އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން" ގެ ކުރީގެ ލަވަ ކިޔުންތެރިޔާ ހެރީ ސްޓައިލްސް އޭނާގެ ވޯލްޑް ޓުއާ އިއުލާންކޮށްފި އެވެ.

އަންނަ ސެޕްޓެމްބަރު މަހު ފަށާ ޓުއާ ޑިސެމްބަރާ ހަމައަށް ދެމިގެން ދާނެ އެވެ.

ޓުއާ ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 19 ގައި އެމެރިކާއިންނެވެ. އެގޮތުން ފުރަތަމަ ކޮންސަޓް އޮންނާނީ ސެން ފްރަންސިސްކޯގަ އެވެ. ޖަޕާނުން ޓުއާ ނިންމައިލާނީ ޑިސެމްބަރު 8 ގަ އެވެ.

"ހެރީ ސްޓައިސްލް ލައިވް އޮން ޓުއާ" ގެ ނަމުގައި ކުރިއަށް ގެންދާ ޓުއާގައި އޮންނާނެ ގައުމުތަކާއި ކޮންސަޓްތައް ކުރިއަށް ދާނެ ތަންތަނާއި ތާރީހުތައް ވެސް ހެރީ ވަނީ އޭނާގެ އިސްޓަގްރާމްގައި ފޭނުންނާ ހިއްސާކޮށްފަ އެވެ.

މި ޓުއާގައި އޭނާ އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަން، އިޓަލީ، އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒިލެންޑް، ސިންގަޕޫރު އަދި ޖަޕާނުގައި ޕަފޯމް ކުރާނެ އެވެ.

ޓުއާގެ ޓިކެޓް އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެ އެވެ.

ތިން މަހަށް ދެމިގެންދާ ޓުއާއަކަށް ހެރީ، 23، ނިކުންނަ އިރު، އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް އަންނަ މަހު ނެރޭނެ އެވެ.

އަމިއްލަ ނަމުން ނަން ދީފައިވާ އަލްބަމް ނެރެން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ގަ އެވެ.

"ވަން ޑިރެކްޝަން" އިން ހެރީ ވިދާލި އިރު، އޭނާ ބޮޑަށް މަޝްހޫރީ ޕޮޕް ލަވަތަކަށް ފައްކާ ލަވަ ކިޔުންތެރިއެއްގެ ގޮތުގަ އެވެ. އެހެންވެ ގިނަ ބަޔަކު އޭނާ ދަންނަނީ "ޕޮޕް ބޯއި" ގެ ގޮތުގަ އެވެ.

ފަސް މެމްބަރުން ތިބި "ވަން ޑިރެކްޝަން" އިން 2015 ގައި ޒޭން މާލިކް ވަކިވުމާ ގުޅިގެން، ބޭންޑްގެ ގިނަ މެމްބަރުން މިހާރު މަސައްކަތް ކުރަނީ ސޯލޯ އާޓިސްޓުންގެ ގޮތުގަ އެވެ.

ހެރީ ކުޅެފައިވާ ފުރަތަމަ ފިލްމް "ޑަންކާކް" އަންނަ ޖުލައި މަހުގެ 21 ގައި ސިނަމާތަކަށް އަންނާނެ އެވެ.

މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ހަނގުރާމައިގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.