ސަންޖޭ އާއި އަންހެނުން މަހީޕް ދަރިފުޅު ޝަނާޔާއާ އެކު.
17 ޖޫން 2018 - 09:36
އަނިލް ކަޕޫރްގެ އާއިލާ އިން ބޮލީވުޑަށް ނުކުންނާނެ ތަރިން އަދިވެސް ކުރިއަށް ތިބީ އެވެ. ސޯނަމް ކަޕޫރާއި އަރްޖުން ކަޕޫރް އަދިު ހާޝްވަރްދަން ކަޕޫރަށް ފަހު، ޖާންވީ ކަޕޫރް ވެސް އަންނަ މަހުގެ 20 ގައި ރިލީޒް ކުރާ "ދަޅަކް" އާ އެކު، ފިލްމީ ކެރިއަރާގައި ކުރިއަށް ދާނެ އެވެ.
މި ލިސްޓްގެ ކުރިއަށް ހުރި ނަންތަކުގެ ތެރޭގައި ޖާންވީގެ ކޮއްކޮ ހުޝީ ކަޕޫރާއި، ސަންޖޭ ކަޕޫރްގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރް ވެސް ހިމެނެ އެވެ.
"ރާޖާ" އާއި "ސިރްފް ތުމް" ފަދަ ފިލްމްތައް ކުޅުނު ނަމަވެސް ބޭބެ އަނިލް ހޯދި ފަދަ ކާމިޔާބީއެއް ނުހޯދުނު ސަންޖޭ، 52، ބުނި ގޮތުގައި ޝަނާޔާ ބޮލީވުޑަށް ނުކުންނަން އަންނަނީ ތައްޔާރީތައް ވަމުންނެވެ.
ޝަނާޔާ (ކ) ޖާންވީ އާއި ހުޝީއާ އެކު ކައިވެނީގެ ހަފުލާއެއްގައި.
"އޭނަ އަދި ކިރިޔާ ގްރޭޑް ބާރަ ނިމުނީ. އެކަމަކު ބޮލީވުޑަށް ނުކުތުމުގެ ވިސްނުން އެބަހުރި. ތައްޔާރީތަކުގެ ތެރޭގައި އުޅެނީ،" 18 އަހަރުގެ ޝަނާޔާއާ ބެހޭ ގޮތުން ސަންޖޭ ޑީއެންއޭ އަށް ބުންޏެވެ. "ވަރަށް އަވަހަށް ފިލްމަކަށް ސޮއި ކުރާނެ."
ޝަނާޔާއަކީ މިހާރު ވެސް އިސްޓަގްރާމްގައި ވަރަށް މަޝްހޫރު ކުއްޖެކެވެ.
ސަންޖޭ ބުނި ގޮތުގައި މި ޒަމާނުގެ ކުދިންނަކީ މީޑިއާތަކަށް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ކުދިންނެވެ. އެހެންވެ ކުދިން ކޮންމެ ތާކަށް ދިޔަސް، ކެމެރާތަކުގެ ލެންސްތަކަށް އެ މީހުން އަރައި އެ މީހުންގެ ވާހަކަ ދައްކާނެ ކަމަށް ބުންޏެވެ.
ސަންޖޭ އަންހެނުންނާއި ދެ ކުދިންނާ އެކު.
"އަހަރެމެން އަބަދު ވެސް ޝަނާޔާ އަށް ހަނދާންކޮށްދެން މީހުން ފާޑުކިޔާނެކަން. އެކަމަކު އެ ފާޑުކިޔުންތައް އެހާ ސީރިއަސްކޮށް ނުނަގައްޗޭ. އޭނައަކީ ވެސް އަދި ވަރަށް ޒުވާން ކުއްޖެއްވީމަ އިސްޓަގްރާމް ކަހަލަ އެއްޗެހި ބޭނުން ކުރާނެ. އެއަށް ފޮޓޯތަކާ އެއްޗެހި އަޕްލޯޑް ކުރާނެ،" ހުކުރު ދުވަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށި އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީ" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ސަންޖޭ ބުންޏެވެ.
ޝަނާޔާގެ އިތުރުން ސަންޖޭގެ ދެން ހުންނަނީ ޖަހާން ކަޕޫރް ކިޔާ ފިރިހެން ކުއްޖެކެވެ. އޭނާ އަށް މިހާރު 13 އަހަރެވެ. އަނިލްގެ އަންހެނުން ސުނީތާ ކަޕޫރް ގޮތަށް ސަންޖޭގެ އަންހެނުން މަހީޕް ކަޕޫރަކީ ވެސް ފިލްމީ ދާއިރާއާ ދުރުގައި ހުންނަ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy