ދިވެހި ފިލްމްތަކާއި ޑްރާމާތަކުގެ ރަހަ ހެޔޮވަރުކޮށް ދޭ އެއް ބަޔަކީ އެ އުފެއްދުންތަކުގައި މަންމައިންގެ ރޯލް ކުޅޭ ބަތަލާއިންނެވެ. ދިވެހި ސިނަމާއަށް ބަލައިފި ނަމަ ވަރަށް މޮޅު އަދި އެހާމެ މަގުބޫލް ސްކްރީން މަންމައިންތަކެއް ފެނިގެން ގޮސްފައިވެ އެވެ.
މީގެ ތެރޭގައި ވަރަށް ލޯބިލޯބި މަންމައިންނާއި ނުފޫޒުގަދަ އަދި އެހާމެ ޒީލަ ގަދަ މަންމައިން ވެސް ހިމެނެ އެވެ. އެކަލަ ބައެއް މަންމަމައިންގެ ހަނދާންތައް އާކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟ މި ލިސްޓްގައި ހިމެނޭ މަންމައިިންގެ ތެރެއިން އެންމެ މޮޅީ ކާކުތޯ ނިންމާނީ ކިޔުންތެރިންނެވެ.
ހާޖަރާ
މިއީ އެއް ޒަމާނެއްގައި ދިވެހި ސިނަމަނާގައި އެންމެ ނުފޫޒު ގަދަ އެއް އަންހެން ފަންނާނެވެ. ހާޖަރާ މިހާރު ދުނިޔޭގައި ނެތަސް އޭނާއަކީ ދިވެހިން އަބަދު ވެސް ހަނދާން ކުރާނެ ބަތަލާއެކެވެ. ހާއްސަކޮށް، ފިލްމްތަކާއި ޑްރާމާތަކުގައި އޭނާ ކުޅެފައިވާ ނުފޫޒު ފަދަ މަންމަގެ ރޯލްތައް ވަކިން ފާހަގަކޮށްލެވޭނެ އެވެ. އެގޮތުން 80ގެ އަހަރުތަކާއި 90ގެ އަހަރުތަކުގައި ހާޖަރާ ކުޅުނު ފިލްމްތައް ކުޅެފައިވާ ކެރެކްޓާތައް ވަކިން ފާހަގަކޮށްލެވޭނެ އެވެ.
ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ (މަރަދޫ) ކުޅެފައިވާ ގިނަ ފިލްމްތަކުގައި އޭނާގެ މަންމަގެ ރޯލް ހާޖަރާ ކުޅެފައިވާ އިރު، އެ ފިލްމްތަކުގައި އޭނާ ދައްކުވައި ދީފައިވާ ބެވުން ގިނަ ރޯލްތައް އަދިވެސް ފިލްމް ބަލާ މީހުން ހަނދާން ހުންނާނެ އެވެ. އޭގެ ތެރޭގައި "ލޭކަރުނަ" އާއި "އިތުބާރު" ފަދަ ފިލްމްތައް ހިމެނެ އެވެ.
ހާޖަރާގެ އެންމެ ފަހުގެ މަސައްކަތަކަށް ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވަނީ އަބްދުލް ފައްތާހް ޑައިރެކްޓް ކުރި "ތިއޭ މި ހިތުގެ ވިންދަކީ" އެވެ. ހާޖަރާއަކީ ހަމައެކަނި ބަތަލާއެއް ވެސް ނޫނެވެ. އޭނާ ވަނީ ބައެއް ފިލްމްތައް ލިޔެ، ޑައިރެކްޓް ވެސްކޮށް، އޭގެ މުހިއްމު ރޯލްތައް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި "ދޮންމަންމަ" އާއި "އަޖައިބު" ހިމެނެ އެވެ.
އާރިފާ އިބްރާހީމް (އާރިފާ މަންމަ)
މިއީ ފިލްމީ ފަންނާނުން ކިޔާ ގޮތުން ނަމަ އާރިފާ މަންމަ އެވެ. ފިލްމީ ދާއިރާ އަށް ނިކުތީންސުރެ މި ދާއިރާގައި މެދުކެނޑުމެއް ނެތި، މަސައްކަތް ކުރަމުން އަންނަ އާރިފާއަކީ ހާޖަރާ ގޮތަށް އެހާމަ ޒީލަ ގަދަ މަންމައެކެވެ. ގިނަ ފިލްމްތަކާއި ޑްރާމާތަކުގައި ގިނައިން އެކަހަލަ ރޯލްތައް ކުޅެފައި ހުރުމުން، އާރިފާ ބޮޑަށް މަޝްހޫރީ ވެސް ޒީލަ ގަދަ، ރުޅި ގަދަ މަންމައެއްގެ ރޯލް ކުޅެން މޮޅު ބަތަލާއެއްގެ ގޮތުގަ އެވެ.
އެކަމަކު އޭނާއަކީ ހަމަ އެހާ ލޯބި، މަޑުމައިތިރި މަންމައެއްގެ ރޯލް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި "ފަތިސްހަނދުވަރު" އާއި "ހައްގު" ފާހަގަކޮށްލެވޭނެ އެވެ. އާރިފާގެ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒް ކުރި "ނޭދެން ވަކިވާކަށް" އިންނެވެ. އާރިފާގެ ޑްރާމާތަކުގެ ތެރެއިން އޭނާ ކުޅުނު "ކައްތިރި" އަކީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
ހާޖަރާއާ އެއްގޮތަށް މަންމަގެ ރޯލްތަކުން ބެލުންތެރިން ހިތްތައް އަތުލައި، އާރިފާ ވަނީ ޑްރާމާ ފިލްމް ވެސް ޑައިރެކްޓްކޮށްފަ އެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް ނާޒިމާ ކުޅުނު ފިލްމް "ސާހިބާ" އަކީ އާރިފާގެ ޑައިރެކްޝަނެކެވެ. އޭނާގެ ޑްރާމަކުގެ ތެރެއިން އެންމެ މަގުބޫލްވި ޑްރާމާއަކީ "ވައިރޯޅި އަށް ވެސް ސިއްރުން" އެވެ.
ފައުޒިއްޔާ ހަސަން
މިއީ މިހާރު މަންމައިންގެ ރޯލް ކުޅޭ ބަތަލާއިންގެ ތެރެއިން އެެންމެ ދުވަސްވީ ބަތަލާ އަށް ވެދާނެ އެވެ. ފައުޒިއްޔާއަކީ ވެސް ފިލްމްތަކާއި ޑްރާމާތަކުގައި މަންމައެއްގެ ތަފާތު ކެރެކްޓާތަކެއް ދައްކުވައި ދީފައިވާ ފަންނާނެކެވެ. އޭނާ އެންމެ ފަހުން ފެނުނީ "ހައްދު" ގައި ބަތަލާ މަރިޔަމް އައްޒަގެ މަންމަގެ ރޯލުންނެވެ.
ފައުޒިއްޔާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމްތަކުގެ ތެރޭގައި "ހިމޭން ދުނިޔެ" އަދި "ވާ ލޯބި އެނގޭ ނަމަ" ހިމެނެ އެވެ.
އައިމިނަތު ރަޝީދާ (އައިންތު)
މިއީ އަނެއްކާވެސް އެހާމެ ކުޅަދާނަ ސްކްރީން މަންމައެކެވެ. މި ފިލްމީ ދާއިރާގައި މިހާރު ތިބި އެންމެ ވިދާ ދެ ބަތަލާއިން ކަމަށްވާ މަރިޔަމް އައްޒަ އާއި އައިޝަތު ރިޝްމީގެ މަންމަ އެވެ. ވަރަށް ގިނަ ޑްރާމާތަކާއި ފިލްމްތަކުގައި އައިންތު ވަނީ މަންމައެއްގެ ރޯލް ކުޅެފަ އެވެ. އޭގެ ތެރޭގައި ގިނައިން ހުރީ މަޑުމައިތިރި ދަރިން ދެކެ ވަރަށް ލޯބިވާ މަންމައެއްގެ ރޯލެވެ.
ހާއްސަކޮށް، އައިންތު އަލީ އާއި ޝަމީލް އެކުގައި ކުޅެފައިވާ މަންމަ އާއި ބައްޕަގެ ރޯލް ވަރަށް ހިތްގައިމެވެ. އޭގެ ތެރޭގައި "ކައްތިރި" ޑްރާމާ އާއި "ކަލާގެ ހައްގު" ހިމެނެ އެވެ.
އައިންތު ލޯބި މަންމައެއްގެ ގޮތުގައި ލޭބަލްވެފައި އޮތަސް، އޭނާ ވަނީ ހާޖަރާ އާއި އާރިފާ އަށް ވެސް ވަކި ދޫނުކުރާ ވަރުގެ ރޯލެއް "ފަނާ" ގައި ކުޅެފަ އެވެ. އެ ފިލްމްގައި މަންމައެއްގެ މުޅިން އެހާ ފަރާތެއް އައިންތު ވަނީ ފުރިހަމަ އަށް ދައްކުވައު ދީފަ އެވެ. އެ ފިލްމްގައި އޭނާ ބުރުގާ އަޅާ ސްޓައިލާއި ދަނބިދަރިއާ ޖައްސާލައިގެން އުޅޭ މައިދަތައެއްގެ ރޯލް ވަރަށް ފުރިހަމަ އަށް ދައްކުވައި ދީފައިވެ އެވެ.
މަރިޔަމް ޝަކީލާ
ލީޑިން ބަތަލާއެއްގެ ގޮތުގައި ނިކުމެ ފަހުން، މަންމައެއްގެ ރޯލުން ފެންނަން ފެށި ޝަކީލާއަކީ ވެސް ފިލްމް ބަލާ މީހުންގެ ހިތްތައް ވަރަށް ބޮޑަށް އަތުލާފައިވާ ބަތަލާއެކެވެ. މި ފަހުން ވަރަށް ގިނަ ފިލްމްތަކާއި ޑްރާމާތަކުގައި ޝަކީލާ ވަނީ މަންމައެއްގެ ރޯލް ކުޅެފަ އެވެ. އޭގެ ތެރޭގައި ގިނައިން ތަންކޮޅެއް "މައިތިރި" މަންމައެއްގެ ރޯލްތައްކަން ފާހަގަކޮށްލެވެ އެވެ.
ޝަކީލާ އެންމެ ފަހުން ފެނުނީ ސެޕްޓެމްބަރުގައި ރިލީޒް ކުރި ފިލްމް "ހައްދު" އިން އަލީ އާޒިމް (ދޮންއައްޔަ) ގެ މަންމަގެ ރޯލުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމްތަކަށް ބަލާ އިރު، "ވަކިން ލޯބިން"، "ދެވަންސޫރަ" އަދި "ގިލަން" ފާހަގަކޮށްލެވެ އެވެ.
މަރިޔަމް ހަލީމް
ފިލްމްތަކާއި ޑްރާމާތަކުން ފެންނަ މަންމައިންގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވޭ އެކަކީ މަރިޔަމް ހަލީމެވެ. އެހެން ގޮތަކަށް ކިޔާ ނަމަ ރަވީ މަންމަ [އެކްޓަރު/ޑައިރެކްޓަރު ރަވީ ފާރޫގް] އެވެ.
މަރިޔަމް ވެސް ބޮޑަށް ފާހަގަ ކުރެވެނީ ޒީލަ ގަދަ ރޯލްތަކުންނެވެ. އޭނާ ގިނައިން ފެނިފައި ހުރީ ވެސް އެކަހަލަ ރޯލްތަކުންނެވެ. މި ލިސްޓްގައި ހިމެނޭ އެހެން މަންމައިންނަށް ބަލާ އިރު، މަރިޔަމްއަކީ ތަންކޮޅެއް ފަހުން ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފެށި ފަންނާނެކެވެ.