ޕޯލް ވޯކާ (ކ) އާއި އޭނާގެ ދަރިފުޅު މެޑޯ ވޯކާ
14 މެއި 2023 - 08:14
"ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ 10 ވަނަ ފިލްމު "ފާސްޓް އެކްސް" ގައި އެ ފްރަންޗައިޒްގެ ކުރީގެ ލެގެންޑަރީ އެކްޓަރު ޕޯލް ވޯކާގެ އަސްލު ދަރިފުޅުގެ ކެމިއޯގެ މަންޒަރެއް ދައްކާލައިފި އެވެ.
މި ފްރަންޗައިޒްގެ ފުރަތަމަ ހަ ފިލްމުގައި ވޯކާ ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ. އެއީ 2001 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ނެރުނު ފިލްމުތަކެވެ.
ނޮވެމްބަރު 13، 2013 ގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ވޯކާ މަރުވީ އެވެ. އޭނާ އެންމެ ފަހުން ފެނުނު "ފާސްޓް އެންޑް ފިއުރިއަސް 6" 2013 ވަނަ އަހަރު ނުކުތީ މަރުވި ފަހުންނެވެ.
ވޯކާގެ ދަރިފުޅު، މެޑޯ ވޯކާ އިންސްޓަގްރާމްގައި އިއްޔެ ވަނީ "ފާސްޓް އެކްސް" ގައި އޭނާ ކުޅޭ މަންޒަރުގެ ފޮޓޯއެއް ދައްކާލައިފަ އެވެ. އަދި އޭނާގެ ފޮޓޯގެ ކެޕްޝަންގައި ވަނީ "ފާސްޓް" ފްރަންޗައިޒްގެ ޓީމަށް މެސެޖެއް ދީފަ އެވެ.
"ފުރަތަމަ ފާސްޓު ފިލްމެއް ނެރުނީ އަހަންނަށް އެއް އަހަރުގައި. އަހަރެން ބޮޑުވީ ސެޓުގައި ބައްޕަ އާއި ވިން، ޖޯޑާނާ، މިޝޭލް، ކްރިސް އަދި އެހެން އެންމެން މޮނިޓަރުތަކުން ބަލަމުން. މި ފާސްޓް އާއިލާއަށް އުފަންވުމީ، ބައްޕައަށް ޝުކުރު ހައްގުވާ ކަމެއް. އަހަންނަނަށް ވެސް އަހަރެން ބޮޑުވިތަން ފެނުނު އެ އެކްޓަރުންނާ އެކު މަސައްކަތް ކުރަން ލިބުމުން މިހުރީ ގަބޫލުކުރަން ދަތިވެފައި،" މެޑޯ ލިޔެފައިވެ އެވެ.
މި ފިލްމުގައި މަސައްކަތް ކުރަން ލިބުން މެޑޯ ސިފަކުރަނީ ބައްޕަގެ ލެގަސީ ދިރުވާ، އެކަން ބައްޕައާ އެކު ހިއްސާކުރެވުން އެއީ އޭނާއަށް ލިބުނު ބޮޑު ނަސީބެއްގެ ގޮތުގަ އެވެ.
މެޑޯ އަކީ ވޯކާގެ ހަމައެކަނި ދަރިފުޅެވެ. ވޯކާގެ ދަރިފުޅުގެ ގޮތުގައި ގިނަބައެއްގެ މެދުގައި މަގްބޫލުވި ނަމަވެސް، މެޑޯއަކީ މޮޑެލް ކުރުމުގައި ވެސް ފާހަގަކޮށްލެވޭ މީހެކެވެ.
ފިލްމުގެ ލީޑު ވިން ޑީސަލް ބުނިގޮތުގައި، "ފާސްޓް އެކްސް" ގައި ޕޯލް ވޯކާގެ ކެރެކްޓަ ބްރާޔަން އޮކޮނާ އަށް ފުރިހަމަ ވަދާއީ ސަލާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ލުއިސް ލެޓެރިއާ ޑައިރެކްޓުކޮށްފައިވާ އެ ފިލްމު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހު 19 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy