"ޔޫރޯވިޝަން" ކާމިޔާބު ކުރި ސްވިޑަންގެ ބައިވެރިޔާ ލޮރީން
15 މެއި 2023 - 06:38
މި އަހަރުގެ "ޔޫރޯވިޝަން" ލަވަ މުބާރާތް ސްވިޑަން އިން ކާމިޔާބުކޮށްފި އެވެ.
ސްވިޑަންގެ ފަރާތުން ބައިވެރިވި ލަވަކިޔުންތެރިޔާ ލޮރީންގެ "ޓެޓޫ" ލަވަ އެ މުބާރާތް ކާމިޔާބުކޮށްފައި ވަނީ 583 ޕޮއިންޓާ އެކު، 25 ގައުމާ ވާދަކޮށްގެންނެވެ.
"ޔޫރޯވިޝަން" ކާމިޔާބުކުރާ ގައުމެއްގައި ދެން އަންނަ މުބާރާތް ހޯސްޓުކުރުމަކީ އާދަ ކަމަށް ވާތީ މިހަރު ބެލެވެނީ އަންނަ އަހަރުގެ މުބާރާތް ބާއްވާނީ ސްވިޑަންގައި ކަމަށެވެ.
ސްވިޑަންއާ އެންމެ ގާތުން ވާދަކުރީ ފިންލެންޑްގެ ބައިވެރިޔާ، ގާރިޔާ އަށެވެ. އޭނާ އަށް ލިބުނީ 526 ޕޮއިންޓެވެ. މުބާރާތުގެ ތިން ވަނަ އިސްރާއިލްގެ ނޮއާ ކިރެލް ހޯދާފައި ވަނީ 362 ޕޮއިންޓާއެކު އެވެ.
ލޮރީން
މިދިޔަ އަހަރުގެ "ޔޫރޯވިޝަން" ކާމިޔާބުކުރި ޔޫކްރެއިންގެ ނަމުގައި މި އަހަރުގެ މުބާރާތް ބޭއްވީ އިނގިރޭސިވލާތުގެ ލިވަޕޫލްގަ އެވެ. ޔޫކްރެއިންގައި ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް، ލިވަޕޫލްގައި ބޭއްވީ ރަޝިއާ ހަނގުރާމައާ ގުޅިގެން މި މުބާރާތް އެ ގައުމުގައި ބާއްވަން ނުރައްކާވާތީ އެވެ.
މިއީ "ޔޫރޯވިޝަން" މުބާރާތް އުމުރުން 39 އަހަރުގެ ލޮރީން ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އޭނާގެ "ޔޫފޯރިއާ" ލަވަ ވަނީ 2012 ވަނަ އަހަރު ވެސް އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ލޮރީން
ޔޫރަޕިއަން ބްރޯޑްކާސްޓިން ޔޫނިއަން (އީބީޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި އެ ސަރަހައްދުގެ ގިނަ ގައުމުތަކުގެ އިތުރުން ޔޫރަޕުން ބޭރުގެ ބައެއް ގައުމުތަކުން ހުށަހަޅާ މިއުޒިކަލް އެކްޓުތަކުން އެންމެ މޮޅު އެކްޓު ހޮވަ އެވެ.
މިފަހަރުގެ "ޔޫރޯވިޝަން" ހޯސްޓުކޮށްފައި ވަނީ "ބްރިޓަން ގޮޓް ޓެެލެންޓު" ގެ ޖަޖް އެލީޝާ ޑިކްސަން އެވެ. އަދި މުބާރާތް ހުޅުވިއިރު ގިނަ އަދަދެއްގެ މަޝްހޫރު މޫނުތައް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ޕްރިންސަސް އޮފް ވޭލްސް، ކެތްރީންގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތުން އިސް ވަނަތައް ކާމިޔާބުކުރި ބައިވެރިން ފެނުނެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy