މަނޫޝީ 2017 ގެ މިސް ވޯލްޑް ތާޖާ އެކު: އެކްޓިން އަށް ޝައުގުވެރިކަން އެބަހުރި.
19 ޖޫން 2018 - 07:51
އެކްޓް ކުރުމަކީ ލިބިފައިވާ ހުނަރެއް ކަމަށް ގަބޫލުކުރާ ކަމަށާއި ވަގުތު ޖެހުމުން ބޮލީވުޑަށް ނުކުންނާނެ ކަމަށް މިދިޔަ އަހަރު މިސް ވޯލްޑްގެ ތާޖު ހާސިލްކުރި އިންޑިއާގެ މަނޫޝީ ޗިލާރް ބުނެފި އެވެ.
އުމުރުން 21 އަހަރުގެ މަނޫޝީ ބުނި ގޮތުގައި އެކްޓިން އަށް އޭނާގެ ޝައުގުވެރިކަން ވެސް އެބަ ހުއްޓެވެ. އެކަމަކު މިސް ވޯލްޑްގެ ތާޖާ އެކު، ކޮނޑުގައި ޒިންމާތަކެއް އެޅިފައިވާތީ އެ ކަންކަން ފުރިހަމަ ކުރުމަށް ވަގުތު ބޭނުންވާ ކަމަށް ބުންޏެވެ.
"އެބަހުރި މި ދަނޑިވަޅުގައި އަހަންނާ ހަވާލުވެފައި ހުރި ޒިންމާތަކެއް. ފުރަތަމަ ކަމަކަށް އެކަންކަން ނިންމާލާފައި ބޮލީވުޑަށް ނުކުންނަން ބޭނުން ވަނީ" ޑޮކްޓަރުންގެ އާއިލާއަކަށް އުފަން މަނޫޝީ ބުންޏެވެ.
އޭނާ އަށް މިހާތަނަށް ވަރަށް ގިނަ ފިލްމްތަކުން ހުށަހެޅުންތަކެއް ވެސް ލިބިފައިވެ އެވެ. އެކަމަކު އެއްވެސް ފިލްމަކަށް އަދި އެއްބަހެއް ނުވެ އެވެ.
"އަހަރެން އެ ފިލްމްތަކަށް ނޫނެކޭ ބުނީކީ ނޫން ހަގީގަތުގައި. މި ދަނޑިވަޅުގައި އަދި އެކްޓް ކުރަން ފެށެން ނެތީ،" މަނޫޝީ ބުންޏެވެ. "އަހަންނަަށް އެކްޓް ކުރާނެ ވަގުތު ލިބުނީމަ ފިލްމްތަކަށް ސޮއި ކުރާނަން،" މަނޫޝީ ބުންޏެވެ.
އޭނާ ވަނީ ދާދި ފަހުން ކަރީނާ ކަޕޫރާ އެކު ގަހަނާ ބްރޭންޑެއްގެ ޓީވީ އިޝްތިހާރެއް ވެސް ކުޅެފަ އެވެ.
އިންޑިއާގެ ރީތީންގެ ރާނީންނަކީ އާންމުކޮށް ބޮލީވުޑާ ދިމާއަށް މިސްރާބު ޖަހާ ބައެކެވެ. އޭގެ ތެރޭގައި މިސް ވޯލްޑް ތާޖް ހާސިލު ކުރި އައިޝްވާރިޔާ އާއި ކުރީގެ ބަތަލާ ޔުކްތާ މުކީ، ޑަޔާނާ ހޭޑަން އަދި ޕްރިޔަންކާ ޗޯޕްޅާ ފާހަގަކޮށްލެވެ އެވެ.
މިސް ޔުނިވާސްގެ ތާޖާ އެކު، ބޮލީވުޑަަށް ނުކުތް ބަތަލާއިންގެ ތެރޭގައި ސުޝްމިތާ ސެން އާއި ލާރާ ދައްތާ ހިމެނެ އެވެ.
މީގެ އިތުރުން ވެސް ރީތީގެ އެކި ކަހަލަ މުބާރާތްތަކުން ވަނަތައް ހޯދުމަށް ފަހު، ބޮލީވުޑަށް ނުކުތް ތަރިންގެ ތެރޭގައި ދިއާ މިޒްރާ، ނީހާ ދޫޕިއާ އަދި އުރްވަޝީ ރޮޓޭލާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
19 June 2018
އެކްޓް ކުރަން ނޭގުނަސް ސިފަ ރީތި ނަމަ ބޮލީވުޑުއިން ފުރުސަތު ލިބޭނެ. އިންޑިއާގައި ކަޅު އެއްވެސް މީހަކަށް ބޮލީވުޑްއިން ފުރުސަތު ނުލިބޭނެ.