އިންޑިއާގެ މުމްބާއީގައި ހުންނަ ޖިއޯ ކޮންވެންޝަން ސެންޓަރުގައި ބޭއްވި 68 ވަނަ ފިލްމްފެއާ އެވޯޑު ހަފްލާގެ އެންމެ ޝަރަފުވެރި "ބެސްޓް ފިލްމް" ގެ އެވޯޑު ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއި ކަތިއަވާޅީ" އިން ހޯދައިފި އެވެ.
ރޭގެ ހަފްލާގައި އެންމެ ގިނަ އެވޯޑެއް ހޯދި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގަންގޫބާއި" ފިލްމުން ވަނީ ޝަރަފްވެރި ގިނަ އެވޯޑުތަކަކާ އެކު ޖުމްލަ 10 އެވޯޑެއް ހާސިލްކޮށްފަ އެވެ. އޭގެތެރޭގައި، "ބެސްޓް ފިލްމް" ގެ އިތުރުން، ސަންޖޭ އަށް ލިބުނު "ބެސްޓް ޑައިރެކްޓަރު" އެވޯޑާއި ފިލްމުގެ ލީޑު އާލިއާ ބަޓް ކާމިޔާބުކުރި "ބެސްޓް އެކްޓްރެސް" ގެ ރޯލު ފާހަގަކޮށްލެވެ އެވެ.
ފިލްމްފެއާ 2023 ގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދާފައި ވަނީ "ބަދާއީ ދޯ" އިން ރާޖްކުމާރް ރާއޯ އެވެ. އަދި "ޖުގް ޖުގް ޖީޔޯ" ގައި ހުށަހަޅައިދިން ޕަފޯމަންސަށް "ބެސްޓް އެކްޓަ އިން ސަޕޯޓިން ރޯލް" ލިބިފައި ވަނީ އަނިލް ކަޕޫރަށެވެ. އަދި "ބަދާއީ ދޯ" ގެ ރޯލަށް "ބެސް އެކްޓްރެސް އިން ސަޕޯޓިން ރޯލް" ހޯދާފައި ވަނީ ޝީބާ ޗައްދާ އެވެ.
އޭގެ އިތުރުން، ކްރިޓިކްސް އިން ހޮވި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދާފައި ވަނީ "ވާދް" ގެ ރޯލަށް ސަންޖޭ މިޝްރާ އެވެ. އަދި ކްރިޓިކްސް އިން ހޮވި "ބެސްޓް އެކްޓްރެސް" އެވޯޑު ދެ ފަންނާނަކަށް ލިބުނެ އެވެ. އެއީ "ބަދާއީ ދޯ" ގެ ރޯލަށް ބުމީ ޕޭނެކަރް އަދި "ބޫލް ބުލައްޔާ 2" ގެ ރޯލަށް ތާބޫ އަށެވެ.
"ބަދާއީ ދޯ" އަށް ލިބުނު އެހެން އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑާއި އެންމެ މޮޅު ވާހަކައިގެ އެވޯޑު ހިމެނެ އެވެ.
އޭގެ އިތުރުން، އެންމެ މޮޅޫ ޕްލޭބެކް ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑު ހޯދާފައި ވަނީ، "ބްރަމަސްތްރާ: ޕާޓް 1 -ޝިވާ" ގެ "ކޭސަރިޔާ" ލަވަޔަށް އަރިޖިތް ސިންހެވެ. އަދި އަންހެން ޕްލޭބެކް ލަވަކިޔުންތެރިޔާގެ އެވޯޑު ހޯދީ "ޖަގް ޖަގް ޖީޔޯ" ގެ "ރަންގިސަރީ" ލަވަޔަށް، ކަވީތާ ސެތް އެވެ.