"އައި ފިލްމްސް" އިން އުފައްދާ ދިވެހި ފިލްމު "ނީނާ" ގެ ޕްރޮޑަކްޝަންގައި ހެދި ތަމްރީނުތަކުގެ ވީޑިއޯއެއް ދައްކާލައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު "އައިފިލްމްސް" ގެ ޔޫޓިއުބުގައި އާންމުކުރި އެ ވީޑިއޯގައި ފިލްމުގެ ލީޑު، ނީނާގެ ރޯލުން ފެންނަ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ފިލްމުގެ ވިލަންގެ ރޯލު ކުޅޭ ހަމްދޫން ފާރޫގް، ޝޫޓިންގެ ކުރިން ވެފައިވާ ތައްޔާރިތަކާއި އޭގެ ނަތީޖާ ފެނެ އެވެ.

ދެ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ތަމްރީނުތަކުގައި "މިކްސްޑް" މާޝަލް އާޓްސްގެ ހުނަރާ އެކު، ކަސްރަތުކޮށްގެން އެ ދެ މީހުންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ.

ނުޒޫގެ ކެރެކްޓާއަކީ ހަށިގަނޑު ފިޓުކޮށް ވަރުގަދަކޮށް ހުންނަ ކެރެކްޓާއަކަށް ވުމުން، އޭނާ ވަނީ ހާއްސަ ޑައިޓަކާ އެކު ހަށިގަނޑު ބަދަލުކޮށްލައިފަ އެވެ. އަދި އައްކިގެ ކެރެކްޓާއަކީ ހިކިކޮށް ހުންނަ ކެރެކްޓާއަކަށް ވުމުން، އޭނާ ވަނީ ވަރަށް ސްޓްރިކްޓް ޑައިޓަކުން ހަށިގަނޑު ވަރަށް ބޮޑަށް ހިއްކާލައިފަ އެވެ.

ފިލްމުގައި ނުޒޫއާ އެކު އެކްޝަން ސީންތަކުގައި ފެންނާނެ ސަޕޯޓިން ކާސްޓުން ވެސް ވަނީ މާޝަލް އާޓްސްގެ ހުނަރުގެ އިތުރުން، ގައިގައި ޖެހުމުން ރިއެކްޓުކުރާނެ ގޮތްތައް ދަސްކޮށްދީފަ އެވެ. އެހެންވެ، ފިލްމުގެ ފައިޓް ސީންތަކުގައި ފެންނާނީ މުޅިންހެން އަސްލު އެކްޝަންތަކެކެވެ.

މިއީ ކޮވިޑްގެ ކުރިން ޕްރޮޑަކްޝަން ފެށި ފިލްމެކެވެ. މި ތަމްރީނުތަށް ކުރިއަށް ގެންގޮސްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި 2020 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގަ އެވެ. "ނީނާ" ފިލްމުގެ މަސައްކަތް ނިމުނު ނަމަވެސް، ރިލީޒްކުރުން ލަސްވީ ކޮވިޑްގެ އިތުރުން މަރާމާތަށް އޮލިމްޕަސް ބަންދުކުރުމާ ގުޅިގެންނެވެ.

ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) "މިހާރު" އަށް ބުނި ގޮތުގައި، ކޮވިޑާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ލޮކްޑައުން އިއުލާނުކުރީ ފެބްރުއަރީ މަހު ފިލްމު ޝޫޓުކޮށް ނިމިގެން މާލެ އައިތަނާ އެވެ.

މި ފިލްމު ރިލީޒްކުރާނެ ވަކި ތާރީހެއް އަދި ހާމަނުކުރި ނަމަވެސް އެކަން ލަސް ނުވާނެ ކަމަށް ބުންޏެވެ.

"ފިލްމުގެ މާކެޓިންގެ މަސައްކަތް މިހާރު މި ވަނީ ފަށާފައި. އަންނަ މަހު ވެސް ނީނާ ފިލްމުގެ ކޮންމެވެސް އެއްޗެއް ފެންނާނެ ކަމަށް ބަލާ. ނޫނީ މި މަހު،" އިއްލެ ބުންޏެވެ.

އާންމުކޮށް ދިވެހި ސިނަމާއިން ނުފެންނަ، އެކްޝަން/ތްރިލާ ޖޯންރާގެ މި ފިލްމުގެ ލީޑުގައި ނޫޒޫއާއެކު ފެންނާނީ އެކްޓަރު ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އެވެ. އަދި މިއީ 30 އަހަރަށް ފަހު ސްކްރީނަށް އެނބުރި އަންނަ ވެޓަރަން އެކްޓަރު މަރިޔަމް ރަޝީދާ ފެންނާނެ ފުރަތަމަ ފިލްމެވެ.