ޖެނިފާ އެނިސްޓަން އާއި ޖަސްޓިން ތެރަކްސް؛ ދެ މީހުންގެ ތިން އަހަރުވީ ކައިވެނި މިހާރު ވަނީ ރޫޅާލާފައި.
17 ފެބުރުއަރީ 2018 - 07:36
ޓީވީ ސިލްސިލާ "ފްރެންޑްސް" އިން ވިދާލި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަންގެ ދެވަނަ ކައިވެނި ވެސް ތިން އަހަރު ފަހުން ރޫޅިއްޖެ އެވެ.
އެކްޓަރު ޖަސްޓިން ތެރަކްސް އާއި އެނިސްޓަން ވަރިފަށަށް އަރާފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް އެ މީހުން ވަނީ ރަސްމީކޮށް ކައިވެނި ނިމުމަކަށް ގެނައިކަން އިއުލާންކޮށްފަ އެވެ.
އެނިސްޓަން، 49، އާއި ޖަސްޓިން، 46، ނެރުނު ބަޔާނެއްގައި ބުނީ ކައިވެނީގެ ގުޅުން ނިމުމަކަށް ގެނައުމަކީ ދެ މީހުންގެ މީހުންގެ އަމިއްލަ ނިންމުމެއް ކަމަށާއި އެ ނިންމުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށެވެ. އެކަމަކު ކައިވެނި ރޫޅާލީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
"އަހަރެމެން ދެ މީހުން ވަކިވިޔަސް އެކުވެރިކަން އޮންނާނެ،" ދެ ތަރިން ގުޅިގެން ނެރުނު ބަޔާނުގައި ބުންޏެވެ. "އެހެންވެ މި ދަނޑިވަޅުގައި އަހަރެމެންގެ ޒާތީ ކަންކަމާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް ވެސް އެދެން."
އެނިސްޓަން އާއި "ޒޫލޭންޑާ" އާއި "އެމެރިކަން ސައިކޯ" ފަދަ ފިލްމްތައް ކުޅެފައިވާ ޖަސްޓިން 2012 ގެ އޮގަސްޓް މަހު އެންގޭޖްވެ، ކައިވެނި ކުރީ 2015 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ޖަސްޓިންއާ ކައިވެނި ކުރުމުގެ ކުރިން އެނިސްޓަން ވަނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓާ ވެސް ކައިވެނިކޮށްފަ އެވެ. އެ ދެ މީހުން 2000 ވނަ އަހަރު ކުރި ކައިވެނި ރޫޅުނީ އޭގެ ފަސް އަހަރު ފަހުން، 2005 ގަ އެވެ.
އެނިސްޓަަން ކުރީގެ ފިރިމީހާ ބްރެޑް ޕިޓާ އެކު: ޕިޓާއި ޖޮލީގެ ކައިވެނި ވަނީ 2016 ގައި ރޫޅިފައި.
މި ދެ ކައިވެންޏަށް ވެސް، އެނިސްޓަން އަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެނިސްޓަންގެ ކައިވެނި ރޫޅުނު އިރު، ކުރީގެ ފިރިމީހާ ޕިޓްގެ ދެވަނަ ކައިވެނި ވެސް ރޫޅީފައިވާ ކަމެވެ. މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ އާއި ޕިޓްގެ ކައިވެނި ނިމުމަކަށް އައީ 2016 ގަ އެވެ. އެ ދެ މީހުން ކައިވެނި ކުރީ 2014 ގަ އެވެ. ޖޮލީ އާއި ޕިޓްކައިވެންޏަށް ކުދިން ލިބިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ފަރީދު
19 February 2018
މަށާ އިންނަމަ ރޫޅުނަކަ ނުދޭނަން
އަނީސާ
18 February 2018
ކައިވެންޏަށް ކުދިން ލިބިފައޭ؟ ކައިވެނި ކުރުމުގެ ކުރިން ނޫންތަ ލިބުނީ؟ އެހެން ވީމާ ވާނީ ކައިވެނިން ބޭރުން ކުދިން ލިބުނުކަމަށް ދޯ؟