ޑެނިއަލް ކްރެއިގް: ބޮންޑްގެ ރޯލުން އަނެއްކާ ވެސް ފެންނާނެ.
18 އޯގަސްޓް 2017 - 08:19
"ޖޭމްސް ބޮންޑް" ގެ ކުރިއަށް އޮތް ފިލްމްގައި ޓައިޓްލް ރޯލް ކުޅޭނެ އެކްޓަރެއްގެ މައްސަލަ ކޮޅެއްގައި ނުޖެހި އޮއްވައި އެ ފިލްމް ރިލީޒް ކުރާ ތާރީހު އިއުލާން ކުރުމުން، ގިނަ ބަޔަކު ކުރިން ވެސް ހަމަ ލަފާކުރީ އެ ރޯލް ދެން ވެސް ކުޅޭނީ ޑެނިއަލް ކްރެއިގް ކަމަކަށެވެ.
ބޮންޑް ސީރީޒްގެ ކުރިއަށް އޮތް ފިލްމް ރިލީޒް ކުރަން ނިންމާފައި ވަނީ ނޮވެމްބަރު 8، 2019 ގަ އެވެ.
އުފާވެރި ހަބަރަކީ ބޮންޑްގެ ރޯލް ފަސް ވަނަ ފަހަރަށް ސްކްރީންގައި ދައްކާލަން ކްރެއިގް، 49، އެއްބަސްވި ވާހަކަ އެވެ. އޭނާ ވަނީ އެކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ. އަންގާރަ ދުވަހުގެ ރޭ ދަ ލޭޓް ޝޯ ވިތު ސްޓެފެން ކޮލްބަޓްގައި ޖޭމްސްގެ ބޮންޑްގެ ރޯލުން އަލުން ފެނިދާނެތޯ ސުވާލު ކުރުމުން ކްރެއިގް ވަނީ އެ ރޯލަށް އެނބުރި އަންނަކަން ކަށަވަރުކޮށް ދީފަ އެވެ.
އެކަން އޭނާ ޔަގީންކޮށް ދީފައި މި ވަނީ 2015 ގައި ރިލީޒް ކުރި ސްޕެކްޓްރާ އަށް ފަހު ބޮންޑްގެ ރޯލް ދެން ނުކުޅޭނެ ކަމަށް އިއުލާންކޮށްފައި ވަނިކޮށެވެ.
އެކަމަކު ކްރެއިގް ބުނީ ބޭނުންވީ ބްރޭކެއް ކަމަށާއި ބޮންޑްގެ ރޯލް ކުޅުމުގެ ޝައުގުވެރިކަން އެއް އިރެއްގައި ވެސް ނުގެއްލޭ ކަމަށެވެ.
"މިކަމާ ބެހޭ ގޮތުން އަހަރެމެން މަޝްވަރާ ކުރާތާ ވެސް މިހާރު ވަރަށް ދުވަސްވެއްޖެ. މިހިރީ އޭގެ މަސައްކަތް ފަށާ ހިތުން ކެތްމަދުވެފައި،" އެންމެ ފަހުން ރިލީޒް ކުރި ބޮންޑް ސީރީޒްގެ ހަތަރު ފިލްމްގައި އިނގިރޭސި ޖާސޫސީ އެޖެންޓްގެ ރޯލް ކުޅުނު ކްރެއިގް ބުންޏެވެ.
އެ އެ ރޯލަށް އެނބުރި އަންނަކަން ކަށަވަރުކޮށް ދިނުމާ އެކު، އޭނާ ބުނީ ފަސް ވަނަ ފިލްމަކީ ފަހު ފަހަރު ކަމަށެވެ.
ޖޭމްސް ބޮންްޑްގެ އާ ފިލްމް ރިލީޒް ކުރާނީ ނޮވެމްބަރު 8، 2019 ގައި.
ކްރެއިގް އެންމެ ފުރަތަމަ ބޮންޑްގެ ރޯލް ކުޅުނީ 2006 ގައި ރިލީޒް ކުރި "ކެސިނޯ ރޮޔޭލް" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ކްއަންޓަމް އޮފް ސޮލޭސް (2008)، ސްކައިފޯލް (2012) އަދި ސްޕެކްޓްރާ (2015) ގައި ބޮންޑްގެ ރޯލް ކުޅެފަ އެވެ.
ބާބަރާ ބްރޮކޮލީ އާއި މައިކަލް ޖޭ. ވިލްސަން ޕްރޮޑިއުސް ކުރާ ޖޭމްސް ބޮންޑްގެ އާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މި ސިލްސިލާގެ އެންމެ ފަހުގެ ހަތަރު ފިލްމުގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި ނިއާލް ޕުރްވިސް އާއި ރޮބަޓް ވޭޑް އެވެ. ނަމަވެސް 25 ވަނަ ފިލްމަށް ދީފައިވާ ނަމާއި މީގެ ޑައިރެކްޓަކީ ކާކު ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy