ޖަސްޓިން ޓިމްބަލޭކްގެ އާ އަލްބަމް "މޭން އޮފް ދަ ވުޑްސް" އަންނަ މަހު ނެރެނީ

މީގެ ކުރިން ވަރަށް ކާމިޔާބު ހަތަރު އަލްބަމް ނެރެފައިވާ އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޖަސްޓިން ޓިމްބަލޭކްގެ އާ އަލްބަމް "މޭން އޮފް ދަ ވުޑްސް" އަންނަ މަހު ނެރެން ނިންމައިފި އެވެ.


އޭނާގެ ފަސް ވަނަ އަލްބަމް ފެބްރުއަރީގައި ރިލީޒް ކުރާނެކަން އިއުލާން ކުރި ނަމަވެސް ސީދާ ތާރީހެއް ނުބުނެ އެވެ. ޖަސްޓިން އެންމެ ފަހުން އަލްބަމެއް ނެރުނީ 2013 ގަ އެވެ. އެއީ އެ އަހަރު ނެރުނު "ދަ 20/20 އެކްސްޕީރިއަންސް" އެވެ.

ދަ ސޯޝަލް ނެޓްވާކް (2010) އާއި ވޮންޑަ ވީލް (2017) ފަދަ ފިލްމުތައް ވެސް ކުޅެފައިވާ ލަވަކިޔުންތެރިޔާ ބުނީ "މޭން އޮފް ދަ ވުޑްސް" އަކީ އޭނާގެ އާއިލާ އަށް ވަރަށް ހާއްސަ އަލްބަމެއް ކަމަށެވެ.

FRIDAY...

A post shared by Justin Timberlake (@justintimberlake) on

"މޭން އޮފް ދަ ވުޑްސް" ނެރޭނީ އަންނަ މަހު

"މީގެ ލަވަތައް ހުންނާނީ އަހަރެންގެ އަންހެނުންނާއި ދަރިފުޅާއި އަދި މުޅި އާއިލާ ވެސް އިންސްޕަޔާވެގެން ހަދާފައި. އެހެންވެ ކުރިން ނެރުނު އަލްބަމްތަކަށް ވުރެ މި އަލްބަމް އަހަރެންގެ ހިތާ ގާތްވެފައި، މާ ބޮޑަށް ވެސް ޖަޒުބާތީ ވާނެ،" 10 ގްރެމީ މިހާތަނަށް ހާސިލްކޮށްފައިވާ ޖަސްޓިން، 36، ބުންޏެވެ.

އަންނަ މަހު އާ އަލްބަމް ރިލީޒް ކުރާ އިރު، ފެބްރުއަރީގައި އޮންނަ އެމެރިކާގެ މަޝްހޫރު "ސްޕަ ބޯލް" މެޗުގެ އިންޓަވަލް ގަޑީގައި ވެސް ޖަސްޓިން ޕަފޯމް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސުޕަ ބޯލަކީ އެމެރިކަން ފުޓްބޯލް މުބާރާތުގެ ފައިނަލް މެޗެވެ. މިއީ އެމެރިކާގައި އެންމެ ގިނަ މީހުން އެއްފަހަރަ ބަލާ ކުޅިވަރުގެ ވާދަ އެވެ. މިފަހަރުގެ ސުޕަ ބޯލް އޮންނާނީ ފެބްރުއަރީ 2 ގަ އެވެ.