މި އަހަރު ހިންދީ ސިނަމާ އަށް އަންނަން ހުރި ފިލްމްތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރާ އެއް ފިލްމަކީ "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" އެވެ. މިއީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ރޯލް އަނޫޕަމް ކޭރް ކުޅޭ ފިލްމެކެވެ.

ފިލްމްގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މީގެ ބައެއް ފޮޓޯތައް ވެސް ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން އިން ވެސް މި ފަހަރު އެންމެ އަޅައިގަތް އެކައްޗަކީ ޝޫޓިންގެ ތެރެއިން ލީކްވީ ވީޑިއޯކޮޅެކެވެ.

ލަންޑަންގެ ޝޫޓިންގެ ތެރެއިން އަނޫޕަމް، މަންމޯހަން ސިންގްގެ ސިފައިގައި އިމާރާތެއްގެ ތެރެއިން ބޭރަށް ނުކުންނަނިކޮށް ނަގާފައިވާ ވީޑިއޯކޮޅެއް، ސޯޝަލް މިޑިއާގައި ދައުރު ކުރަން ފެށުމުން އަނޫޕަމް ވަނީ އެ ވީޑިއޯ އަމިއްލަ އަށް ވެސް ޓްވީޓާގައި ޝެއާކޮށްފަ އެވެ.

އެ ވީޑިއޯ އަށް ކޮމެންޓް ކުރި މީހުން ބުނެފައި ވަނީ މަންމޯހަން ސިންގްއާ އަނޫޕަމް ވަރަށް ވައްތަރު ކަމަށާއި ހިނގާ ގޮތް އަދި މާ ވައްތަރު ކަމަށެވެ. އެކަމަކު "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" އަށް އަނޫޕަމް ހެޔޮވަރުވެފައި ހުރީ ކިހާ ވަރަކަށް އެނގޭނީ ފިލްމް ބަލައިލަން ލިބޭ އިރަކުންނެވެ.

އެ ފިލްމަކީ 2004 ގައި ލިޔުންތެރިޔާ ސަންޖޭ ބަރޫ ނެރުނު "ދި އެކްސިޑެންޓް ޕްރައިމް މިނިސްޓާ: ދަ މޭކިން އެންޑް އަންމޭކިން އޮފް މަންމޯހަން ސިންގް" އަށް ބިނާކޮށް ހެލްސެލް މެހެތާ ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުކޮސް، ވިޖޭ ގުއްޓޭ ޑައިރެކްޓް ކުރާ ބައޮގްރޮފިކަލް ޕޮލިޓިކަލް ޑްރާމާއެކެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި އަކްޝަޔޭ ކަންނާ، އަހާނާ ކުމާރް އަދި ޖަރުމަންގެ ބަތަލާ ސުޒޭން ބާނާޓް ހިމެނެ އެވެ.

މީގެ ކުރިން ވެސް އިންޑިއާގެ ބައެއް ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ސުޒޭން "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގައި ފެންނާނީ ކޮސްގްރެސް ޕާޓީގެ ކުރީގެ ރައީސާ ސޯނިއާ ގާންދީގެ ރޯލުންނެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު 21 ގަ އެވެ.