މުނިފޫހިފިލުވުން / ވާހަކަ

އެހެނަސް..

މާޖިދުގެ ހަޔާތުން އަހަރެން އެކަހެރި ކޮށްލީ، އަހަރެންގެ އެއްވެސް ކުށެއް ނެތިއެވެ. އޭގެ ހަމަ އެކަނި ސަބަބަކީ، އަހަރެންގެ ފަރާތުން އޭނަ އަށް "ކެޔޮގަނޑެއް" ލިބުމެވެ. ވީމާ، ބާކީވެ އިތުރުވެފައިވާ [ނިރުގެ] އެއްވެސް ބޭނުމެއް ހިފާކަށް އޭނަ ގަސްތެއް ނުކުރިއެވެ. އަހަރެންނަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެއީ، އަހަރެންނަކީ އަންހެނަކަށް ވީމާ ހެއްޔެވެ؟ ފަހަރެއްގައި އެހެން ކަމަށްވުން އެކަށީގެންވެއެވެ. އަހަރުމެންގެ މާޙައުލުގައި އަންހެނުން، ފިރިހެނުންގެ "ތުންފުއްސަކަށް" ވެގެންދާލެއް މަދެއް ނޫނެވެ. އަހަރެންގެ ގާތަށް އެންމެ ހިނި އަންނަނީ، އެ މީހުން އަހަރެމެން އިހާނެތި ކޮށްލުމަށް ފަހު، ހަމަ އެކަނި އަހަރުމެންނަށް ވަނަމަކުން މުޚާޠިބު ކުރާތީއެވެ. އެ ގޮތަށް އެ މީހުން އެ ކަން ކުރަނީ، އަހަރުމެންގެ ކޮންމެ ބަރުބާދީއެއްގެ ބަރާބަރު، ހަމަހަމަ ހިއްސާދާރަކަށް އެ މީހުން ވެސް ވެ ތިބެ، ނަމަވެސް އެ ކަން ބޮލުން ނައްޓާލަމުންނެވެ. އަހަރެންނަށް އެ ކަމަށް ޚިޔާލު ކޮށްލުމަށް ސިކުނޑި އަށް ތަންދެވުނީ މިއަދު ދިމާވި ކަމަކުންނެވެ.

އަހަރެން މާމަގެއިން ނުކުމެގެން ގެއަށް އައި މަގުމަތީގައި ގޯޅިއަކުން ތިން ފިރިހެންކުދިންނާ ދިމާވިއެވެ. އެ ކުދިންނަށް އަހަރެން ފެނުމުން އެކަކު އަނެކަކަށް އަހަރެން ދައްކާލިއެވެ. އެ މީހުން އަހަންނާ ކޮންމެ ވެސް ވަރަކަށް އަޅައިގަނެއްޖެކަން އެނގުމުން، އެ ދިމާ ނުބެލުމަށް ޓަކައި އަހަރެން އިސްޖަހާލީމެވެ. އިސްޖެހުމުގެ އެހެން ސަބަބެއް ވެސް ވެއެވެ. އެއީ، އަހަރެންގެ ހިތުގައި ފިރިހެނުންނަށް އެއްވެސް އަހުމިއްޔަތެއް މިހާރު ނެތުމެވެ. ވީމާ، އެ މީހުންނަށް އެއްވެސް ޝައުޤުވެރިކަމެއް ދޭހިތެއް ނުވެއެވެ. އެހެން ނުވާނީ ވެސް ކީއްވެ ހެއްޔެވެ؟ މާޖިދުގެ ކުރިން ވެސް ހަމަ އެ ލަނޑު، އެ ގޮތަށް އާރިފު ވެސް އަހަންނަށް ދިނެވެ. ޙަޤީޤަތުގައި، އާރިފް އަހަންނަށް ކެހިދިނުމުން ދެން އިތުރަށް އެއްވެސް ފިރިހެނަކަށް އިތުބާރު ނުކުރުމަށް އަހަރެން ޢަޒުމް ކަނޑައެޅީމެވެ. ނަމަވެސް، އެ ޢަޒުމް ގުޑުވާލަން ޖެހުނީ މާޖިދުގެ އާދޭހާއި މަކަރުވެރި ވަސްވާހުގެ ބަސްތަކުގައި، އޮޅިގެން ނަމަވެސް ބުނެވުނު ޖުމުލައަކުންނެވެ.

"ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެ." އެ ދުވަހު ވަރަށް ފަޚުރުވެރި ކަމާ އެކު މާޖިދު ބުންޏެވެ.

އަހަންނަށް ވެސް އެ ގޮތް އެ ދުވަހު ގަބޫލު ކުރެވުނީ އަހަރެންގެ ކުށަކުންކަން އެނގެނީ މިހާރުއެވެ. ކޮންމެއަކަސް، އެ ކުދިންނާ އަރައި ހަމަވުމުން އެ ތަނުން ކޮންމެ ވެސް އެއް ކުއްޖެއް ބުނެލި އަޑު އިވުނެވެ.

"ތި ކުއްޖާ ރީއްޗަކަސް ތި އައީ ވަރަށް އުޅުމެއް ނެތް ކުއްޖެއް!"

ނަމަވެސް، އަހަރެން އެ އަޑު އިވުނު ކަމަކަށް ނުހަދަމެވެ. ދިޔަ ގޮތަށް ދިޔައީ ގެއަށެވެ. އިރުކޮޅެއް ނުވެ ފޯނު ރަނގަބީލުވާން ފަށައިފިއެވެ.

"ހަލޯ!" އަށް ފަހު ގޭގެ ނަން ވެސް ބުނެފީމެވެ.

"ތިޔައީ ކޮން ކުއްޖެއް؟" އަޑަކީ ފިރިހެން އަޑެކެވެ.

"ބައްދަލުކުރަން ބޭނުމީ ކޮން ކުއްޖަކާ؟" އަހަރެން ވެސް ކުރީ ސުވާލެކެވެ.

"..ބައްދަލުކުރަން ބޭނުންވަނީ ޝާމިލާއާ!" ހުއްޓަހުއްޓާފައި ދިން ކުރު ޖަވާބެކެވެ.

"ވާހަކަދައްކަނީ!" އަހަރެން ބުނީމެވެ.

"އަހަރެން ދަންނަންތަ؟" އެ މީހަކު އެހިއެވެ.

"ނުދަންނަން! ތީ ކާކު؟" ފަރުވާ ކުޑަ ގޮތަކަށް އަހަރެން އަހާލީމެވެ.

"އަހަރެން ދެންމެ ޝާމިލާ ދުށިން." އެ މީހަކު ވަރަށް އުންމީދުން ފުރިގެންވާ ރާގެއްގައި ބުންޏެވެ.

"ދެން ކީއްވީ؟ ކިތަންމެ ބަޔަކު ވެސް ފެންނާނެ. ކީއްކުރަން އަހަންނަށް ފޯނުކުރީ؟" އަހަރެން ސީދާ މަޤްޞަދު އެހީމެވެ.

"ހަމަ ވާހަކަދައްކާލާ.."

އެ ހިސާބަށް ބުނި ތަނާ އަހަރެން ފޯނު ބޭއްވީމެވެ. އެ އުޅެނީ އެހެން މީހުނެކޭ ވެސް އެއްފަދައިން ފޮނިފޮނި ބަސްތަކުން ހައްލާލާށެވެ. އެކަމަކު ދެނެއް އެހެނެއް ނުވާނެއޭ އަހަރެންގެ ހިތަށް އެރިއެވެ. މިއީ ވެސް އަޖައިބެކެވެ. ރައްޓެހި ނުވެވިގެން އުޅޭ އިރު އެ ވަރެއް ނޯންނާނެއެވެ. އުޑުން ތަރި ވެސް ބާލައިދޭނެއެވެ. އެކަމަކު، ރައްޓެހިވެވުމުން ދެން ދާނީ ފޫހިވަމުންނެވެ. އަދި ބައެއް ފިރިހެނުން، ކައިވެނި ކުރެވި ގިނަ ދުވަސް ވުމުން ކުރިން ހުންނަ މިޒާޖު ބަދަލުވެއެވެ. އެހެން އަންހެންކުއްޖަކު ފެންނައިރަށް މާ ރީތިވެއެވެ. އެ ކުއްޖެއްގެ ލޮލެއް ނުވަތަ ހަށިގަނޑެއް މާ ހިތްގައިމުވެދެއެވެ. އެ ކަހަލަ މީހުން ކައިވެނި ކުރަން ހަޔާތުގެ ބައިވެރިއެއް ހޮވާ އިރު، އެ ފަދަ ކުއްޖެއް ކުރިން ނުހޮވީ ކީއްވެ ބާއެވެ؟ ހަމަ އެނގި ހުރެ ހުތުރު އަންބެއް ބޭނުންވީ ބާއެވެ؟ ނޫނެކެވެ. އެއީ ވެސް އެ ކަން ވާ ގޮތެއް ނޫނެވެ. ކައިވެނި ކުރަން ހޮވަނީ ހަމަ އެ މީހަކަށް އެންމެ މަޤުބޫލު ކުއްޖާއެވެ. އެހެންވިއްޔާ އަނބިމީހާއަކީ އަންހެނެއް ނޫންތާއެވެ. އެހެނެއް ވެސް ނޫނެވެ. ދެން އެހެންވިއްޔާ ބައިވެރިޔާ ދުވަސްކޮޅަކަށް ކަމުގޮސްފައި ދެން ކޮންމެ ވެސް އެހެން ކުއްޖެއް ރީތި ވަނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ހީވަނީ، އެ މީހުންގެ ހިތަށް އަރާފައި އޮންނަނީ، އަންބަކު ވެއްޖެއްޔާ އަބަދުވެސް ގާތުގައި ހުންނާނެ ކަމަށެވެ. ނަމަވެސް، އަންހެނުންނަކީ ވެސް އިންސާނުންނެވެ. އެ މީހުންގެ ވެސް އޮންނާނީ ހިތެކެވެ.

ފިރިހެނަކު ހިތު ހުރިހާ ގޮތަކަށް އުޅެމުން ގެންދަންޏާ، އަންހެނަކަށް ވެސް ހަމަ އެ ގޮތަށް އުޅެވުމަކީ ދުރުކަމެއް ނޫނެވެ. އެކަމަކު އެހެން އުޅެފިއްޔާ، އޭނަ އަށް ވުރެ ގޯސް މީހެއް ވެސް ނުހުންނާނެއެވެ. ފިރިހެނުން އެދޭ ގޮތަކީ، އެ މީހުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމެވެ. ނަމަވެސް އަންހެނުން އެއީ މާ ދަށް ބަޔެކޯއެވެ. ފިރިހެނުން ކަމެއް ކޮށްފިއްޔާ އެއީ އެ މީހުންނަށް ޙައްޤު ލިބިގެންވާ ކަމެކެވެ. އަންހެނަކު ކަމެއް ކޮށްފިއްޔާ އެއީ ބޭވަފާތެރިއެކެވެ. ނުވަތަ "ކޫޑި" އެކެވެ. ވީ އިރު، ފިރިހެނުންނަށް ކުރެވޭނީ ކޮން އިތުބާރެއް ހެއްޔެވެ؟ އަހަރެންގެ ވާހަކައަކީ، ބަދުނާމެއް ލިބޭ ކޮންމެ އަންހެނެއްގެ ޒިންމާ ކޮންމެ ވެސް ފިރިހެނަކު ވެސް އުފުލަންޖެހޭނެ ކަމެވެ. އެހެނަސް..

ޖެހިގެން އައި ދުވަހު ދިމާވި ކަމެކެވެ. އެ ދުވަހު ރައްޓެހި ކުދިންތަކެއްގެ ދަޢުވަތަކަށް ސުކޫލު ދައުރުގެ ރައްޓެއްސެއްގެ ގެއަށް އަހަރެން ދިޔައީމެވެ. ގޮސް އުޅުމުގެ ތެރޭގައި އެ ކުއްޖާ ގާތުގައި އަހަރެން އަހާލީމެވެ. ދިރިއުޅުމާ ބެހޭގޮތުން މިހާރު ބުނަނީ ކީކޭ ހެއްޔެވެ؟ އޭނަ ބުނީ ވަރަށް މައްސަލަ ޖެހޭ ކަމަށާއި އަދި ފިރިމީހާގެ އުޅުން ގޯސްކަމުން އެ ކުއްޖާ ޝަކުވާ ކުރުމުން އޭނާގެ ފިރިމީހާ ބުނި ކަމަށް ވެއެވެ.

"ކަލެއަކާ ނުބެހެވޭނެ. ތިހިރީ ބުނި އަގެއް ދީގެން ގަނެގެން ގެނެއްސަ. މަޑުމަޑުން ގޭގަ އިނދޭ!"

އެ އަޑު އިވުމުން އަހަރެންގެ ހިތް ތެޅިގަތެވެ. އަދި ހިތަށް އެރިއެވެ. ގޮސް ބުނެބަލާށެވެ. އަހަރުމެން އަންހެނުންނާ ދިމާއަށް ތިޔަ ފަދަ އިހާނާތްތެރި ބަސްތަކުން ގޮވާ އިރު، ކަލޭމެން ކޮންމެ މީހަކީ ވެސް އަންހެނެއްގެ ބަނޑުން ދުނިޔެ އަށް އުފަންވީ މީހެކެވެ. އެ ކަމުގެ އަގު ދެވިދާނެ ހެއްޔެވެ؟

ނަމަވެސް، ބައެއްގެ މައްސަލަތެރެއަށް އަހަރެން ވަނުމުގެ ބޭނުމެއް ނެތެވެ. އެ ދުވަހު ގެއަށް ދިޔުމަށް ޓަކައި އަހަރެން ނުކުތީ އެކަންޏެވެ. ދިޔަ މަގުމަތިން އަނެއްކާ ވެސް ފިރިހެންކުއްޖެއްގެ އުނދަގޫ ލިބެން ފަށައިފިއެވެ. އެ ކުއްޖަކު ހުރީ އަހަރެންގެ އިންތިޒާރުގައި ފާރަލައިގެންކަން ޔަގީނެވެ. އެއީ، އަހަރެން ނުކުންނަ އިރަށް ބައިސްކަލު އަހަންނާ ހަމަކޮށްފައި އެހިއެވެ.

"ތި ދަނީ ކޮން ތާކަށް؟"

އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. އަނެއްކާ އެ ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.

"އިއްޔެ އަހަރެންގެ ވާހަކަ ފުރިހަމަ ނުވަނީސް ފޯނު ބޭއްވީ ކީއްވެ؟ އަހަންނަށް އަދި ނަން ވެސް ނުބުނެވެއެއްނު. އަހަރެންގެ ނަމަކީ ޝާހިދު."

މީ އިއްޔެ އަހަންނަށް ފޯނުކުރި ކުއްޖާތާއޭ އަހަރެންގެ ހިތަށް އެރިއެވެ. ކޮންމެއަކަސް، އެ ކުއްޖާ އަހަންނާ އެއްވަރަށް އަންނަމުން ދާތީ، އަހަރެން އެ ކުއްޖަކަށް ސަމާލުކަން ނުދިނަސް، އަހަންނަށް ހިނގަން އުނދަގޫވާން ފަށައިފިއެވެ. އޭނަގެ ބައިސްކަލު އަހަންނާ ވަރަށް ކައިރި ކުރިއެވެ. އަނެއްކާ ވެސް އެހިއެވެ.

"އަހަރެންގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭނަންތަ؟"

"އަހަންނަށް މިހާރު އެބަ އުނދަގޫވޭ! މި މަގަކީ ނުލާހިކު ފުޅާ މަގެއް. ތަންކޮޅެއް ދުރުން ވެސް ތިޔަ ބައިސްކަލު ދުއްވިދާނެއްނު." އަހަރެން ވަރަށް ފޫހި ރާގެއްގައި ބުނީމެވެ.

"އެކަމަކު އަހަންނެއް ނުދާނަން." ލާނެތް ރާގަކަށް އޭނަ ޖަވާބު ދިނެވެ.

އަހަރެން ގާތަށް ރުޅި އަންނަން ފަށައިފިއެވެ. އަހަރެން ބުނީމެވެ.

"ތި އުޅެނީ ކިހިނެއް ވެގެންތަ؟ އަހަރެން ދުވަހަކު ވެސް އުނދަގުލެއް ކުރީތަ؟"

"އާނ! އުނދަގޫތައް މަދެއް ނޫން. އެންމެ ފުރަތަމަ އުނދަގުލަކީ، އަހަންނަށް އެންމެ ފުރަތަމަ ފަހަރު ޝާމިލާ ފެނުމުން ހިތަށް ލިބުނު އުނދަގޫ. ދެ ވަނަ އުނދަގުލަކީ، އަހަންނާ ވާހަކަ ނުދެއްކުމުން ލިބޭ އުނދަގޫ. އަހަންނަށް ހަމަ އެކަނި ރަނގަޅަށް ވާހަކަ ދައްކާލާނެ އެންމެ ފަސް މިނެޓު ދީ. އެއަށް ފަހު ޝާމިލާ އެދޭ ގޮތެއް. އަހަންނެއް އުނދަގުލެއް ވެސް ނުކުރާނަން." އޭނާ ބުންޏެވެ.

"އަހަރެން ތިޔަ ހާސަރު އަޑުއަހާކަށް ބޭނުމެއް ނޫން." އަހަރެން ޖަވާބު ކުރުކޮށްލީމެވެ.

"އެހެން ނުހަދާ! އަހަރެންގެ އުންމީދު ތިހާ އަވަހަށް ގެއްލުވާ ނުލާ! އެންމެ ފުރުޞަތެއް ދީ! އެހެން ނޫނީ އަހަރެންގެ ދުވަސް ހިނގައިދާނެ." އާދޭހުގެ ރާގަކަށް އޭނަ އެދުނު އެދުން ވެސް އަހަރެން ކޮޅުފައިން ޖަހާ ވިއްސާލީމެވެ.

"އެހެންވީ އިރު ލަސްކުރުމުގެ ބޭނުމެއް ނެތް. އަވަހަށް މަރުވޭ!" އަހަރެން ބުނީމެވެ.

"ތިއީ ހަމަ އެންމެ ފަހުގެ ނިންމުންތަ؟" އޭނާ ސުވާލު ކުރިއެވެ.

"އާނ! ދެން ދާންއުޅޭ! އަހަރެން ތަނަކުން ފެންނަހާ މީހަކާ ވާހަކަ ދައްކައެއް ނޫޅެން." އަހަރެން ބުނީމެވެ.

"އަހަރެން މީ ޝާމިލާއަށް އާ މޫނަކަށް ވިޔަސް، ޝާމިލާގެ މޫނު އަހަރެން ދުށް އިރު ޝާމިލާ މާޖިދަކާ ރައްޓެއްސެއް ވެސް ނުވޭ!"

އަހަރެންގެ ހިތަށް ޝޮކެއް ލިބުނެވެ. މީނަ ހަމަ ރަނގަޅަށް އަހަރެން ދަނޭތާއެވެ. އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަހަރެންގެ ފިނޑިކަމުން ޝާމިލާއާ ހަމައަށް ނުދެވިގެން އުޅެނިކޮށް އެ ފަހަރު މާޖިދު ކާމިޔާބު ކުރީ. އެކަމަކު އެ ވަރުން ވެސް އަހަރެން ހިތްވަރު ދެރައެއް ނުކުރަން. އިންތިޒާރު ކުރަމުން ގެންދިޔައީ. އެހެން އުޅެނިކޮށް، މިއަދު އަހަންނަށް ޝާމިލާއާ ކުރިމަތިލާނެ ހިތްވަރު ލިބުނީ. އަހަންނަށް އެނގޭ ޝާމިލާ މިހާރު ތިހިރީ އޭނަ ދޫކޮށްލާފަކަން ވެސް."

"އެހެންވީމާ ތި އުޅެނީ ހަމަ މާޖިދު ކުޅުނު ކުޅިގަނޑު ކުޅެން ދޯ؟" އަހަރެން ގާތަށް އައީ ރުޅިއެވެ.

ކުއްލިއަކަށް އޭނަ ބައިސްކަލު ހުއްޓިއެވެ. އަހަރެން ދިޔަ ގޮތަށް ދިޔައީއެވެ. އަހަރެން އެ ވާހަކަ އެކުވެރި ރީނާއަށް ވެސް ކިޔައިދިނީމެވެ. ޖަވާބުގައި ރީނާ ބުންޏެވެ.

"އަހަރެން ތި ކުއްޖާ ދަންނަން. މާޖިދުގެ މާ ކުރިން ވެސް އެ ކުއްޖާ ޝާމިލާ ދެކެ ލޯބިވާކަން ވެސް އަހަންނަށް އެނގޭ. އެ ކުއްޖާއަކީ، އަހަރެންގެ ވެސް ރައްޓެއްސެކޭ. ތެދެއް ބުނަންތަ ޝާމިލާ؟ އޭނަގެ ހިތުގަ އެ ވަނީ ތެދުވެރި ލޯބިކަން ފާޅުވާ އެންމެ ބޮޑު ހެއްކަކީ، މިއަދު ވެސް މާޖިދުގެ ކަންތައް އޭނައަށް އެނގޭ އިރު ވެސް، ހަމަ އެންމެ ކުރިއެކޭ އެއްގޮތަށް އޭނަ ޝާމިލާއަށް އެދޭ."

"ތިއީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން. ހުރިހާ ފިރިހެނުންނަކީ ވެސް އިތުބާރު ނެތް ބައެއް." އަހަރެން ބުނީމެވެ.

"އެންމެން އެއް ގޮތެއް ނުވާނެ."

ރީނާ މިހެން ބުނުމުން، އަހަރެން ހަނދާންވީ މާޖިދުގެ ޖުމުލައެވެ. އެހެންކަމުން އަހަރެންގެ ގާތަށް ކުއްލިއަކަށް ރުޅި އަތުވެއްޖެއެވެ. ހުރިހާ ރުޅިއެއް ދިޔައީ ރީނާއާ ދިމާއަށެވެ.

"ތީ ހަމަ ކުރިން ވެސް އަޑުއަހާފަ އޮތް ޖުމުލައެއް. މި ފަހަރު ތިއަކަށް ނުހެއްލޭނެ. ރީނާއެއް ކަމަކު، އަހަންނާ ރަޙްމަތްތެރިކަން ދަމަހައްޓަން ބޭނުމިއްޔާ، ފިރިހެނެއްގެ ވާހަކަ އަހަރެން ގާތުގަ ދައްކައިގެން ނުވާނެ."

ދެތިން ދުވަހެއް ފަހެވެ. އަނެއްކާ ވެސް ފޯނު ކޯލެކެވެ.

"ޝާހިދު އުޅެނީ ވަރަށް ބޮޑަށް ބަލިވެ. ޝާހިދު އެއީ އަހަރެންގެ ރައްޓެއްސަކަށް ވާތީ އޭނަ ބުނެގެން އަހަރެން މި ގުޅީ. އޭނަ ވަރަށް އެދޭ އެންމެ ފަހަރަކު ނަމަވެސް ޝާމިލާ އައިސްދިނުމަށް."

"ބަލި މީހުން ގެންދާނީ ހޮސްޕިޓަލަށް. ފޯނު ކުރާނީ ޑޮކްޓަރަށް. އެކަމަކު، އަހަރެން މީ ޑޮކްޓަރެއް ނުވަތަ ނަރުހެއް ވެސް ނޫން. އޭނައަށް ނަންބަރު އޮޅުނީކަން ނޭނގެ. އަވަހަށް އެންބިއުލާންސަށް ގުޅާ! އަހަންނެއް ނޫޅެން ބަލިވާހާ މީހެއްގެ ހާލު ބަލަން ދާކަށް." އަހަރެން ފޯނު ބޭއްވީމެވެ.

ހަފުތާއެއްހާ ދުވަސް ފަހުން އަނެއްކާ ރިނާއާ ދިމާވިއެވެ.

"އެއްކަލަ ދުވަހު އަހަންނަށް އެއްޗެހި ކިޔުނީ. ސޮރީ އިނގޭ!" އަހަރެން މާފަށް އެދުނީމެވެ. ރިނާ ދެރަވެފައި ބުންޏެވެ.

"އަހަރެން އެ ދުވަހުގެ ފަހުން ދެން މި ހުންނަނީ، ދުވަހަކު ވެސް ފިރިހެނެއްގެ ވާހަކަ ނުދައްކަން ކަމަށް. އެކަމަކު މިއަދު ވެސް މި ޖެހެނީ ޝާމިލާ ރުޅިއަންނަ ކަހަލަ ޚަބަރެއް ދޭން."

"އެޔޯ؟" އަހަރެން އަހާލީމެވެ.

"އެއްކަލަ ޝާހިދު މަރުވެއްޖެ!" ރީނާ މޮޅިވެރި ރާގަކަށް ބުނެލިއެވެ.

"އެއީ ކީއްވެ؟" އަހަންނަށް ކުއްލިއަކަށް އަހާލެވުނެވެ.

"އަންހެންކުއްޖެއް ދެކެ ތެދުވެރި ލޯބިވެވުނީތީ." ރީނާ ފެންކަޅިވެފައި ބުންޏެވެ.

އަހަންނަށް އިސްޖަހާލެވުނެވެ. އެ ވަގުތު ރީނާ ދިއްކޮށްލީ ސިޓީއެކެވެ.

"ޑޮކްޓަރު ބުނި ކަމަށް ވަނީ ޝާހިދު މަރުވީ ހިތްދަތިވެގެންނޭ. މިއީ އޭނަ މަރުވުމުން ޝާމިލާއަށް ރައްދުކުރުމަށްޓަކާ މީހަކު އަތަށް ދީފައިވާ ސިޓީއެއް." ރީނާ ބުންޏެވެ.

"ކަލާގެ ދިރިއުޅުމަކީ، ހަމަ އެކަނި ކަލާގެ ޙައްޤެއް ނޫނެވެ. އެ ދިރިއުޅުމުގައި އެހެން ބައެއްގެ ހިއްސާ ވެސް ވެއެވެ. ދިރިއުޅުން ވީރާނާކޮށް ހަލާކު ކޮށްލުމަކީ މޮޔަކަމެކެވެ. ދިރިއުޅުމަށް ޓަކައި މި ތާނގައި ވަނީ އެންމެ މަގެއް ނޫނެވެ. އެންމެ މީހެއްގެ އެހީއެއް ވެސް ނޫނެވެ. އެތަކެއް ހާސް އެހީއެއް ވެއެވެ. ފަހަރެއްގަ މީހަކު އަނެކަކާ ދޭތެރޭ ފޫހިވެއްޖެ ނަމަ، ކޮންމެ ވެސް މަލެއް ފޮޅުނު ވަގުތު ހަލާކުވެއްޖެ ނަމަ، އުޑުގައި ވަނީ އެންމެ ތަރިއެއް ނޫންކަން ހަނދާން ކުރާށެވެ. އަބަދުވެސް ކޮންމެ ވެސް އުންމީދުތަކަކަށް ޓަކައި ދިރިއުޅޭށެވެ. އަދި ކޮންމެވެސް މީހެއްގެ އެދުމަކަށް ޓަކައި ވެސް ދިރިހުރެވޭތޯ ބަލާށެވެ. ހިތުގަ ތި ވަނީ ކޮން ފަދަ މޮޔަ ޚިޔާލުތަކެއް ހެއްޔެވެ؟ ބަގީޗާއެއްގައި ފޮޅިފައިވާ ރީތި ކޮންމެ މަލަކަށް ވެސް ތިރިކުރާ ފަދަ ކޮކާލަކަށް އެންމެންނެއް ނުވާނެއެވެ.

އަހަރެންނަށް ކަލާގެ ހަނދާންތަކުން އުނދަގޫ ކުރުވައެވެ. ކަލާ އައި ނަމަ އަހަރެންގެ ދުނިޔެ އެހެން ދުނިޔެއަކަށް ބަދަލުވީހެވެ. އެކަމަކު، އަހަރެން ރެއާއި ދުވާލު ކުރި ޝަކުވާތައް ކަލޭ އަޑެއް ނޭހިއެވެ. އަހަރެންގެ އާދޭހަށް ކުޑަ ވެސް ސަމާލުކަމެއް ނުދިނެވެ. މި ސިޓީ ލިބޭ އިރު، އަހަރެން އޮންނާނީ އެންމެ ކުޑަމިނުން ކަފުން ހިއްލާލާފައި ވާހަކައެއް ވެސް ނުދެއްކޭ ހާލުގައެވެ. އެކަމަކު އަހަރެންގެ މޫނު ވެސް ދުށުމަށްޓަކައި ކަލާ ނައީމުއެވެ."

ސިޓީ ކިޔާ ނިމުނު އިރު، އަހަންނަށް ވަނީ ވަރަށް ވެސް ފުން އަސަރުތަކެއް ކޮށްފައެވެ. އަދި އިންސާނުންގެ ތެރޭގައި އެންމެން އެއްގޮތް ނުވާނެކަމާއި، ކޮންމެ ބާވަތެއްގެ ވެސް ދެ ވައްތަރެއް އުޅޭނެކަން އަހަންނަށް ގަބޫލުކުރަން ޖެހިއްޖެއެވެ. މިހާރު އެހެނަސް.. (ނިމުނީ)

އެޑިޓަރުގެ ނޯޓު:

މިއީ މީގެ 31 އަހަރު ކުރިން ބިންމާ އިބްރާހިމް ވަހީދު އެންމެ ފުރަތަމަ ނޫހަކަށް ލިޔުނު ވާހަކަ އެވެ. ބިންމާގެ ވާހަކައެއް އެންމެ ފުރަތަމަ ނޫހެއްގައި ޝާއިއުކުރީ ޖެނުއަރީ 31، 1994 ގައި އޭރުގެ އެންމެ މަގުބޫލު ނޫސް "ހަވީރު" ގަ އެވެ. "ހަވީރު" ގައި އެ ދުވަހު ވާހަކަ ލިޔަން ފެށި ގޮތަށް އެ ނޫސް މާޗު 31، 2016 ގައި ހުއްޓާލުމާ ހަމައަށް އޭނާ އައީ "ހަވީރު" އަށް ވާހަކަ ލިޔަމުންނެވެ. އަދި "ހަވީރު" ހުއްޓާލުމަށް ފަހު، އެ ނޫހުގެ މެނޭޖުމަންޓުން މޭ 24، 2016 ގައި ނެރެން ފެށި "މިހާރު" ނޫހަށް މިހާރު ވެސް ބިންމާ ގެންދަނީ ވާހަކަތައް ލިޔަމުންނެވެ.

5 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 18%
icon angry icon angry 6%
icon wow icon wow 6%
icon inlove icon inlove 65%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޯދުބެ އެއް ނޫން

02 February 2025

ދިވެހި ލިޔުންތަކުގައި ތާރީޚް ލިޔާ ހަމައެއް، ގަވައިދެއް އޮންނަކަމަށްވޭ. "މިހާރު" ނޫހުގައި ހުންނަ ލިޔުންތަކުގައި ތާރީޚް ޖަހާފައި ހުންނަނީ އެ ހަމައަކުން ނޫން. މިކަން އިސްލާހު ކުރާނެކަމަށް އުއްމީދު ކުރަން. އިނގިރޭސި ލިޔުންތައް ބަލާފައި އޭގަ ހުންނަ ހުރިހާކަމެއް އަހަރުމެން ކޮޕީކުރާކަށް ނުޖެހޭނެތާ؟!

The name is already taken The name is available. Register?

ޝަނީފް

01 February 2025

ބިންމާ ވަހީދު ވަރެއްހަމަނެތް!

The name is already taken The name is available. Register?

ޢަލީ

31 January 2025

ބިންމާ ބުނީ އެމަންޖެއަށް ކިޔަނީ ޝާމިލާޔޯ!

The name is already taken The name is available. Register?

ދިިލް

31 January 2025

ކޮންކުއްޖެއްތަ ފޮޓޯގާ އެހުރީ.

The name is already taken The name is available. Register?

ކައުންސެލަރު....

31 January 2025

އެއިއްޔޭ ޝާމިލާއަކީ. ނުދަންނަންދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454