ހިއު ޖެކްމަން: "ދަ ފްރޮންޓް ރަނާ" ގައި ސެނެޓާ ގެރީ ހާޓްގެ ރޯލް ކުޅޭނެ.
26 ސެޕްޓެމްބަރ 2017 - 06:13
ވުލްވްރިން ފަދަ ހިޔާލީ ކެރެކްޓާތަކުން ނިކުމެ ހިއު ޖެކްމަން މި ފަހަރު ހަގީގީ ކެރެކްޓާއެއް ބޮޑު ސްކްރީންގައި ދައްކައިލުމުގެ މަސައްކަތް ފަށައިފި އެވެ.
އޭނާ މި ފަހަރު ކުޅެމުން އަންނަ ފިލްމަކީ އެމެރިކާގެ ކުރީގެ ސެނެޓާ އަދި ރިޔާސީ ކެންޑިޑޭޓް ގެރީ ހާޓްގެ ވާހަކަ ކިޔައިދޭ ފިލްމް "ދަ ފްރޮންޓް ރަނާ" އެވެ. މި ފިލްމްގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، ޖެކްމަން ވަނީ ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ފޭނުންނާ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯގައި ފެންނަނީ އޭނާ ޕޯޑިއަމެއްގެ ކައިރީގައި ބަޔަކާ މުހާތަބުކޮށް ވާހަކަ ދައްކަން ހުއްޓަ އެވެ.
"ދަ ފްރޮންޓް ރަނާ" އަކީ 1988 ގެ ރިޔާސީ އިންތިހާބަށް ގެރީ ނިކުމެ ކެމްޕޭން ކުރަމުން ދަނިކޮށް އޭނާގެ ސިއްރު ލޯބީގެ ގުޅުމެއް ފަޅާ އަރައި، ކެމްޕޭނާ ފެއަށް ޖެހިލަން މަޖުބޫރުވި ވާހަކަ ވެސް ކިޔައި ދޭނެ ފިލްމެކެވެ. މި ފިލްމުގައި ޖެކްމަން ގެރީގެ ރޯލް ކުޅޭ އިރު، ސިއްރު ލޯބިވެރިޔާ ޑޮނާ ރައިސްގެ ކެރެކްޓާ ކުޅޭނީ ސާރާ ޕެކްސްޓަން އެވެ.
Day 1. Principal photography. The Front Runner. #thefrontrunner @JasonReitman @BronStudios pic.twitter.com/oHdi3hYQ2O
— Hugh Jackman (@RealHughJackman) September 18, 2017
ޖެކްމަންގެ ޓްވީޓް.
ޖޭޒަން ރެއިޓްމަން ޑައިރެކްޓް ކުރާ "ދަ ފްރޮންޓް ރަނާ" ގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ ގެރީއާ ބެހޭ ގޮތުން ލިޔެފައިވާ ފޮތް "އޯލް ދަ ޓްރުތު އިޒް އައުޓް: ދަ ވީކް ޕޮލިޓިކްސް ވެންޓް ޓެބްލޮއިޑް" އަށެވެ.
މީގެ ސްކްރީންޕްލޭ ލިޔަނީ ޑައިރެކްޓަރު ޖޭޒަން އާއި ޖޭ ކާޒަންގެ އިތުން ބާއީ އެވެ. ޖޭއަކީ އެންމެ ފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރި ހިލަރީ ކްލިންޓަންގެ ކުރީގެ ޕްރެސް ސެކްރެޓަރީ އެވެ.
"ދަ ފްރޮންޓް ރަނާ" އަކީ އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ފިލްމަކަށް ވިޔަސް، ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy