އެލްޓަން ޖޯންގެ ވަދާއީ ޓުއާ އިއުލާންކޮށްފި

މިއުޒިކްގެ ދާއިރާއިން ރިޓަޔާ ނުކުރާނެކަން ކަށަވަރުކޮށް ދިނުމަށް ފަހު، އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯންގެ ވަދާއީ ޓުއާ އިއުލާންކޮށްފި އެވެ.


ބުދަ ދުވަހު އެމެރިކާގައި ނޫސްވެރިންނާ ބައްދަލުކޮށް އެލްޓަން ޖޯން ބުނީ އޭނާގެ ދިގުދެމިގެންދާ "ފެއާވެލް ޔެލޯ ބްރިކް ރޯޑް ޓުއާ" ފަށާނީ އަންނަ ސެޕްޓެމްބަރު މަހު އެމެރިކާއިން ކަމަށެވެ. ސެޕްޓެމްބަރު، 8، 2018 ގައި ފަށާ ޓުއާ ނިންމައިލަން ހަމަޖެހިފައި ވަނީ 2021 ގަ އެވެ.

"ފެއާވެލް ޔެލޯ ބްރިކް ރޯޑް ބުރާސްޓުއާ" ގެ ތެރެއިން އެލްޓަން ޖޯން އެމެރިކާ އާއި ޔޫރަޕާއި އަދި އޭޝިއާގެ ގައުމުތަކުގައި 300 ޝޯ ދޭނެ އެވެ.

"ސެކްރިފައިޒް" ފަދަ މަގުބޫލުތައް އެތައް ލަވައެއް ކިޔައިގެން ފަސް ގްރެމީ އާއި ފަސް ބްރިޓް އެވޯޑް ހާސިލްކޮށްފައިވާ 70 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ ވަދާއީ ޓުއާ ނިންމާލި ނަމަވެސް ދުވަހަކު ވެސް މިއުޒިކް ކުޅުމާ ވަކި ނުވާނެ ކަމަށެވެ.

އެލްޓަން ޖޯންގެ ޓްވީޓެއް.

"އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު މިއުޒިކް ކުޅޭނަން. މިކަމެއް ހުއްޓާ ނުލާނެކަމުގެ ޔަގީންކަން ވެސް ދެން،" އުމުރުން 17 އަހަރުން ފެށިގެން ޓުއާ ކުރަމުން އަންނަ ލަވަކިޔުންތެރިޔާ ބުންޏެވެ. "އަދި މި ފަހަރު ދިގުދެމިގެންދާ މި ޓުއާއަކީ ވަރަށް ކާމިޔާބު އެހާމެ ފޯރިގަދަ ޓުއާއަކަށް ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު. އަހަރެން އަދި ގަބޫލު ކުރަނީ މި ޓުއާއަކީ އަހަރެންގެ ފޭނުންނަށް ޝުކުރު އަދާކޮށްލަން ލިބޭނެ އެންމެ ބޮޑު ފުރުސަތު ކަމަށް."

އެލްޓަން ޖޯން ބުނީ އުމުރުން ދުވަސް ވިޔަސް "ސިއްހަތު ރަނގަޅު" ކަމަށާއި "އުފެއްދުންތެރިކަން ވެސް ނުގެއްލޭ" ކަމަށެވެ.

"މުސްތަގުބަލުގައި ވެސް އަހަރެންގެ މިއުޒިކްތައް ހަމަ އަޑު އިވެމުން ދާނެ،" އޭނާ ބުންޏެވެ.

ސެޕްޓެމްބަރު 8 ގައި އެމެރިކާގެ ނިއުޔޯކް އިން "ފެއާވެލް ޔެލޯ ބްރިކް ރޯޑް ޓުއާ" ފަށަން ހަމަޖެހިފައިވާތީ، ބުރާސްފަތި ދުވަހު ވަނީ ނޯތު އެމެރިކާގެ ޝޯތަކުގެ ޓިކެޓް އެޑްވާންސްކޮށް ވިއްކަން ފަށައިފަ އެވެ. އާންމުކޮށް ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހުގެ 2 ގަ އެވެ.

އެލްޓަން ޖޯންގެ އެންމެ މަޝްހޫރު އެއް ލަވަ ކަމަށްވާ "ސެކްރިފައިޒް"

އެލްޓަން ޖޯން މިހާތަނަށް 30 ސޯލޯ އަލްބަމް ނެރެފައިވާ އިރު، އެންމެ ފަހުން އޭނާ އަލްބަމެއް ނެރުނީ 2016 ގަ އެވެ. އެއީ "ވޮންޑަފުލް ކްރޭޒީ ނައިޓް" އެވެ.

ސޯލޯ އަލްބަމްތަކުގެ އިތުރަށް އެހެން އާޓިސްޓުންނާ ގުޅިގެން އޭނާ ހަތަރު އަލްބަމް ނެރަފައިވެ އެވެ. އެލްޓަން ޖޯން ވަނީ ބައެއް ފިލްމްތަކުގައި އެކްޓް ވެސްކޮށްފަ އެވެ.

އެގޮތުން އެންމެ ފަހުން އޭނާ ބޮޑު ސްކްރީނުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ކޮލިންފާތު އާއި ޖޫލިއަން މޯގެ "ކިންގްސްމަން: ދަ ގޯލްޑެން ސާކަލް" އެވެ.