ރާއްޖޭގެ ފިލްމީ ދާއިރާގައި އުފެދުނު އެންމެ ކާމިޔާބު އެއް އެކްޓަރު މޫސާ މަނިކު (ރީކޯ މޫސަ) 25 އަހަރަށް ފަހު، ފިލްމެއްގެ ލީޑް ރޯލަކުން ފެންނާނެ ކަން މިއަދު ހާމަކޮށްފި އެވެ.
ގިނަ އަހަރުތަކަކަށް ފަހު، ރީކޯ މޫސަ ލީޑްރޯލަކުން ފެންނަ ފުރަތަމަ ފިލްމުގެ ނަމަކީ "ކީއްވެ" އެވެ. އެއީ ވެސް މޫސަގެ އެންމެ ކާމިޔާބު ފިލްމު "ފަތިސްހަނދުވަރު" ޑައިރެކްޓްކުރި އީސާ ޝަރީފުގެ ޑައިރެކްޝަނެކެވެ.
ކުރީގެ މަޝްހޫރު ޑައިރެކްޓަރު އީސާ ޝަރީފް ވެސް ފިލްމީ ދުނިޔެއަށް މި ފަހަރު އެނބުރި އަންނަނީ 22 އަހަރަށް ފަހު އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްރީ 2004 ވަނަ އަހަރު ގެނެސްދިން "ހަތަރު އުދަރެސް" އެވެ.
ރީކޯ މޫސާ އާއި އީސާ ޝަރީފުގެ އެނބުރި އައުމުގެ ގޮތުގައި ބަލާ މި ފިލުމުގެ ލީޑްރޯލުން ދެން ފެންނަނީ ޝީލާ ނަޖީބެވެ. އޭގެ އިތުރުން އީސާ ޝަރީފްގެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ އަލީ ޝަމީލް ވެސް މުހިންމު ރޯލެއް އާދަކުރެ އެވެ.
މިއީ އޮލިމްޕަސްގައި ރިކޯޑްތައް މުގުރާލި "ކަމަނަ" އާއި "ކަނބުލޮ" ފިލްމު ގެނެސްދިން ޑައިރެކްޓަރު ހުސައިން މުނައްވަރުގެ ކިޑް ޕްރޮޑަކްޝަން އަދި ސެޓަން ސްޓޫޑިއޯ އާއި މަގުބޫލު އެތައް ފިލްމެއް ގެނެސްދީފައިވާ އަސްލަމް ރަޝީދުގެ ސްލޭމް ސްޓޫޑިއޯ އާއި ނޫރު އެންޑް މޫވީސް ގުޅިގެން ގެނެސްދޭ ފިލުމެކެވެ.
"ކީއްވެ" އަކީ ވެސް "ކަމަނަ" އާއި "ކަނބުލޮ" ފަދައިން އިޖުތިމާއީ ފުން މައްސަލައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށް ޕްރޮޑިއުސަރުން ބުނެ އެވެ. ފިލްމުގެ ޝޫޓިން ނިންމާލާފައިވާއިރު ރަސްމީ ޕޯސްޓަރު އާންމުކުރީ މިއަދެވެ.
އެ ޕޯސްޓަރާ އެކު، ރީކޯ މޫސާ ބުނީ "މިއަދު މި އިއުލާނު ކުރީ "ކީއްވެ" 25 އަހަރަށް ފަހު އަޅުގަނޑު ލީޑްރޯލްކުޅުނު ފިލްމު" ކަމަށެވެ.
މިދިޔަ އަހަރު "މިހާރު" އަށް މޫސަ ދިން އިންޓަވިއުއެއްގައި ވެސް ބުނެފައިވަނީ ފިލްމީ ދާއިރާގެ ބޮންތިއަށް އެނބުރި އައުމުގެ ޝައުގުވެރިކަން އަދިވެސް އޭނާގެ އެބަހުރި ކަމަށެވެ.
ރީކޯ މޫސަ އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ މުހައްމަދު ނިޔާޒު (ޓެޑްރީ) ގިނަ އަހަރުތަކަށް ފަހު ޑައިރެކްޓްކުރި "ލަސްވިޔަސް" އިން ހާއްސަ ފެނިލުމަކުންނެވެ. އޭނާ އެންމެ ފަހުން ލީޑް ރޯލެއް ކުޅެފައިވަނީ ކާމިޔާބު ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ "ނާއުއްމީދު" ގައި މަރިޔަމް ނިޝާއާ އެކު 2001 ވަނަ އަހަރު އެވެ.
އޭގެފަހުން 2003 ވަނަ އަހަރު ނުކުތް ހިންދީ ފިލްމް "ރާޒު" ގެ ދިވެހި ވާޝަން "ގިނިހިލަ" ގައި ސަޕޯޓިން ރޯލަކުން ފެނުނެވެ.
މޫސައަކީ އޭނާގެ ފިލްމީ ހަޔާތުގެ އެންމެ ރަން ދުވަސްވަރު ބޮޑެތި ކާމިޔާބީތައް ހޯދި ތަރިއެކެވެ. "ފަތިސްހަނދުވަރު" ގައި ކުޅުނު "ޖިނާ" ގެ ރޯލަށް ބޮޑު ތަރުހީބެއް ލިބުނުއިރު އެ ކެރެކްޓާ ވެފައިވަނީ އައިކޮނިކް ކެރެކްޓާއަކަށެވެ. މި ފިލްމުން އޭނާއަށް އާފަތިސް އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ލިބުނެވެ.
އޭގެ އިތުރުން 1996 ވަނަ އަހަރު ޔޫސުފް ރަފީއު (ޔޫސޭ) ޑައިރެކްޓްކުރި ފިލްމް "ހައްގު" މޫސާ ދެއްކި މޮޅު އެކްޓިންއަށް ގައުމީ ފިލްމު އެވޯޑާއި އާފަތިސް އެވޯޑު ލިބުނެވެ. މަރިޔަމް ނިޝާއަށް މަގުބޫލުކަން ލިބުނު މި ފިލްމުގައި ހިމެނޭ "މޫނޭ ތީ ހިތް އެދޭ" ލަވައަކީ މިހާރު ވެސް ދިވެހިންގެ ތެރޭގައި މަޝްހޫރު ލަވައެކެވެ.
ދިވެހި ފިލްމީ ދާއިރާގައި އެންމެ ނުފޫޒުގަދަ އަދި އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނުނު ރީކޯ މޫސައަކީ ހަމައެކަނި އެކްޓަރެއް ވެސް ނޫނެވެ. އޭނާ ވަނީ ފިލްމު ޑައިރެކްޓްކޮށް އަދި ސްކްރިޕްޓް ލިޔެފަ އެވެ.
ސިޔާސީ ދާއިރާއަށް ފަހު، ފިލްމީ ދާއިރާއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުނުއިރު އެ ދާއިރާގައި ވެސް އޭނާއަކީ މަގުބޫލު، ކާމިޔާބު ބޭފުޅެކެވެ.