ޖެނެޓް ޖެކްސަން: ސެޕްޓެމްބަރު މަހު ޓުއާއަކަށް ނިކުންނާނެ.
03 މެއި 2017 - 06:04
ފަސް އަހަރުވީ ކައިވެންޏަށް ދާދި ފަހުން ދަރިއަކު ވެސް ލިބިފައި ވަނިކޮށް، ކައިވެނި ރޫޅިފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނެޓް ޖެކްސަން ޓުއާއަކަށް ނިކުންނަން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފި އެވެ.
އޭނާ މިދިޔަ އަހަރުގެ ޖުލައިގައި ފަށަން އެންމެ ފުރަތަމަ ޕްލޭންކުރި ޓުއާ "އަންބްރޭކަބަލް ވޯލްޑް ޓުއާ" ވަނީ ދަރިިއަކު ހޯދަން ނިންމުމާ ގުޅިގެން ކެންސަލްކޮށްފަ އެވެ.
ދުބާއީގެ ވިޔަފާވެރިއެއް ކަމަށްވާ ވިސާމް އަލް މަނާއާ ކައިވެނިކޮށްގެން، ޖެނެޓަށް ލިބުނު ފުރަތަމަ ދަރިފުޅު އީސާ އަލް މަނާ އުފަންވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް ޖެނެޓާއި ވިސާމް ވަކިވިކަން ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ.
ޓުއާއަކަށް ނިކުންނަން ނިންމިކަން އިއުލާންކޮށް، ފޭނުންނާ ޖެނެޓް ހިއްސާ ކުރި ޔޫޓިއުބް ވީޑިއޯއެއްގައި އޭނާ ވަނީ ވަރީގެ މައްސަލަ ކޯޓްގައި ހިނގަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ. އަދި ދަރިއަކު ލިބުމުން ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.
"ދަރިފުޅު ވަރަށް ލޯބި. ސިއްހަތު ވެސް ރަނގަޅު. ވަރަށް އުފަލުން މިހިރީ،" ފަސް މަސްވީ ދަރިފުޅާ ބެހޭ ގޮތުން ޖެނެޓް ބުންޏެވެ.
މަރުވެފައިވާ ޕޮޕް ލަވައިގެ ރަސްގެފާން މައިކަލް ޖެކްސަންގެ ކޮއްކޮ ޖެނެޓް ބުނީ އޭނާ ޓުއާ އަށް ނިކުންނާނީ ސެޕްޓެމްބަރު މަހުގެ 7 ގައި ކަމަށެވެ. އަދި ޓުއާގެ ނަން ވެސް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.
"އޯލް ފޮ ޔޫ" ފަދަ ހިތްގައިމު އެތައް ލަވަތަކެއް ގެނެސް ދީފައިވާ ޖެނެޓްގެ ޓުއާ އަށް މިހާރު ދީފައިވާ ނަމަކީ "ދަ ސްޓޭޓް އޮފް ދަ ވޯލްޑް ޓުއާ" އެވެ.
"އަހަރެން މިހިރީ ހަމަ ކުރިން ވެސް ވައުދުވި ގޮތަށް ޓުއާ ކުރިއަށް ގެންދަން ނިންމައިގެން. ސްޓޭޖް މަތިން ފޭނުންނާ ބައްދަލު ކުރަން ވެސް ކެތްތެރިކަން ކުޑަވެފައި މިހިރީ،" ޖެނެޓް، 50، ބުންޏެވެ. "އަހަންނަށް މިހާތަނަށް ސަޕޯޓް ކުރަމުން އައި ހުރިހާ ފޭނުންނަށް ޝުކުރު ވެސް އަދާ ކުރަން ބޭނުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy