ޝްވޭތާ ތިވާރީ އަކީ ހިންދީ ސިލްސިލާތައް ބަލާ މީހުންނަށް ވަރަށް ފަރިތަ މޫނެކެވެ. "ކަސައުޓީ ޒިންދަގީ ކީ" ގައި ޕްރޭރްނާގެ ރޯލު އަދާކުރި ޝްވޭތާގެ އަންހެންދަރިފުޅު ޕަލަކް ޗައުދަރީ ބޮޑުވެ އޭނާ ވެސް މިހާރު ވަނީ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރުމަށް ތައްޔާރުވެފަ އެވެ.

ޕަލަކް އަށް މިހާރު ވެސް ބައެއް ޕްރޮޖެކްޓްތައް ލިބިފައި ވިޔަސް އޭނާގެ ފުރަތަމަ ފިލްމަކީ 2007 ގައި ނުކުތް "ތާރޭ ޒަމީން ޕަރް"ގައި ނުކުޅެދުންތެރިކަމެއް ހުރި ކުއްޖެއްގެ ރޯލު އަދާކުރި ދަރްޝީލް ސަފާފީއާ އެކު ކުޅޭ "ކުއިކީ" ކަމަށްވެ އެވެ.

ދަރްޝީލް މީގެ 10 އަހަރު ކުރިން ކުޅުނު "ތާރޭ ޒަމީން ޕަރް"ގެ ޕޯސްޓަރެއް
ދަރްޝީލް މީގެ 10 އަހަރު ކުރިން ކުޅުނު "ތާރޭ ޒަމީން ޕަރް"ގެ ޕޯސްޓަރެއް

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ޝްވޭތާ ދީފައިވާ ބަޔާނެއްގައި އޭނާގެ ދަރިފުޅު ޕަލަކް ފިލްމު ކުޅެން ފަށާކަން ޔަގީން ކޮށްދީފައިވެ އެވެ. އަދި ދަރްޝީލްއާ އެކު ފިލްމެއް ކުޅުމުގެ މަޝްވަރާތައް ވެސް ކުރިޔަށްދާ ކަމަށް ޝްވޭތާ ބުންޏެވެ.

ޕަލަކް އަދި މަންމަ ޝްވޭތާ އާއެކު އޭނާ ނަގާފައިވާ ފޮޓޮއެއް
ޕަލަކް އަދި މަންމަ ޝްވޭތާ އާއެކު އޭނާ ނަގާފައިވާ ފޮޓޮއެއް

"ކަސައުޓީ" އަށް ފަހު "ޕަރްވަރިޝް" އާއި "ބޭގުސަރާއީ" ކިޔާ ސިލްސިލާއެއް ވެސް ކުޅުނު ޝްވޭތާ ވަނީ ރިއަލިޓީ ޝޯ "ބިގް ބޮސް 4" ކާމިޔާބުކޮށްފަ އެވެ. އަދި މި ނޫން ބައެއް ރިއަލިޓީ ޝޯތަކުގައި ވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ.

ޕަލަކް އަކީ ޝްވޭތާ ފުރަތަމަ ކައިވެނި ކުރި ރާޖާ ޗައުދަރީގެ ދަރިފުޅެކެވެ. ރާޖާ ކައިރިން ވަރިވުމަށް ފަހު މިހާރު ޝްވޭތާ އުޅެނީ ޓީވީ އެކްޓަރު އަބިނެވް އާ ކައިވެނިކޮށްގެންނެވެ. މިހާރު އަބިނެވް އާއި ޝްވޭތާ އަށް ވެސް ފިރިހެން ދަރިއަކު ވަނީ ލިބިފަ އެވެ.