ނިއުޔޯކް ޓައިމްސްގެ މަޝްހޫރު ވޯޑް ގޭމް "ވޯޑުލް" އެންބީސީގެ ޓީވީ ގޭމް ޝޯއަކަށް ބަދަލުކުރަން ނިންމައި އިއްޔެ އެކަން އިއުލާންކޮށްފި އެވެ.
އެ ޝޯ ހުށަހަޅައިދޭނީ އެންބީސީގެ "ޓުޑޭ" ޝޯގެ ކޯ-އެންކަރު ސަވާނާ ގޮތުރީ އެވެ.
އެ ޝޯއަކީ މަޝްހޫރު ކޮމެޑިއަން ޖިމީ ފެލަންގެ "އިލެކްޓްރިކް ހޮޓް ޑޯގް" ކުންފުންޏާއި ނިއުޔޯކް ޓައިމްސް އަދި ޔުނިވާސަލް ޓެލެވިޜަން ގުޅިގެން އުފައްދާ ޝޯއެކެވެ. އެ ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ފެލަން މަސައްކަތް ކުރާނެ އެވެ.
"ވޯޓުލް"ގެ އަސްލު ގޭމްގައި އޮންނަ ފަދައިން، މި ޝޯގައި ވެސް ބައިވެރިން މަސައްކަތް ކުރާނީ ފަސް އަކުރުގެ ލަފުޒުތައް ހޯދުމަށެވެ. މިއީ ވަރަށް ހަލުވި އަދި އާއިލާ އެކުގައި ބަލާލެވޭނެ ފަދަ މަޖާ ޝޯއަކަށް ވާނެ ކަމަށް ސަވާނާ ނިއުޔޯކް ޓައިމްސްއަށް ބުންޏެވެ.
މި ޝޯގެ މަސައްކަތް ފެށުމަށް ކުރިން ހަމަޖެހިފައި އޮތީ މި އަހަރުގެ މާޗު މަހު އެވެ. ނަމަވެސް، ސަވާނާގެ މަންމަ ނޭންސީ ގޮތުރީ މިދިޔަ ފެބްރުއަރީ މަހު ގެއްލުމާ ގުޅިގެން، އޭނާގެ އާއިލީ ހާލަތަށް ރިއާޔަތްކޮށް ޝޯގެ މަސައްކަތް މެދުކަނޑާލީ އެވެ.
މި ޝޯގެ ޝޫޓިން އަންނަ މަހު އިނގިރޭސިވިލާތުގެ މެންޗެސްޓާގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޝޯ ދައްކަން ފަށާނީ އަންނަ އަހަރުގެ "ޕްރައިމް ޓައިމް"ގަ އެވެ.
ސަވާނާ ބުނި ގޮތުގައި، އޭނާގެ މަންމަ ގެއްލިފައިވާ މި ދަތި ދަނޑިވަޅުގައި ޓީމުން ދިން އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވެ އެވެ. އަދި "ވޯޑްލް"އަކީ އޭނާ އާއި އޭނާގެ މަންމައާ ދެމެދު އޮތް ގާތް ގުޅުމެއް ރަމްޒުކޮށްދޭ ގޭމެއް ކަމަށް ވެސް ސަވާނާ ބުންޏެވެ.