ޝަލަބީ މި ފަހަރު އެހުންތެރިން ގެންދަނީ "ދޮންވެލި ތުނޑި" އަށް

ޝަލަބީ އިބްރާހީމްގެ ލަވަތަކަށް ލޯބި ކުރާ މީހުންނަށް އަނެއްކާ ވެސް އާ ހަދިޔާއެކެވެ. އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގަ އެވެ. މި ފަހަރު އޭނާ އެހުންތެރިން ގެންދަނީ "ދޮންވެލި ތުނޑި" އަށެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި ލަވަ ކިޔުންތެރިޔާ މި ލަވަ ކިޔައި ދެނީ އަންހެން ބައިވެރިޔަކާ ވެސް އެކުގަ އެވެ. އެއީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް އަންހެން އަޑުގެ ވެރިޔާ ރާފިޔަތު ރަމީޒާއާ އެކުގަ އެވެ.


ޝަލަބީ އާއި ރާފިޔަތު ކިޔާފައިވާ "ދޮންވެލި ތުނޑި" އަކީ އަމިއްލަ ރާގެއް ނޫން ނަމަވެސް، މި ލަވަވެގެން ދާނީ ހަމަ ޔަގީނުން ވެސް އަހާލަން ރީތި ލަވައަކަށެވެ. ލަވައަކީ ކުރީގެ ހިންދީ ލަވައެއް ކަމަށްވާ އަދި ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "ޔެ ރާތޭ ޔެ މޯސަމް" ރާގަށް ހަދާފައިވާ ލަވައެކެވެ.

ލަތާ މަންގޭޝްކަރް އާއި ކިޝޯރް ކުމާރް، ފިލްމް ދިއްލީ ކާ ތަގް (1958) އަށް ކިޔައި ދީފައިވާ "ޔެ ރާތޭ ޔެ މޯސަމް" ވަނީ ފަހުން ޒަމާނީ މިއުޒިކާ ވެސް އެކު އެހުންތެރިންނާ ހަމައަށް އައިސްފަ އެވެ. އެއީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލް އިންޑިއާގެ ޒުވާން ލަވަ ކިޔުންތެރިޔާ ސަނަމް ޕޫރީގެ އަޑުންނެވެ.

އެކަމަކު މި ލަވަ މި ފަހަރު ޝަލަބީ ގެނެސް ދެނީ ދިވެހިންނާ އެންމެ ގާތް ވާނެ ގޮތަށެވެ. ޅެން އެ އޮތީ ދިވެހިންނެވެ. "ދޮންވެލި ތުނޑި" ލަވައިގެ ޅެން ހަދާފައި ވަނީ ރަޒިއްޔާ ހަސަނެވެ. ލަވަފޮށިން މިހާރު އަޑު އަހައިލެވޭ ގޮތަށް އޮތް ލަވައިގެ ޕްރޮޑިއުސަރަކީ ވެސް އޭނަ އެވެ.

މިއުޒިކް ވީޑިއޯއެއްގެ ގޮތުގައި ވެސް "ދޮންވެލި ތުނޑި" ގެނެސް ދޭން ޝަލަބީގެ ޓީމުން ނިންމާފައިވާ އިރު، މި ލަވަ ކޮމްޕޯޒްކޮށް، ރިކޯޑްކޮށް، މިކްސިން ހަދައި މާސްޓަރިން ހަދާފައި ވަނީ ހައުސް އޮފް މިއުޒިކުންނެވެ.

"ޔެ ރާތޭ ޔެ މޯސަމް" ލަވައިގެ ވީޑިއޯ.

"ދޮންވެލި ތުނޑި" އަކީ މިދިޔަ އަހަރުގެ މެއި މަހު ގެނެސް ދިން ޝަލަބީގެ ރަސްމީ ފުރަތަމަ ވީޑިއޯ ލަވަ "އާދޭސް" އަށް ފަހު، ހައުސް އޮފް މިއުޒިކުން ގެނެސް ދިން ދެވަނަ ލަވަ އެވެ.

މި ވަގުތަށް ލަވައިގެ އޯޑިއޯ އަޑު އަހާލައި، "ދޮންވެލި ތުނޑީ" ގެ މަންޒަރުތަކަށް އިންތިޒާރު ކުރަމާ ހިނގާށެވެ. އޮރިޖިނަލް ލަވައިގައި ކިޝޯރާއި ނޫޓަން އެ ދައްކާ ފަރި ހަރަކާތްތައް ޝަލަބީގެ ޓީމުން ގެނެސްދޭ ލަވައިން ވެސް ފެނި ދާނެ އެވެ.