ބްރޫސް ލީއާ ބެހޭ ގޮތުން އުފައްދާ "ލިޓްލް ޑްރަގަން" ގެ މިއުޒިކް އޭއާރް ރަހްމާނަށް

ކަރާޓޭ އަށް މުޅި ދުނިޔޭގައި ބޮޑު މަޝްހޫރުކަމެއް ހޯދި، އަދި އެ ކުޅިވަރުން ލެޖެންޑެއްގެ ދަރަޖަ ހޯދި ހޮންކޮންގުގެ މަޝްހޫރު ބުރޫސް ލީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމް "ލިޓްލް ޑްރަގަން" ގެ މިއުޒިކް ޑައިރެކްޓަރަކަށް، އޮސްކާ ހޯދާފައިވާ އިންޑިއާގެ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން ހަމަޖައްސައިފި އެވެ.


ރަހްމާން ވަނީ ދާދި ފަހުން ރިލީޒް ކުރި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރްގެ ބައޮޕިކް "ސަޗިން: އަ ބިލިއަން ޑްރީމްސް" އާއި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ބައޮޕިކް ޕެލޭ: ބާތު އޮފް އަ ލެޖެންޑް (2016)ގެ މިއުޒިކް ވެސް ހަދައި ދީފަ އެވެ.

"ލިޓްލް ޑްރަގަން" ޑައިރެކްޓް ކުރާ އިންޑިއާގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރް ވަނީ އެ ފިލްމުގެ މިއުޒިކް ހަދައިދޭން ރަހްމާން އެއްބަސްވިކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ. "މިސްޓަ އިންޑިއާ" ގެ ޑައިރެކްޓަރު ބުނީ ސްލަމްޑޯގް މިލިއަނާ (2009) އިން އޮސްކާ ހޯދިި ރަހްމާން "ލިޓްލް ޑްރަގަން" ގެ މިއުޒިކް ހެދުމުން ފިލްމު އިތުރަށް ފުރިހަމަ ވާނެ ކަމަށެވެ.

އެހެންވެ އެކަމާ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށް، ހޮލީވުޑްގެ ފިލްމްތައް ކަމަށްވާ އެލިޒަބަތު (1998) އަދި އެލިޒަބަތު: ދަ ގޯލްޑެން އޭޖް (2007) ވެސް އުފެއްދި ކުޅަދާނަ ޑައިރެކްޓަރު ބުންޏެވެ.

"ލިޓްލް ޑްރަގަން" އަކީ ބްރޫސް ލީގެ އަންހެން ދަރިފުޅު ޝެނަން ލީ ކޯ ރައިޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ އަދި ބްރޫސް ލީގެ އާއިލީ ފިލްމް ކުންފުނި ބްރޫސް ލީ އެންޓަޓައިންމަންޓުން އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް ފިލްމުގެ ކާސްޓް އަދި އިއުލާނެއް ނުކުރެ އެވެ.

ބްރޫސް ލީގެ ބައޮޕިކަކީ "ލިޓްލް ޑްރަގަން".

"ލިޓްލް ޑްރަގަން" ބްރޫސް ލީގެ ހަޔާތުގެ ސޮފުހާތަކުގެ އެކި ދައުރު ވަރަށް ފުރިހަމަ އަށް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ އެވެ. އެގޮތުން މާޝަލް އާޓްސްގެ ހުނަރުތަކާއި ބްރޫސް ލީގެ ޒާތީ ދިރިއުޅުމުގެ ކަންތައްތަކާއި އޭނާގެ ކެރިއަރު ބައްޓަންވެގެން އައި ގޮތް ފިލްމްގައި ދައްކުވައި ދޭނެ އެވެ.

އުމުރުން އެންމެ 32 އަހަރުގައި ބުރޫސް ލީ މަރުވީ ޖުލައި 20، 1973 ގަ އެވެ.