25 ނޮވެމްބަރ 2022 - 07:49
ސާރާ އަލީ ހާން ހިކެންކުރި މަސައްކަތުން އެހެން މީހުންނަށް ދޭ މެސެޖަކީ މިއީ އެވެ؛ ހަށިގަނޑު ފަލަ ނަމަ ބަރުދަން ލުއިކުރުމަކީ އެ މީހަކު ބޭނުންވެގެން ކުރާކަމަކަށް ހެދުމެވެ. މަޖުބޫރުވެގެން ކުރާ ކަމަކަށް ނުހެދުމެވެ.
މިހާތަނަށް ތިން ފިލްމެއް ކުޅެ ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ސާރާ އަކީ އެމެރިކާގައި ކިޔަވަން އުޅުނު އިރު ވަކި ގޮތަކަށް އޭނާގެ ލައިފްސްޓައިލް ގެންގުޅުނު ބަތަލާއެއް ނޫނެވެ. ކެމެރާތަކާ ދުރުގައި މީހުންގެ ފާޑު ކިޔުމެއް ނެތި އުޅުނުއިރު ސާރާ އަކީ ވަރަށް "ކެއާފްރީ" މީހެކެވެ.
އެމެރިކާގެ ކޮލަމްބިޔާ ޔުނިވާސިޓީގައި ކިޔެވި އިރު ސާރާގެ ބަރުދަނަކީ 96 ކިލޯ އެވެ. އޭރު ސާރާ ވަރަށް ގިނައިން ޖަންކް ފުޑް ކައި އުޅެ އެވެ.
އާދަޔާ ޚިލާފަށް ބަރުދަން އިތުރުވުމުގައި ކާނާގެ އިތުރުން ޕޮލީސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) ގެ ދައުރު ވެސް ބޮޑުކަން ސާރާއަށް އެނގެ އެވެ.
ފަލަޔަސް އެކްޓިން އަށް ސާރާ ނުކުންނަށް ބޭނުންވީ ކިޔަވަން އުޅުނު އިރެވެ. އެހިސާބުން ހިކެން ޖެހޭނެކަން ވިސްނި ލައިފްސްޓައިލަށް ބަދަލުތަކެއް ގެނައީ އެވެ. އޭރު ސާރާއަށް ނޭނގިއޮތް ކަމަކީ ލައިފްސްޓައިލަށް ބަދަލު ގެނެސް ކެއުން ކޮންޓޯލްކުރުމާއި ކަސްރަތަކީ ޕީސީއޯއެސް އަށް އޮތް ފަރުވާއެއް ކަމެވެ.
ސާރާ ބުނެފައިވާ ގޮތުގައި އޭނާ އެމެރިކާގައި ދިރިއުޅުނު އިރު ޕިއްޒާ ގަންނަން ދާ ފިހާރައާ ޖެހިގެން، ފައިދާހުރިކާނާ ވިއްކާ ފިހާރައެއް ހުރިކަން ފަހުން އެނގި އެ ފިހާރައިން ގަނެގެން ކާން ފެށުމުން ބަރުދަން ލުއިވާން ފެށި އެވެ.
ހިކެން ބޭނުން ވެފައި ހުރިވަރުން ސާރާގެ ހުސް ވަގުތުތަކުގައި ކޮއްކޮ އިބްރާހިމާއި ބައްޕަ ސައިފާ އެކީ ޓެނިސްކުޅެން ފެށި އެވެ.
ސާރާ ލޫޅާފަތިކޮށް ހުންނަށް ބޭނުންކުރާ ކެއުމަކީ ވަރަށް އާދައިގެ ކެއުމެކެވެ. އޭގައި ބޮޑަށް ހިމެނެނީ ގޭގައި ތައްޔާރުކުރާ ކާނާގެ އިތުރުން ވިޓަމިން ގިނައިން ހިމެނޭ ކާނާ އެވެ. އަދި ލުއި ކާނާ އެއްވެސް ވަރަކަށް ނުކަ އެވެ. މިހާރު ސާރާ ގަވައިދުން ޖިމްފައި ކަސްރަތު ކުރެ އެވެ. ޔޯގާ ކަސްރަތަކީ ވެސް ސާރާ ގަވާއިދުން ކުރާ ކަމެކެވެ.
މި ކަންކަމުގެ އިތުރުން ހުސް ވަގުތުގައި ނެށުމަކީ ވެސް ފިޓްކޮށް ހުރުމަށް އޭނާ ކުރާކަމެކެވެ. މީގެ އިތުރުން ހަށިގަޑު ޓޯންކޮށް، މަސްތަކުގެ ބާރުގަދަކޮށް ބެހެއްޓުމަށް ސްޓްރެންތު ޓްރެއިނިން ވެސް ހަދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2022
26 November 2022
ކުރީގެ ފޮޓޮއެއް ހިމަނާލިނަމަ..... ބޮއިހަލަކި