ލަވަ ކިޔުންތެރިޔާ އަރްމާން މާލިކް އެނގެނީ ކިހާ ވަރަކަށް؟

މާދަމާ ރެއަކީ އަނެއްކާ ވެސް އިންޑިއާގެ މަޝްހޫރު ފަންނާނަކު ރާއްޖޭގައި ޕާފޯމް ކުރާނެ ރެއެކެވެ. އާ އަހަރާ ދިމާކޮށް ޓޫރިޒަމް މިނިސްޓްރީ އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ބާއްވާ "ސަނީ ސައިޑް މިއުޒިކް ފެސްޓިވަލް 2017" ގެ ޝޯ އަށް ބޮލީވުޑްގެ މަޝްހޫރު ޒުވާން ލަވަ ކިޔުންތެރިޔާ އަރްމާން މާލިކް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.


އޭނާ ރާއްޖެ އަންނަ ވާހަކަ އަޑު އިވުމާ އެކު ސޯޝަލް މިޑިއާގައި ބައެއް ދިވެހިން އެންމެ ބޮޑަށް ކުރި ސުވާލަކީ އެއީ ކާކުތޯ އެވެ؟ އެކަމަކު ހިންދީ ފިލްމުތަކަށް ލޯބިކުރާ އަދި ހިންދީ ލަވަތައް އަޑު އަހާ މީހުންނަކަށް އަރްމާންގެ ސިފަ އާ ވިޔަސް، އޭނާގެ އަޑު އަލެއް ނުވާނެ އެވެ. އޭނާ އަކީ ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ އުންމީދީ ފިރިހެން އެއް ލަވަ ކިޔުންތެރިޔާ އެވެ. މަގުބޫލު އެތައް ލަވައެއް އޭނާ ވަނީ ކިޔައިފަ އެވެ.

އަރްމާން މާލިކަކީ ކާކު؟

އުމުރުން އަދި އެންމެ 21 އަހަރުގެ މި ލަވަ ކިޔުންތެރިޔާއަކީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނޫ މަލިކަށް ބޮޑު ބޭބެ ކިޔާ ޒުވާނެކެވެ. އޭނާގެ ބައްޕަ ޑަބޫ މަލިކަކީ "ބާޒީގަރް" އާއި "މޭނޭ ދިލް ތުޖްކޮ ދިޔާ" ފަދަ ފިލްމްތަކަށް މިއުޒިކް ތައްޔާރުކޮށް ދީފައިވާ ހުނަރުވެރިއެކެވެ.

މި އާއިލާއަކީ މިއުޒިކާ ވަރަށް ބޮޑަަށް ގުޅިލާމެހިފައި އޮތް އާއިލާއެކެވެ. އެހެންވެ އަރްމާނަކީ މިއުޒިކީ ލޭ އޭގެ އެންމެ ހޫނުކޮށް ހަށިގަނޑުގައި ހިނގާ ލަވަ ކިޔުންތެރިއެކެވެ. އޭނާގެ އާއިލާގެ މިއުޒިކީ ފަންނު ތިން ޖީލަކަށް ދެމިގެން ގޮސްފައިވެ އެވެ.

އަރްމާން (ކ) އާއި ބައްޕަ ޑަބޫ އާއި ބޭބެ އަމާން އާ އެކު.

އަރްމާންގެ ކާފަ ސަރްދާރް މާލިކަކީ އެތަކެއް ފިލްމަކަށް ހިތްގައިމު މިއުޒިކް ތައްޔާރުކޮށްދީފައިވާ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރެކެވެ. އޭނާގެ ބޮޑުބޭބެ ހަސްރަތު ޖެއިޕޫރީއަކީ މަޝްހޫރު ޅެންވެރިއެކެވެ. ދެން ހުރީ އިތުރު ތައާރަފަކަށް ބޭނުން ނުވާ، ބޮލީވުޑްގެ އެތައް ސަތޭކަ ފިލްމަކަށް މިއުޒިކް ތައްތާރުކޮށް ދީފައިވާ އަނޫ މަލިކެވެ.

އޭނާ ޖަޖެއްގެ ގޮތުގައި ބައިވެރިވާ "އިންޑިއަން އައިޑޮލް" ގެ އޮޑިޝަން އެޕިސޯޑްތައް މިހާރު ސޮނީ ޓީވީން ފެންނާނެ އެވެ.

އަރްމާނަކީ ހަމައެކަނި ލަވަ ކިޔުންތެރިއެއް ނޫނެވެ. އޭނާއަކީ ވެސްޓަން މިއުޒިކާ އެކު އިންޑިއަން ކުލެސިކް މިއުޒިކުން ތަމްރީނު ލިބިފައި ހުރި މިއުޒިކް ޑައިރެކްޓަރެއް ވެސް މެ އެވެ. އެ މަސައްކަތުގައި އޭނާގެ ބައިވެރިއަކީ ބޭބެ އަމާން މާލިކެވެ. ބޮލީވުޑްގެ ފިލްމްތަކަށް މިއުޒިކް ތައްޔާރުކޮށް ދެނީ ދެ މީހުން ގުޅިގެންނެވެ.

އަރާމާން ރާއްޖެ އައިސް އިބްރާހީމް ނާސިރު އެއާޕޯޓްގައި. ފޮޓޯ: ޕީއެސްއެމް

އެހެން ގޮތަކަށް ބުނާ ނަމަ މިއުޒިކް ޑައިރެކްޓަރުންގެ ޖޯޑުންގެ ގޮތުގައި މަޝްހޫރުވެފައިވާ ނަދީމް-ޝަރްވަން، ޖަތިން-ލަލިތު، ވިޝާލް ޝޭކަރް، ސާޖިދު-ވާޖިދު އަދި ސަޗިން-ޖިގަރް ފަދަ އިން އަރްމާނާއި އަމާންގެ ޖޯޑަކީ މިހާރު ބޮލީވުޑްގައި އެންމެ ނަން ހިނގާ، އެންމެ ޑިމާންޑް ބޮޑު އެއް މިއުޒިކް ޖޯޑެވެ.

އާއިލާގެ ތެރޭގައި ތިބި މިއުޒިކް ލެޖެންޑުންގެ ހިޔަނީގައި ކުރިއަށް ދިއުމުގެ ބަދަލުގައި އަރްމާނާއި އަމާން ގިނަ ބަޔަކު ބަލައިގަތީ އަމިއްލަ އައިޑެންޓިޓީއެއް މިހާރު އޮތް ދެ ހުނަރުވެރިންގެ ގޮތުގަ އެވެ.

އަރްމާންގެ ޖޫކްބޮކްސް

ފިލްމްތަކަށް ލަވަ ކިޔުމުގެ އިތުރަށް އަރްމާނާއި އަމާން ވަނީ އަލްބަމް ވެސް ނެރެފަ އެވެ. އޭގެ ތެެރޭގައި އޭނާގެ ނަމުން ދީފައިވާ އަލްބަމް "އަރްމާން" ފާހަގަކޮށްލެވެ އެވެ.

ޓީ ސީރީޒާ އެކު އެއްބަސްވުމެއް ހަދާފައި އޮންނަ އަރްމާން ވަނީ ލަވަ ކިޔައިގެން ގިނަ އެވޯޑްތަކެއް ވެސް ހޯދައިފަ އެވެ. އޭނާ ލަވަ ކިޔާފައި ހުރީ ހަމައެކަނި ހިންދީ ބަހަކުން ވެސް ނޫނެވެ. ބެންގާލީ، ޓެމިލް، ކަންނާޑާ، އުރުދޫ، ގުޖުރާތީ އަދި މަރާތީ ބަހުން ވެސް ލަވަ ކިޔާފައިވެ އެވެ.

އަރްމާންގެ އެވޯޑްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެ އެވޯޑަކީ މިދިޔަ އަހަރު ރިލީޒްވި "ހީރޯ" އަށް އޭނާ ކިޔައި ދިން ލަވަ "މޭ ހޫނ ހީރޯ ތެރާ" ކިޔައިގެން ލިބުނު މޮސްޓް ޕޮޕިއުލާ ސިންގާ އޮފް ދި އިޔާގެ ދާދާ ސާހެބް ޕާލްކޭ އެވޯޑާއި ފިލްމް ފެއާ އެވޯޑްގައި ބެސްޓް ނިއު ޓެލެންޓްގެ އާރްޑީ ބަރްމަން އެވޯޑެވެ.

އަރްމާންގެ ކިޔާފައި ހުރީ ކޮން ލަވަތަކެއް؟

އޭނާ ވަނީ މިހާތަނަށް 200 އެއްހާ ލަވަ ކިޔައިފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމުތަކަށް ކިޔައި ދީފައިވާ ލަވަތައް ވެސް ހިމެނެ އެވެ. މިހާތަނަށް 16 ވަރަކަށް ފިލްމެއް އަރްމާން ވަނީ ލަވަ ކިޔައިފަ އެވެ.

"ބާގީ" އާއި އަރްމާނާއި ބަތަލާ ޝްރަދާ ކަޕޫރު ކިޔާފައިވާ ލަވައެއް.

އޭގެ ތެރޭގައި މި އަހަރު ރިލީޒްވި ގިނަ ފިލްމުތަކެއް ވެސް ހިމެނެ އެވެ. ކީ އެންޑް ކާ، ސަނަމް ރޭ، ވަޖާ ތުމް ހޯ، އަޒްހަރު، ކަޕޫރު އެންޑް ސަންސް، ބާގީ، އެމްއެސް ދޯނީ: ދި އަންޓޮލްޑް ސްޓޯރީ އަދި ބާރް ބާރް ދޭކޯއަކީ އަރްމާންގެ ހިތްގައިމު އަޑު އިވިގެންދާ ފިލްމުތަކެވެ.

އޭނާ ލަވަ ކިޔައި ދީފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒްވި "ހޭޓް ސްޓޯރީ 3"، "ގާޔަލް ވަންސް އެގެއިން"، "ޖެއި ހޯ"، "ކެލެންޑަ ގާލްސް" އަދި "އޯލް އިޒް ވެލް" ހިމެނެ އެވެ.

އަރްމާންގެ ޝޯއަކަށް އިންތިޒާރު ކުރާ ނަމަ ޔަގީންވާ ކަމަކީ އޭނާގެ އަޑުން ރީތި ލަވަތަކެއް އިވޭނެކަމެވެ. އޭގައި އެއްވެސް ޝައްކެއް ނެތެވެ. މިހާތަނަށް އޭނާ ކިޔާފައިވާ ކޮންމެ ލަވައަކީ އާންމުންގެ މެދުގައި އެހާމެ މަގުބޫލު، އެހާމެ ރީތި ލަވަތަކެވެ.

"ހޭޓް ސްޓޯރީ" ގެ ލަވައެއް އަރްމާން ޝޯއެއްގައި ކިޔަނީ.

އެހެންވެ ދިވެހިންގެ ކުރިމަތީގައި ޕަފޯމް ކުރާ އިރު، ދިވެހިންގެ ހިތްތައް އޭނާގެ އަޑަށް ލެނބޭނެކަމާ ދޭތެރޭ ޝައްކެއް ނެތެވެ.