އާ އަހަރުގެ ޝޯ އަށް މިކާ އާއި ރާހަތު ރާއްޖެ ގެންނަނީ

އާ އަހަރު ފާހަގަ ކުރަން މި މަހުގެ 31 ވަނަ ދުވަހުގެ ރޭ މާލޭގައި ބާއްވާ ޓޫރިޒަމް އެރައިވަލް ކައުންޓްޑައުން ޝޯ އަށް ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރަހާތު ފާތިހް އަލީ ޚާނާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް ރާއްޖެ ގެންނަން ނިންމައިފި އެވެ.


ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މި ޝޯގެ ޕާޓްނަރުންނާ އެކު މިއަދު ވަނީ ސޮއި ވެސްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)، ސިވެސް، ޗޮޕްއާޓް އަދި ޑުބާއީގެ ޕޯޓްފޯލިއޯ މެނޭޖްމަންޓެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަންނަނީ ކޮންމެ އަހަރަކު ވެސް ބޭރުގެ މަޝްހޫރު ބައެއް ފަންނާނުން ގެނެސްގެން އާ އަހަރާ ދިމާކޮށް ޓޫރިޒަމް އެރައިވަލް ކައުންޓްޑައުން ޝޯ ބާއްވަމުންނެވެ.

ރާހަތުގެ ލަވަތަކެއް.

މީގެ ކުރިން މި ޝޯ އަށް ރާއްޖެ އައި މަޝްހޫރު ތަރިންގެ ތެރޭގައި ބޮލީވުޑް/ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ބޮލިވުޑްގެ ދެމަފިރިން ކަމަށްވާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ، އެމެރިކާގެ ލަވަ ކިޔުތެރިޔާ އޭކަން، ޕާކިސްތާންގެ ލަވަ ކިޔުންތެރިޔާ އާތިފް އަސްލަމް އަދި އިންޑިއާގެ މަޝްހޫރު ޒުވާން ލަވަ ކިޔުންތެރިޔާ އަރްމާން މާލިކް ހިމެނެ އެވެ.

މި އަހަރުގެ ޝޯ އަށް އަންނަ ދެ ފަންނާނުންނަށް ބަލާ އިރު ޕާކިސްތާންގެ ލަވަ ކިޔުންތެރިޔާ ރާހަތު، 44، އަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމްތަކަކަށް ހިތްގައިމު އެތައް ލަވައެއް ކިޔައިދީފައިވާ ފަންނާނެކެވެ. އޭނާގެ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި ފިލްމް "ބޮޑީގާޑް" ގެ ތޭރީ މޭރީ، "ސުލްތާން" ގެ ޖަގް ގޫމިޔާ އަދި "ބާދްޝާހޯ" ގެ މެރޭ ރަޝްކޭ ގަމަރް ފަދަ އެތައް ލަވައެއް ހިމެނެ އެވެ.

މިކާގެ ލަވަތަކެއް.

ވަރަށް ތަފާތު އަޑެއް ލިބިފައިވާ މިކާ، 40، އަކީ ވެސް ވަރަށް ގިނަ ފިލްމްތަކަށް މަގުބޫލް ލަވަތަކެއް ކިޔައި ދީފައިވާ ލަވަ ކިޔުންތެރިއެކެވެ. އޭނާގެ ފަހުގެ ބައެއް ލަވަކުގެ ތެރޭގައި "މުބާރަކަން" ގެ "ހަވާ ހަވާ"، "ކިކް" ގެ ޖުއްމޭ ކީ ރާތު، އަދި "ރެޑީ" ގެ ޑިންކަ ޗިކާ" ފަދަ ލަވަތައް ހިމެނެ އެވެ. މިކާއަކީ ސްޓޭޖް މަތީގައި އާންމުކޮށް އަވިއައިނު އަޅައިގެން މަޖާ ހަރަކާތްތަކާ އެކު ޕަފޯމް ކުރަން މަޝްހޫރު ލަވަ ކިޔުންތެރިއެކެވެ.