ފަހަކަށް އައިސް މަގްބޫލުކަން ހޯދަމުން އަންނަ ރާއްޖޭގެ ޕްރޮޑަކްޝަން ހައުސް "ކަޒްމިކް އިންޓަނޭޝަނަލް" ގެ ފުރަތަމަ ފިލްމު އިއުލާނުކޮށްފި އެވެ.

"ކަޒްމިކް" ގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން އިއްޔެ ޕޯސްޓުކުރި ވީޑިއޯއެއްގައި ވަނީ ތީމު ރާގާ އެކު ފިލްމުގެ ޓައިޓަލް ދައްކާލައިފަ އެވެ.

މި ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) "މިހާރު" އަށް ބުނީ މިއީ ޑާކް ކޮމެޑީ ޖޮންރާގެ ފިލްމެއް ކަމަށެވެ.

"މިއީ ޑާކް ކޮމެޑީ ފިލްމެއް. ފިލްމުގައި ބޮޑު ކާސްޓެއް ހިމެނޭ. އެއީ މަޝްހޫރު ފަންނާނުންނާއި އަލަށް ތައާރަފްވާ ކުދިން ހިމެނޭހެން" އިއްލެ ބުންޏެވެ.

އިއްލެގެ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ލީޑުން ތިން އެކްޓަރުން ފެންނާނެ އެވެ. އޭގެ ތެރެއިން ދެ ފަންނާނުންނަކީ ޓިކްޓޮކުން ފެނިފައިވިޔަސް، ފިލްމަކުން އަލަށް ފެންނާނެ ދެ މީހުން ކަމަށް އޭނާ ބުންޏެވެ.

މި ފިލްމުގެ ޕްރޮޑިއުސަރަކީ، އިއްލެ ޑައިރެކްޓުކުރި "އައިފިލްމްސް" ގެ މަޝްހޫރު "ބަވަތި" ފިލްމު ވެސް ޕްރޮޑިއުސްކުރި އާސިމް އަލީ އެވެ.

އިއްލެ ބުނި ގޮތުގައި، "ފްރީ ޑެލިވަރީ" ފިލްމުގެ 75 ޕަސެންޓް ޝޫޓިންގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މީގެ އިތުރަށް އެއްވެސް މައުލޫމާތެއް މިވަގުތަށް އަދި ހާމަނުކުރެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

ފެބްރުއަރީ، 2021 ގައި ފެށި "ކަޒްމިކް އިންޓަނޭޝަނަލް" އަކީ ދިވެހި ސްޓްރީމިން ޕްލެޓްފޯމުތަކާ ގުޅިގެން މަގްބޫލު ސީރީޒްތަކެއް އުފައްދާފައިވާ ބައެކެވެ. އޭގެ ތެރޭގައި، "މީޑީއާނެޓް" އާ ގުޅިގެން ނެރުނު، އަޒްހާން އިބްރާހިމް ޑައިރެކްޓުކޮށްފައިވާ ކްރައިމް ތްރިލާ "ދަރަކް" ސީރީޒާއި، "ބައިސްކޯފް" އާ ގުޅިގެން ނެރުނު އިއްލެ ޑައިރެކްޓުކޮށްފައިވާ "މަޒްލޫމް" ސީރީޒް ފާހަގަކޮށްލެވެ އެވެ.