ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ޖާންވީ ކަޕޫރު، ވޯގް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި އޭނާގެ މައިންބަފައިންގެ ގިނަ ވާހަކަތަކެއް ވަނީ ހިއްސާކޮށްފަ އެވެ. ހާއްސަކޮށް، އޭނާގެ މަރުވެފައިވާ މަންމަގެ ވާހަކަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން އައީ މަންމަ އާއި ބައްޕަގެ ކައިވެނިކުރީ ސިއްރުން ކަމަށް ދޭހަވާ ގޮތަށް ދެއްކި ވާހަކަ އެވެ.
އިންޑިއާގެ ޗެންނާއީން ޖާންވީގެ މަންމަ ޝްރި ދޭވީ އެންމެ ފުރަތަމަ ގަތް ގޭގެ ޓުއާއެއް ވަނީ މި އިންޓަވިއުގައި ހިމަނާފައިވެ އެވެ.
މި ޓުއާގައި ޖާންވީ ވަނީ އޭނާ މަންމަގެ ކުރެހުންތައް ވެސް ދައްކާލައުފަ އެވެ. ގޭގެ އެންމެ ހާއްސަ ހަނދާނީ ފާރު ދައްކާލަމުން ޖާންވީ ވަނީ އޭނާގެ މައިންބަފައިންގެ ކައިވެނީގެ ފޮޓޯތައް ވެސް ދައްކައި އެ ފޮޓޯތަކަގެ ތަފްސީލް ވެސް ދީފަ އެވެ.
ޖާންވީ ބުނި ގޮތުގައި އޭނާގެ މައިންބަފައިން އެ ފޮޓޯތަކުގައި މާބޮޑަށް ހާސްވެފައި ތިބީ، އެއީ ސިއްރުން ކުރި ކައިވެންޏަކަށް ވުމުން ކަމަށް ވެދާނެ ކަމަށް ބުނެފަ އެވެ.
މި އިންޓަވިއުގައި ޖާންވީ އޭނާގެ ކޮޓަރި ދައްކާލި އިރު، ފާހާނާގެ ދޮރުގައި ތަޅެއް ނެތްކަން ފާހަގަކޮށް ބުނީ އެއީ އޭނާ ފިރިހެންކުދިންނާ ވާހަކަ ދައްކަން ފާހާނާ ތެރެއަށް ވަދެ ހުރެދާނެތީ މަންމަ ނިންމި ގޮތެއް ކަމަށެވެ.
ޖާންވީ ބުނި ގޮތުގައި ގެއަށް ފެން ލީކުވެ ހަލާކުވުމުން، މުޅި ގެ މަރާމާތުކޮށް ބަދަލުކުރި ކަމަށާއި އެކަމަކު އެވަރުން ވެސް ފާހާނާގެ ދޮރަށް ބަދަލެއް ނާންނަ ކަމަށެވެ.
ޖާންވީ އެންމެ ފަހުން ފެނިފައި ވަނީ މި މަހު އެޅުވި ފިލްމް "މިލީ" އިންނެވެ. ޖާންވީ ދެން ފެންނާނީ ނިތޭޝް ތިވާރީގެ ފިލްމް "ބަވާލް" އިންނެވެ. އޭނާއާ އެކު ފެންނާނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ވަރުން ދަވަން އަދި ރާޖް ކުމާރް ރާއޯ އެވެ.