ފިލްމުގެ ނަމަކީ "އިލް ނޮއިސް" އެވެ. ނަން އިނގިރޭސި ވިޔަސް މިއީ ސަތޭކަ ޕަސަންޓް ދިވެހި އުފެއްދުމެކެވެ. މި އަހަރު އަޅުވާ ތިން ވަނަ ފިލްމެވެ. ޝްވެކްގައި އަޅުވާ "އިލް ނޮއިސް" ގެ ޓިކެޓް އެ ސިނަމާ އިން މިހާރު އަންނަނީ ވިއްކަމުންނެވެ. ފިލްމުގެ ޓީމުން ބުނާ ގޮތުގައި މި މަހުގެ 23 ގައި އަޅުވާ ފިލްމްގެ ޓިކެޓަށް ވަރަށް ބާރު ބޮޑެވެ.
"އިލް ނޮއިސް" އަކީ ފިލްމީ މަސައްކަތްތަކަށް މުޅިން އާ ބައެއްގެ އުފެއްދުމެކެވެ. އެއީ ތިއޭޓަ މިރާޖާއި އޯކޭޒް އިންކެވެ. އޯކޭޒްއަކީ އަބްދުލް ފައްތާހުގެ ކުރިއަށް އޮތް ފިލްމް "ހައްދު" ގެ ބޮޑު ހިއްސާއެއް ވެސް އަދާކުރާނެ ސްޓޫޑިއޯއެކެވެ.
ފިލްމީ މަސައްކަތްތަކަށް އަލަސް ތިއޭޓަ މިރާޖަކީ، އެކްޓިން އަށް އާ ބަޔަކު އުޅޭ ތަނެއް ނޫނެވެ. އެ މީހުން ވަނީ ކާމިޔާބު އެތައް ސްޓޭޖް ޕްލޭއެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ. އޭގެ ތެރޭގައި އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ބައެއް މިއުޒިކަލް ވެސް ހިމެނެ އެވެ.
މި މަސައްކަތުގެ މުގުލުގައި ހުރީ ޕަފޯމިން އާޓްސް އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ މުހައްމަދު މުންތަސިރު (މުންކޮ) އެވެ. އެ ނަމަކީ ދިވެހިންނާ ވަރަށް ރައްޓެހި ފަރިތަ ނަމެކެވެ. ފީޗާ ފިލްމަކަށް އަލަސް، މުންކޮއަކީ އެއްގޮތަކަށް ވެސް އެކްޓިން އަށް އާ މީހެއް ނޫނެވެ.
"އިލް ނޮއިސް" އާ ބެހޭ ގޮތުން ބައެއް މީހުން ކޮށްފައިވާ ކޮމެންޓްތަކަށް ބަލާ އިރު، މިއީ ބަލާލަން އެހާ ޝައުގުވެރި ފިލްމެއް ނޫނެވެ.
ސަބަބަކީ މިހާތަނަށް ފެނިފައިވާ ޓްރެއިލާތަކުން މުޅިން ވެސް އިނގިރޭސީން ވާހަކަ ދައްކާތީ އެވެ. އަދި ފެންނަ ފެނުމަށް ދިވެހި ފިލްމަކަށް ވުރެ ބޮޑަށް ވައްތަރީ އިނގިރޭސި ފިލްމެއް ހަދަންކޮށްފައި އޮތް މަސައްކަތަކާ އެވެ.
އެހެންވެ އެއް ބައެއްގެ ސުވާލަކީ މި ފިލްމް ބަލަން ޖެހެނީ ކީއްވެތޯ އެވެ؟ ހާއްސަކޮށް ދިވެހި ފިލްމްތަކަށް ލޯބި ކުރާ މީހުންނެވެ. ދިވެހިންތަކެއް އުޅުނަސް، "އިލް ނޮއިސް" ގައި ދިވެހިވަންތަކަމެއް ނެތް ފިލްމެއް ކަމަށް ބުނާ ބަޔަކު ވެސް އެބަ ތިއްބެވެ.
މި ފިލްމަކީ 2012 ވަނަ އަހަރު ތިއޭޓަ މިރާޖުން ގެނެސް ދިން ގަޑިއެއްހާ އިރުގެ ސްޓޭޖް ޕްލޭ "އިލް ނޮއިސް" ޕްލޭ، ފީޗާ ފިލްމެއްގެ ރަހަ ހެޔޮވަރުކޮށްލައިގެން ގެނެސްދޭ ފިލްމެކެވެ. މީގައި ކިޔައި ދެނީ އާދަޔާހިލާފު ބައްޔެއް ޖެހިފައިވާ މީހަކު އެ ބަލިން ސަލާމަތްވުމަށް ކުރާ މަސައްކަތެވެ. މިއީ ސައިކޮލޮޖިކަލް ތުރިލާއެކެވެ.
ފިލްމުގެ ދިގު މިނަކީ އެއް ގަޑިއިރާއި 40 މިނިޓެވެ. ފިލްމުގެ ލީޑުން ފެންނާނީ މުންކޮ އާއި އަހުމަދު އަލަމްގެ އިތުރުން ޝަމްއަތު އިބްރާހީމެވެ. މިއީ ހައްތަހާ ވެސް ބޮޑު ސްކްރީނަށް އާ މޫނުތަކެވެ. އެކަމަކު ސްޓޭޖް ޕްލޭތަކުން، އެކްޓިން އަށް ފައްކާވެފައި ތިބި ހުނަރުވެރިންނެވެ.
އެހެންވެ "އިލް ނޮއިސް" އަކީ އެކްޓިން ރަނގަޅަށް އެނގޭ ބައެއްގެ ހުނަރު ދިވެހި ސިނަމާއިން ފެންނާނެ ފިލްމެކެވެ. މީގެ އެއް ތަފާތަކީ އެއީ އެވެ. މޮޅު އެކްޓިންއެއް ތަޖުރިބާކޮށްލަން ބޭނުން ނަމަ "އިލް ނޮއިސް" އަކީ ނުބަލައި ދޫކޮށްލާ ވަރުގެ ފިލްމެއް ނޫނެވެ.
"އިލް ނޮއިސް" ގެ ވާހަކަ ލިޔެފައި ވަނީ މުންކޮ އާއި އޭނާގެ ކޮއްކޮ މުންސިރެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަހުމަދު މައުރޫފް ޖަމީލެވެ. ޑައިރެކްޓަރަކީ އިސްމާއީލް ނިހާދެވެ.
ދިވެހިންތަކެއްކޮށްފައި އޮތް ތަފާތު މަސައްކަތެއް ބަލާލަން ބޭނުން ނަމަ "އިލް ނޮއިސް" އަކީ މި އަހަރު ދިވެހި ސިނަމާ އިން ފެންނާނެ އެންމެ ތަފާތު ފިލްމަށް ވާނެ އެވެ.
އަނެއްކޮޅުން އާ ބަޔަކު ގެނެސްދޭ ފީޗާ ފިލްމަކަށްވާތީ، އެ މީހުން ކޮށްފައި ހުރި މަސައްކަތް ބަލާލުމަކީ ވެސް ފިލްމަށް ޝައުގުވެރި ކުރުވާ ކަމެކެވެ.
ހަމައެއާ އެކު މުންކޮގެ އެކްޓިން ފީޗާ ފިލްމަކުން ބަލާލުމަކީ އަދި ވަކިން ޝައުގުވެރި ކުރުވަނިވި ކަމެކެވެ. އެކްޓިން އެނގޭ، އެކްޓިން ކިޔަވައިގެން ހުރި މީހެއްގެ ހުނަރު ދިވެހި ސިނަމާއިން ބަލާލަން މި ލިބެނީ ފުރަތަމަ ފަހަރަށެވެ.
"އިލް ނޮއިސް" ޓީމްގެ ބަހަކީ ކޮބާ؟
"މިއީ ހަމަ ދިވެހިިންތަކެއް ހަދާފައި އޮތް ސަތޭކަ ޕަސަންޓް ދިވެހި ފިލްމެއް،" ފިލްމުގެ މާކެޓިންއާ ހަވާލުވެ ހުރި ރޭޝަން ޝަރީފް ބ. "އެހެންވެ އާންމުން މީތި ބަލާލައި، މިއަށް ކޮށްފައި ހުރި މަސައްކަތް ޖަޖްކޮށްލުމަކީ އަހަރެމެންގެ ވަރަށް ބޮޑު އެދުމެއް."
އޭނާ ބުނީ "އިލް ނޮއިސް" ގައި ހުރި ވަރެއް އެ ފިލްމް ބަލައިގެން ނޫނީ ނޭނގޭނެ ކަމަށެވެ. ޓްރެއިލާތަކުން އިނގިރޭސި ޑައިލޮގްތަކެއް އިވުނަސް، ދިވެހި ޑައިލޮގްތަކެއް ވެސް ފިލްމުން އިވުމަކީ ވެދާނެ ގޮތެކެވެ. އެ ވެސް ބެލުންތެރިން ތަޖުރިބާކޮށްލުން ރަނގަޅެވެ.
"މިއީ ފިލްމީ މަސައްކަތަކަށް މުޅިން އާ ބަޔަކު ކޮށްފައި އޮތް ވަރަށް އާޓިސްޓިކް މަސައްކަތެއް. މޮޅު އަދި ރަނގަޅު ދިވެހި އުފެއްދުމެއް ސިނަމާ އަށް ގެންނަން ކޮށްފައި އޮތް ބުރަ އަދި ސަޅި މަސައްކަތަކެއް އިލް ނޮއިސްއަކީ." ރޭޝަން ބުންޏެވެ.
އޭނާ ބުނީ މި ފިލްމަކީ ދިވެހި އުފެއްދުމެއް ރާއްޖޭން ބޭރުގެ ބޮޑު އޯޑިއަންސަކާ ހަމައަށް ފޯރުކޮށް ދޭން ކުރި މަސައްކަތެއް ކަމަށެވެ.
"އެއް ކަމަކީ ދިވެހި ސިނަމާއިން އާންމުކޮށް މި ފެންނަ ފިލްމުތަކާ ތަފާތު އެއްޗެއް ގެނެސް ދިނުން. އަނެއް ކަމަކީ އިންޓަނެޝަނަލް އޯޑިއަންސެއް ދިވެހި ފިލްމްތަކަށް ހޯދުން. އިނގިރޭސިން ސަބް ސައިޓްލްކޮށްގެން ފިލްމް ގެނެސް ދިނުމަށް ވުރެ، ބޮޑަށް އިނގިރޭސި ޑައިލޮގްތަކާ އެއްކޮށް، ފިލްމް ގެނެސް ދިނީމަ ބޭރުގެ އޯޑިއަންސްތަކަށް ބަލައި ގަންނަން ވެސް ފަސޭހަ ވާނެ. އެކަން މި ފިލްމުން ހާސިލް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު."
މި މަހުގެ 23 ގައި ޝްވެކް ސިނަމާގައި "އިލް ނޮއިސް ޕްރިމިއާ ކުރުމަށް ފަހު، ރާއްޖޭން ބޭރުގެ ހަތަރު ގައުމެއްގައި ފިލްމް އަޅުވަން މިހާރު ވަނީ ހަމަޖެހިފަ އެވެ. އެއީ ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާނެވެ.
މީގެ އިތުރުން ސިންގަޕޫރާއި މެލޭޝިއާގައި ވެސް ފިލްމް އަޅުވަން މިހާރު އަންނަނީ ވާހަކަ ދައްކަމުންނެވެ.
ރޭޝަން ބުނީ "އިލް ނޮއިސް" އަކީ ވަކި އޯޑިއަންސަކަށް އަމާޒުކޮށްގެން ހަދާފައިވާ ފިލްމެއް ނޫން ކަމަށެވެ. އެހެންވެ މިއީ ހުރިހާ އުމުރުފުރާއެއްގެ މީހުން ވެސް ބަލާލަން ރަނގަޅު ފިލްމެކެވެ.
"ފިލްމްތަކަށް ލޯބި ކުރާ ހަމަ އެންމެންނަށް ޓާގެޓްކޮށްގެން ހަދާފައި އޮތް އެއްޗެއް މިއީ. ދިވެހިން ވަރަށް ގިނައިން މިހާރު އެބަ ބަލާ އިނގިރޭސި ފިލްމްތައް ސިނަމާ އަށް ގޮސް ވެސް. އެހެންވީމަ އިލް ނޮއިސް އެކްސްޕީރިއަންސްކޮށްލުމަކީ، މި މަސައްކަތް ކުރި ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް، ސަޕޯޓަކަށް ވާނެ،" ފިލްމުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހަދިޔާތަކެއް ވެސް ބެލުންތެރިންނަށް ހޯދޭނެކަން ފާހަގަކޮށް ރޭޝަން ބުންޏެވެ.
"އިލް ނޮއިސް" ގެ ޓީމަށް އޮތް ޔަގީން ކަމަކީ މި ފިލްމް ބަލާ މީހުންނަށް ފިލްމް ވަރަށް ކަމުދާނެ ކަމެވެ. އަދި ދިވެހިންގެ ތެރޭގައި ވެސް ވަރަށް ހުނަރުވެރި މީހުން ތިބިކަން މި ފިލްމުން ސާބިތުކޮށް ދޭނެ އެވެ.
"މި މަސައްކަތް އަހަރެމެން ފެށި ހިސާބުން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބައެއްގެ ސަޕޯޓާއި އެހީތެރިކަން ވެސް ލިބެމުން އަންނަނީ. އުންމީދަކީ މި ދާއިރާއަކީ ރާއްޖޭގައި ކުރިމަގު އޮތް މޮޅެތި މަސައްކަތްތަކެއް ކުރާ ދާއިރާއަކަށް މުސްތަގުބަލުގައި ވެގެން ދިއުން،" ރޭޝަން ބުންޏެވެ. "އަދި އިންޓަނެޝަނަލް ރިކޮގްނިޝަން ލިބިފައި އޮތް ދާއިރާއަކަށްވުން."
އެހެންވެ "އިލް ނޮއިސް" ގެ ޓީމް އޮތީ ހަމައެކަނި ފިލްމް އަޅުވާލައިފައި، ނިންމައިލާ ކަހަލަ ގޮތަކަށް ނޫނެވެ.
މި ފިލްމް ބޭރުގެ ފެސްޓިވަލްތަކާ ހަމައަށް ގެންގޮސް، ދިވެހިންގެ ހުނަރު ދުނިޔޭގައި ދައްކައިލަން ވެސް އޮތީ ތައްޔާރަށެވެ.
"އެކަން އަހަރެމެން ކުރާނަން." ރޭޝަން ބުންޏެވެ.