21 އެޕްރީލް 2023 - 06:41
އިންޑިއާގެ އެކްޓަރު އިރްފާން ހާންގެ އެންމެ ފަހު ފިލްމު، "ދަ ސޯންގް އޮފް ސްކޯޕިއަންސް" ގެ ޓްރެއިލާ ނެރެފި އެވެ.
އަނޫޕް ސިންހް ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގައި އިރްފާނާ އެކު ގޮލްޝިފްތޭ ފަރަހާނީ އާއި ވަހީދާ ރެހްމާން އަދި ޝާޝަންކް އަރޯރާ ފަދަ އެކްޓަރުން ފެނެ އެވެ.
"ލޯތްބާއި އޮބްސެޝަން އަދި ހިޔާނާތުގެ ހިތްދަތި ވާހަކައަށް ދިރުމެއް" ސޯޝަލް މީޑިއާގައި އިރްފާންގެ ދަރި ބާބިލް ހާނު ޓްރެއިލާ ޝެއާކުރަމުން ބުންޏެވެ.
ހިޔާލީ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ އެ ފިލްމު ނަގާފައިވަނީ ރާޖަސްތާނުގެ "ތާ" ހަނަފަސްބިމުގަ އެވެ. އޭގައި ކިޔައިދެނީ ޖަމަލު ވިއްކާ މީހަކު (އިރްްފާން)، ނޫރަން (ގޮލްޝިފްތޭ) ކިޔާ އަންހެނަކާ ހިތާވާ ވާހަކަ އެވެ. ފިލްމުގައި އެ އަންހެނަކީ ނަގުލާންދާށި ކަށިޖަހާފައި ތިބޭ މީހުން، ލަވައިގެ ޒަރިއްޔާއިން ރަނގަޅުކޮށްދޭ މީހެކެވެ.
ޓްރެއިލާގައި ނޫރަން އެއް ސަހަރުން އަނެއް ސަހަރައް، ފައިމަގުގައި ދަތުރުކޮށް ނަގުލާންދާށި ކަށިޖަހާފައި ތިބޭ މީހުން ރަނގަޅުކުރާ މަންޒަރު ފެނެ އެވެ. އަދި އިރްފާނާއި ގޮލްޝިފްތޭގެ ކެރެކްޓާއިންގެ ލޯބިގެ ގުޅުން ކައިވެންޏާ ހަމައަށް ގޮސް، ދިމާވާ ހިތްދަތި ހާދިސާއެއްގެ ސަބަބުން، ކައިވެނީގެ ރޭވުންތައް މެދުކަނޑާލަން ޖެހޭ ކަން ޓްރެއިލާ އިން އެނގެ އެވެ.
މި ފިލްމު ރިލީޒްކުރުން ފަސްވެފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެންނެވެ.
އިރްފާންގެ ރިލީޒްނުކޮށް އިން ހަމައެކަނި ފިލްމު "ދަ ސޯންގް އޮފް ސްކޯޕިއަންސް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އޭނާގެ މަރަށް ތިން އަހަރު ފުރޭ ދުވަހާ ދިމާކޮށް މި މަހު 29 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy