ ގޮނޑުދޮށާއި މޫދު އަދި އިރުވައި މޫސުމެވެ.

އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެރުނު ޕްރިމިއަމް ފެން، އެމްޑަބްލިއުއެސްސީގެ "އާރޯ" ބްރޭންޑްގެ ޕްރޮމޯޝަނަލް ލަވަ އެވެ.

ޑިޓިއުން ބޭންޑުން ބުނީ މި ލަވަ އަކީ އެ ބޭންޑުގެ އެހެން ލަވަތަކާ ތަފާތު ލަވައެއް ކަމަށާއި ގިނަ ބައެއްގެ ތަރުހީބު ލަވައަށް ލިބިފައިވާ ކަމަށެވެ.

"ފޭންސް އިން ވަރަށް ބަލައިގެން ލަވައެއް މިއީ. ގިނަ ފީޑްބެކްތައް ވަރަށް ރަނގަޅު. މި ލަވައިން އިތުރު ހިތްވަރެއް ލިބުނު. ވަރަށް ހިތްހަމަޖެހޭ ލިބުނު ތަރުހީބަށް" ޑިޓިއުން ބޭންޑުގެ މެންބަރަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުންޏެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލާ ގުޅުވައިގެން އެމްޑަބްލިއުއެސްސީން "އާރޯ"ގެ ތިން ވައްތަރެއްގެ ބިއްލޫރި ފުޅި މާކެޓަށް ނެރުނެވެ. އެއީ ދިވެހި ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ ދިވެހި ތިމާވެށި ސިފަކޮށްދޭ ފުޅިތަކެކެވެ.

އެ ބޭންޑުން ބުނީ "ވައިސަރިވާ" ލަވައިގާ ތިން ކަޑި ހިމެނޭއިރު، އެއިން ކޮންމެ ކަޑިއެއް ހާއްސަ ވަނީ އެ ފުޅިތަކުން ސިފަކޮށްދޭ ގޮނޑުދޮށާއި މޫދު އަދި އިރުވައި ތީމަށް ކަމަށެވެ.

ލަވަ ކޮމްޕޯސްކޮށް ޕްރޮޑިއުސްކޮށްފައި ވަނީ ޑިޓިއުން ބޭންޑުން އަމިއްލަ އަށެވެ. އަދި ލިރިކްސް ލިޔެފައިވަނީ އީސާ ޝަރީފްއާއެކު ޑިޓިއުން ބޭންޑުގެ އަހްމަދު ފުރްގާން (ފޫޖި) އާއި ފާތިމަތު ފެޒްލީޏް (ފެޒޫ) އެވެ. ލަވައިގެ ރާގުގައި ދިވެހި ވަންތަކަން ގެނެސްދޭ ސަންގުފަދަ ތަކެތީގެ އަޑު ހިމަނާފައިވާ ކަމަށް ވެސް ޑިޓިއުން ބޭންޑުން ބުންޏެވެ.

ޑިޓިއުން ބޭންޑު: ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޝޯގައި އެ ބޭންޑުގެ ލަވައެއް ހުށަހަޅައިދެނީ
ޑިޓިއުން ބޭންޑު: ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޝޯގައި އެ ބޭންޑުގެ ލަވައެއް ހުށަހަޅައިދެނީ

ލަވައިގެ ވީޑިއޯ ތައްޔާރުކޮށްފައި ވަނީ "މަދޮށިޕް" ޕްރޮޑަކްޝަން ހައުސްއިންނެވެ. އެ ވީޑިއޯގައި ފޯރިގަދަ ނެށުންތަކާއި ރީތި ކުރެހުންތަކާ، "އާރޯ" ފެނުގެ މަންޒަރުތައް ގެނެސްދީފައިވެ އެވެ.

ޑިޓިއުން ބޭންޑުން ބުނި ގޮތުގައި، އެ ލަވަ ވަނީ އެމްޑަބްލިއުއެސްސީން ބޭނުންވި ގޮތަށް ތައްޔާރުކޮށްފަ އެވެ.

ޑިޓިއުން ބޭންޑަކީ ރާއްޖޭގައި މަގްބޫލު، އަމިއްލަ ރާގުގެ ގިނަ ލަވަތަކެއް ނެރެމުން އަންނަ ބޭންޑެކެވެ. އަދި މިހާރު ވެސް އަންނަނީ އާ އަލްބަމެއް ނެރުމަށް ތައްޔާރުވަމުން ކަމަށާއި އަންނަ އަހަރު ތެރޭ އެ އަލްބަމް ނިކުންނާނެ ކަމަށް ޑިޓިއުން ބޭންޑުން ބުންޏެވެ.