އެކުގައި ކުޅޭ ފިލްމަށް ރިތިކާއި ޓައިގާ ޖިމްނާސްޓިކްސް ދަސްކުރަނީ

ޔާޝްރާޖް ފިލްމްސް އިން އުފައްދާ ޓައިގާ ޝްރޮފް އާއި ރިތިކް ރޯޝަންގެ އެކްޝަން ތުރިލާގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ. ސިދާރްތު އާނަންދް ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާއިރު ރިތިކާއި ޓައިގާ ފެންނާނީ އެކަކަށް ވުރެ އަނެކަކު މޮޅުވާން މަސައްކަތް ކުރަނިކޮށެވެ. އެކަމާ ބެހޭ ތައްޔާރީތައް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާއިރު ފިލްމަށްޓަކައި މި ދެ ތަރިން ޖިމްނާސްޓިކްސް ދަސްކުރާނެ އެވެ.


މި މީހުން ފަރިތަކުރަން ހަމަޖެހިފައިވަނީ ޖިމްނާސްޓިކްސްގެ ވެސް އެންމެ އުނދަގޫ ވައްތަރެވެ. މި ބޮޑަށް ވައްތަރު ވަނީ ހަނގުރާމައަށް ތައްޔާރުވާއިރު ބާއްވާ މިލިޓަރީ ޑްރިލްތަކުގައި ފެންނަ ކަހަލަ ހަރަކާތްތަކަކާ އެވެ.

މި ފަރިތަކުރުންތަކަށް ރިތިކާއި ޓައިގާ ގްރީސް އަށް ވަރަށް އަވަހަށް ފުރާނެ އެވެ. އެ ގައުމުގައި މި ދެ ތަރިން ތަމްރީނު ކޮށްދޭނީ ސްޕޭނުގެ ތަޖުރިބާކާރުންނެވެ. މި ފަރިތަކުރުންތައް 15 ދުވަހަށް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޖިމްނާސްޓިކްސްގެ އުކުޅުތައް މި ދެ އެކްޓަރުންނަށް ކޮންމެވެސް ވަރަކަށް ދަސްވުމުން ދެ މީހުން އަމިއްލައަށް އިތުރަށް މަސައްކަތް ކޮށްގެން ހަރަކާތްތަކަށް އިތުރު ފުރިހަމަކަމެއް ގެންނަން މަސައްކަތް ކުރާނެ އެވެ.

މިހާރު ވެސް ޓައިގާ އަންނަނީ "ބާގީ 2"ގެ ޝޫޓިން އަށް ވަރަށް ތަޅާފޮޅާ މަންޒަރުތަކުގެ ޓްރޭނިންތައް ހަދަމުންނެވެ. ނަމަވެސް ރިތިކް މިހާރު ކުޅެނީ މެތަމެޓީޝަން އާނަންދް ކުމާރުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމު ކަމަށް ވާތީ މި ފިލްމުގައި އޭނާއަކަށް އެއްވެސް އެކްޝަން މަންޒަރެއް ކުޅޭކަށް ނުޖެހެ އެވެ. އެހެންވެ ޓައިގާއާ އެކު ކުޅޭ ފިލްމަށް ރިތިކް މާ ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

އަދި ނަމެއް ހަމަނުޖެހޭ މި ފިލްމުގައި ރިތިކް އާއި ޓައިގާއާ އެކު ބަަތަލާގެ ރޯލު އަދާކުރަނީ ވާނީ ކަަޕޫރެވެ. ފިލްމުގައި އިތުރު ބަތަލާއެއްގެ ރޯލު އޮތް ނަމަވެސް އަދި އެއްވެސް އެކްޓަރަކު މި ރޯލަކަށް ހަމައެއް ނުޖެހެ އެވެ.