އެކްޓަރުގެ އަލީ ހާލިދުގެ ފިލްމީ ކެރިއާ ވަރަށް ކުރެވެ. މިހާތަނަށް އޭނާ ކުޅުނީ އެންމެ ތިން ފީޗާ ފިލްމެވެ. ދެން ދެތިން ވީޑިއޯ ލަވައަކުން ވެސް ފެނުނެވެ.

ކެރިއާ ކިތަންމެ ކުރަސް، އޭނާ ކުޅެފައި އޮތީ ދިވެހި ސިނަމާ އަށް ބަލައިފި ނަމަ އެއްގޮތަކަށް ވެސް އާދައިގެ ތިން ފިލްމެއް ނޫނެވެ.

މީގެ ތެރެއިން ފުރަތަމަ ފިލްމަކީ މުހައްމަދު ނިޔާޒް (ޓެޑްރީ) 1994 ގައި ޑައިރެކްޓް ކުރި "ދެރިޔާ" އެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި އެއް ފިލްމެވެ. ދިވެހި ސިނަމާގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.

އަލީގެ ދެވަނަ ފިލްމަކީ އަނެއްކާ ވެސް ޓެޑްރީއާ އެކު ކުރި ތަޖުރިބާއެކެވެ. އެއީ "ދެރިޔާ" އަށް ހަތަރު އަހަރު ފަހުން ރިލީޒް ކުރި "އަމާނާތް" އެވެ. މިއީ ޓެޑް ޕްރޮޑިއުސް ކުރި ފިލްމެކެވެ. އެއީ 1998 ގަ އެވެ.

އަލީގެ ހުނަރު ފެނިގެން ދިޔަ އަނެއް ފިލްމަކީ ކެރިއާގައި ސިއްކަ ޖެހުނު އަބްދުލް ފައްތާހްގެ "ހިމޭން ދުނިޔެ" އެވެ. މިއީ ފައްތާހުގެ ފުރަތަމަ ފީޗާ ފިލްމް ވެސް މެ އެވެ. އަލީ ހާލިދުގެ ފަހު ފިލްމެވެ.

މި ތިން ފިލްމަށް ބަލާ އިރު، "އަމާނާތް" އަކީ، އެ ފިލްމުގެ ޑައިރެކްޓަރު މަހުދީގެ ހަމައެކަނި ޑައިރެކްޝަނެވެ. އަލީ އަށް މަސައްކަތްކޮށްލަން ފުރުސަތު ލިބުނު ތިން ފިލްމަކީ ވެސް އެ ފިލްމްތަކާ ހާއްސަ ކަންތައްތަކެއް ގުޅިފައި ހުރި ފިލްމުތަކެވެ.

އަލީ ހާލިދު: ފިލްމީ ދާއިރާ އަށް އަލުން އެނބުރި އަންނަން ބޭނުންވޭ. ފޮޓޯ: އަހުމަދު އަދުޝަން
އަލީ ހާލިދު: ފިލްމީ ދާއިރާ އަށް އަލުން އެނބުރި އަންނަން ބޭނުންވޭ. ފޮޓޯ: އަހުމަދު އަދުޝަން

ބެލުންތެރިންގެ މަގުބޫލުކަން އެހާ ބޮޑަށް ލިބުނު ތިން ފިލްމް ކުޅުނު މި އެކްޓަރު މިހާރު ކޮބައި ހެއްޔެވެ؟

ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް ހޯދަން ބޭނުން ވާނީ އެ ސުވާލުގެ ޖަވާބުކަން ޔަގީނެވެ.

އޭނާ މިހާރު ދިރިއުޅެނީ އައްޑޫގަ އެވެ. އުފަން ރަށް ހިތަދޫގަ އެވެ. އަލީ ވަރަށް ލޯބިވި ފިލްމީ ދާއިރާ ދޫކޮށްލައިފައި އަމިއްލަ ރަށަށް ދިރިއުޅުން ބަދަލު ކުރިތާ ވެސް މިހާރު 12 އަހަރުވެއްޖެ އެވެ. އެ ބަދަލާ އެކު އަމިއްލަ ހަޔާތަށް ވެސް އޮތީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

އަލީއާ އެކު "ދެރިޔާ" އިން ފެނިގެން ދިޔަ ބަތަލާ ހައްވާ ޒާހިރާއަކީ އޭރު އޭނާގެ އަންހެނުންނެވެ. އެކަމަކު މިހާރު އެ ކައިވެނި ރޫޅުނުތާ ވެސް އަހަރުތަކެއްވެއްޖެ އެވެ. ދެ މީހުން ވެސް މިހާރު ތިބީ މުޅިން ތަފާތު ދެ ދިރިއުޅުމެއްގެ ތެރޭގަ އެވެ. ކުދިން ވެސް ބޮޑެތިވެއްޖެ އެވެ.

"އަސްލު ރަށަށް ބަދަލުވާން ޖެހުނީ މަންމަ ވެސް ނިޔާވުމާ އެކު ބައްޕަ ވެސް ބަލިކޮށް އުޅޭތީ، ބައްޕަ ކައިރީ އުޅެން ބޭނުންވެގެން،" ވަރަށް ގިނަ ދުވަހު މާލޭގައި ދިރިއުޅުނު އަލީ ބުންޏެވެ. "ދެން ހަމަ މިހާރުގެ ފެމިލީ ހަމަ މިކޮޅުގައި މިއުޅެނީ."

އެކަމަކު އޭނާގެ ފޭނުންނަށް ވަރަށް އުފާވާނެ ކަހަލަ ހަބަރެއް އެބަ އޮތެވެ. އެއީ ފިލްމީ ދާއިރާ އަށް އެނބުރި އައުމުގެ ވިސްނުމެއް ގެންގުޅޭ ވާހަކަ އެވެ.

އަލީ ބުނީ ހާލަތު ނިޔާ ކުރި ގޮތުން ރަށަށް ބަދަލުވާން ނުޖެހުނު ނަމަ، މިހާތަނަށް އައި އިރު، ފިލްމީ ދާއިރާގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރީސް ކަމަށެވެ. ކެރިއާ ދޫކޮށްލަން ޖެހުނީ އޭނާގެ އެންމެ ރަންޒަމާނުގަ އެވެ.

"އަސްލު ވަރަށް ބޭނުން އެ ދާއިރާ އަށް އެނބުރި އަންނަން. އިދާރަކުރެއްވިއްޔާ ވަރަށް އަވަހަށް ފެނިގެން ހިނގައި ދާނެ،" ފިލްމަކުން އަލުން ފެނިދާނެތޯ އެހުމުން ވަރަށް އުފަލުން ހުރެ އަލީ ބުންޏެވެ. "ތެދަށް ބުނަންޏާ އެ ދާއިރާ ވަރަށް މިސްވޭ. އެއީ ހަށިގަނޑުން އެއްބައި ނެތުން ކަހަލަ އިހުސާސެއް މިހާރު ކުރެވޭ ކަމެއް. ކުޑައިރުއްސުރެ ވަރަށް ޝައުގުވެރިކަން ހުންނަ ކަމެއް ފިލްމް ކުޅުމަކީ."

ފިލްމީ ދާއިރާ އަށް އަލުން އައުމުގެ ވިސްނުމެއް ގެންގުޅޭތީ، ހަށިގަނޑު ރީތި ކުރުމުގެ ޕްލޭންތަކެއް ވެސް އޭނާ އަންނަނީ މިހާރު ގެންގުޅެމުންނެވެ. މިހާރު އަލީ ހުރީ ފިލްމުތަކުން ފެނުނު ދުވަސްވަރާ ވަރަށް ތަފާތުކޮށެވެ. މީހާ ވަރަށް ފަލަ އެވެ.

"މިހާރު ދެން ވަރަށް ފަލަ ވެސް ވެއްޖެ. އެކަމަކު ހަށިގަނޑު ރީތިކޮށްލައި، ހަމަ ކުރިން އެ ފެނުނު އައްޔަ އަލުން ސްކްރީނުން ދައްކާލަން ބޭނުންވޭ،" މި ވަގުތު އާމްދަނީ ހޯދަން ވަކި މަސައްކަތެއް ނުކުރާކަން ފާހަގަކޮށް އޭނާ ބުންޏެވެ. "އެހެންވެ އުންމީދު ކުރަން ވަރަށް އަވަހަށް ފެނިދާނެ ކަމަށް."

އަލީ ބުނީ ފިލްމީ ދާއިރާއާ ދުރުގައި ހުއްޓަސް އޭނާއަކީ ދާއިރާގެ ވާނުވާ ބަލާ މީހެއް ކަމަށެވެ. އަދި އައްޑޫގައި ދިވެހި ފިލްމެއް އަޅުވާ ނަމަ، އަބަދު ވެސް ބަލަންދާ ކަމަށް ބުންޏެވެ.

"މިހާ ދުރުގައި ހުންނާތީ އެހާ ބޮޑަކަށް މި ދާއިރާގެ މީހުންނަކާ އެހާ ގާތް ކޮންޓެކްޓެއް ނެތް. އެކަމަކު ޓެޑަކީ އަބަދު ވެސް ވަރަށް ހާއްސަ މީހެއް. ވަރަށް ގާތްކަން ބާއްވާ އަބަދު ވެސް،" ދެރިޔާ އާއި އަމާނާތުން ވެސް އެންމެ މޮޅު އެކްޓަރުގެ ގައުމީ އެވޯޑަށް ނޮމިނޭޓްވި އެކްޓަރު ބުންޏެވެ. "ދެން މިހެން ދޭތެރެ ދޭތެރެއިން މާލެ އަށް ގޮސް އުޅޭ އިރު، ދާއިރާގެ މީހުންނާ ދިމާވޭ ބައެއް ފަހަރު."

ފިލްމީ ދާއިރާ އަށް އެނބުރި އަލީ އައުމަކީ ގައިމު ވެސް އޭނާގެ ފޭނުން ބޭނުން ވާނެ ކަމެކެވެ. އެހެންވެ ދެން ސުވާލަކީ އަނެއްކާ ވެސް މާލެ އަށް ދިރިއުޅުން ބަދަލު ކުރަނީތޯ އެވެ؟

"ދިރިއުޅުން އެއްކޮށް މާލެ އަށް ބަދަލު ކުރަނީކީ ނޫން. އަންހެން ދަރިފުޅު ހަޔާ ސްޓަޑީއަށް ވެސް ދާތީ، މާލެ އަށް އެބަޖެހޭ ދަރިފުޅު ބަދަލު ވާން. އެހެންވީމަ ދެން ތަންކޮޅެއް ގިނައިން މާލެ ދެވެން ވެސް ދެވޭނެ،" އޭނާ ބުންޏެވެ. "އެހެން ދެވޭ ކަމަށް ވަންޏާ ލިބޭ ފުރުސަތެއްގެ ބޭނުން ހިފާ ގޮތަށް މިހާރު މިހިރީ."

ކުޅުނު ތިން ފިލްމުން ވެސް އަލީ ވަނީ ބެލުންތެރިންގެ ހިތްތައް އަތުލައިފަ އެވެ. އޭނާގެ އެ ފިލްމްތަކަކީ ފަނޑުވުމެއް ނާންނާނެ ހަނދާންތަކެވެ.

"ކުޅުނު ތިން ފިލްމަކީ ވެސް ވަރަށް މަގުބޫލުވި ތިން ފިލްމް. އެހެންވެ އެ ތިން ފިލްމާ ދޭތެރޭ އަބަދު ވެސް ފަހުރުވެރިވޭ،" އަލީ ބުންޏެވެ. "އަނެއްކާ އެ ފިލްމްތަކުގައި އަހަންނަށް ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ކޮންމެ އެއްޗަކަށް ވެސް މެކްސިމަމް ދީފައި ހުންނާނެ."

އޭނާ އަލުން ސްކްރީނަށް އަންނާނެ އިރަކަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ. އެނބުރި އަންނަން އަލީ ކުރާ އުންމީދު ވެސް ހަގީގަތަކަށް ވާނެ ކަމަށް ދުއާކޮށްލަމާ ހިނގާށެވެ.