ދިވެހި ފިލްމީ އިންޑަސްޓްރީއަކީ އިންޑިއާގެ ފިލްމްތަކާއި ޑްރާމާތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮތް ދާއިރާއެކެވެ. ދިވެހިންގެ މުނިފޫހި ފިލުވުމުގެ އެންމެ ބޮޑު ބަޔަކީ ހިންދީ އުފެއްދުންތަކެވެ.

އެހެންވެ އިންޑިއާގެ އެކްޓަރުންނަށް ދިވެހިން ހިތްތަކުގައި އަބަދު ވެސް ހާއްސަ ޖާގައެއް ދެވިފައި އޮވެ އެވެ. ހަމަ މިއާ އެކު އިންޑިއާގެ ތަރިއަކާ އެކު، މަސައްކަތެއްކޮށްލަން ފުރުސަތެއް ލިބުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ.

މީގެ ކުރިން މިފަދަ ބައެއް ފުރުސަތުތައް ދިވެހި ބައެއް ތަރިންނަށް ލިބިފައި އެބަ ހުއްޓެވެ. އެ ހަނދާންތައް އާކޮށްލަމާ ހިނގާށެވެ.

އިސްމާއީލް ވަޖީހާއި ރާގޭޝްވަރީ

މުހައިމިން އުފެއްދި "ރަންމުތް" ފިލްމުގައި ބޭރުގެ ތަރިއެއްގެ ލަވައެއް ހިމަނަން ވެސް ކުރިން ވެސް އޮތީ ރާވައިފަ އެވެ. އެންމެ ފުރަތަމަ އެ ފުރުސަތު ދިން ބަތަލާއަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ އެވެ.

"ރަންމުތް" ގެ އެކްޓަރު އިސްމާއީލް ވަޖީހާ އެކު ލަވަ ކުޅެން ޖޫހީ ރާއްޖެ ވެސް އައެވެ. އެ ދުވަސްރަކީ ޖޫހީގެ ވިދުން ބޮލީވުޑްގައި އެންމެ ގަދަ ދުވަސްވަރެވެ.

އެކަމަކު ކަން ދިމާކުރި ގޮތުން ހުޅުލޭ އެއާޕޯޓުން، ރިސޯޓަށް ދާން ލޯންޗަށް އަރަނިކޮށް، ފައި އެޅުނު ގޮތަކުން ފަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން، ޖޫހީ އަށް ޖެހުނީ ފުރައިގެން ދާށެވެ. އޭގެ ފަހުން ލަވަ ކުޅުވަން އޭނާ ގެނެވޭ ގޮތެއް ނުވި އެވެ.

އެހެންވެ "ރަންމުތް" ސިނަމާ އަށް އައި އިރު، ފިލްމުގެ ހާއްސަ ލަވައިގައި ވަޖީހާއާ އެކު ފެނިގެން ދިޔައީ އެހާ މަޝްހޫރު ނޫން ބަތަލާއެކެވެ. އެއީ ލަވަ ވެސް ކިޔާ ރާގޭޝްވަރީ އެވެ. އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި އާންކޭން (1993) އަދި ތޫ ކިލާޅީ މޭ އަނާޅީ (1994) ފާހަގަކޮށްލެވެ އެވެ.

އިސްމާއީލް ވަޖީހާ އެކު ރާގޭޝްވަރީ ކުޅުނު ލަވައަކީ "ބައްދަލުވުމުން ވެއްޖޭ ދީވާނާ" އެވެ.

ބަޖާޖް އާއި ޝަހީދާ

ސްޓާ ޕްލަސްގެ ޑްރާމާ ސިލްސިލާގައި ބަޖާޖްގެ ރޯލުން މަޝްހޫރުވެގެން ދިޔަ ރޯނިތު ރޯއި ރާއްޖެ އައިސް ކުޅުނީ ލަވައެއް ނޫނެވެ. އޭނާ ކުޅުނީ އިޝްތިހާރެކެވެ.

"މި ފަރާތް ބަލާބަލާށޭ" ފަދަ ލަވަތައް ކިޔާފައިވާ ޝަހީދާއާ އެކު، ބަޖާޖް ކުޅުނު އިޝްތިހާރު ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ އެވެ.

ޔޫއްޕެ އާއި ކަޝިޝް

މިއީ މުހައިން އުފެއްދި "ވިދާތަރި" ވީސީޑީގެ ލަވައަކުން ފެނިގެން ދިޔަ ޖޯޑެކެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކު އާމްނާ ޝަރީފް ނުވަތަ މަޝްހޫރު ނަމުން ނަމަ ކަޝިޝް ކުޅުނު ލަވަވެގެން ދިޔައީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ލަވައެކެވެ.

ހިންދީ ކުރީގެ ރާގަކަށް ހަދާފައިވާ "ލާމަސީލު ސޫރަ" ލަވަ ކިޔާފައި ވަނީ ކުރީގެ ލަވަ ކިޔުންތެރިޔާ ބާރީ އެވެ.

މި ލަވަ ކަޝިޝް ކުޅުނު ދުވަސްވަރަކީ އޭރު ސްޓާ ޕްލަސް އިން ދައްކަމުން ދިޔަ ޑްރާމާ ސިލްސިލާ "ކަހީތޯ ހޯގާ" ގެ ހުންގަނޑު ދިވެހިންގެ ތެރޭގައި އެންމެ ގަދަ އަށް އޮތް ދުވަސްވަރެވެ. އެ ޑްރާމާގައި ކަޝިޝްގެ ރޯލް ކުޅުނު އާމްނާ ވަނީ ފަހުން، ބައެއް ހިންދީ ފިލްމްތައް ވެސް ކުޅެފަ އެވެ.

ސޯނިޔާ އާއި ސޫޖަލް

ސޫޖަލްއަކީ "ކަހީތޯ ހޯގާ" ގެ ލީޑް އެކްޓަރެވެ. އެ ޑްރާމާ ސިލްސިލާ އިން ލިބުނު މަޝްހޫރުކަމާ އެކު، ރާއްޖެ އަށް އަންނަން ލިބުނު ފުރުސަތުގައި ސޫޖަލް ވެސް ކުޅުނީ "ވިދާތަރި" ވީސީޑީގެ ލަވައެކެވެ.

އެ ލަވާގައި ސޫޖަލާ އެކު އެކްޓްކޮށްލަން ފުރުސަތު ލިބުނު ތަރިއަކީ ވީޑިއޯ ލަވަތަކުން ބޮޑު މަޝްހޫރު ކަމެއް އޭރު ހޯދާފައިވާ ސޯނިޔާ އެވެ.

އަބްދުލް ފައްތާހު ޑައިރެކްޓް ކުރި "މިރޭ ތަރިން" ލަވައަކީ ފަޒީލާ އާމިރު (ފަޒީ) އާއި އިބްރާހީމް އާމިރު ކިޔާފައިވާ ލަވައެކެވެ.

ޔޫއްޕެ އާއި ސާރާ

މިއީ 2013 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "24 ގަޑިއިރު" ގެ ކާސްޓުގެ ވާހަކަ އެވެ. ފިލްމުގެ ލީޑް ރޯލް ޔޫއްޕެއާ އެކު ކުޅެފައި ވަނީ އޮސްޓްރޭލިއާ އަށް އުފަން ބަތަލާ ސާރާ އެވެ.

އާންމުންގެ މެދުގައި އެހާ މަގުބޫލް ފިލްމަކަށް "24 ގަޑިއިރު" ނުވިޔަސް ޔޫއްޕެ އާއި ސާރާގެ ކެމިސްޓްރީ ފާހަގަކޮށްލެވެ އެވެ.

މި ލަވަތަކުގެ އިތުރުން މަރިޔަމް އާއި ޖަމްޝީދާ އަހުމަދު އިންޑިއާގެ އެކްޓަރަކާ އެކު ކުޅެފައިވާ ލަވައަކީ ވެސް އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ލަވައެކެވެ. ޝިފާ ތައުފީގް ކިޔާފައިވާ "ފެންނާނެ ޖެހުނު ބިކަ ހާލު" އަކީ އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ ވަރަށް ހިތްގައިމު ލަވައެކެވެ.