ސިވާގަމީގެ ރޯލް ކުޅުނު ރާމިއާ "ބާހްބަލީ" ގެ މަންޒަރެއްގައި.
06 ޖުލައި 2018 - 07:56
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އިންޑިއާގެ ފިލްމް "ބާހްބަލީ" ގެ ދެ ފިލްމްގައި ގެނެސް ހާދިސާތަކުގެ ކުރިން ހިނގާފައިވާ ވާހަކަތަކެއް ކިޔައިދޭ ވެބް ސީރީޒެއް ގެނެސް ދޭން ނިންމައިފި އެވެ.
މި ސީރީޒް ބިނާ ކުރަނީ "ދަ ރައިޒް އޮފް ސިވާގަމީ" ގެ ނަމުގައި ލިޔުންތެރިޔާ އާނަންދު ނީލަކާންތު ލިޔެފައިވާ ވާހަކައަށެވެ. މީގެ އެންމެ މުހިއްމު ކެރެކްޓާއަކީ "ބާހްބަލީ" ގައި ފެނިގެން ދިޔަ ރާނީ ސިވާގަމީ އެވެ.
ފިލްމްގައި އެ ކެރެކްޓާ ކުޅުނީ ރާމިއާ ކްރިޝްނަން އެވެ. ވެބް ސީރީޒް ފެނިގެން ދާނީ އޭނާ ނުފޫޒު ގަދަ ރަނިކަމުގައި ހިނގާ މުހިއްމު ހާދިސާތެކެވެ.
މި ސީރީޒް ޑައިރެކްޓް ކުރާނީ "ބާހްބަލީ" ޑައިރެކްޓް ކުރި އެސްއެސް ރާޖަމޯލީ އާއި 2010 ގައި ރިލީޒް ކުރި ތެލުގޫ ފިލްމް "ޕްރަސްތާނަމް" ގެ ޑައިރެކްޓަރު ދޭވާ ކައްޓާ އެވެ.
އެ ފިލްމްގެ ހިންދީ ރިމެކިންއެއް ވެސް ހަމަ އެ ނަމުގައި ސަންޖޭ ދަތާއި މަނީޝާ ކޮއިރަލާ ހިމަނައިގެން މިހާރު އަންނަނީ ހަދަމުންނެވެ.
"ދަ ރައިޒް އޮފް ސިވާގަމީ" އާ ބެހޭ ގޮތުން ދޭވާ ބުނީ މީތި ވެގެން ދާނީ "ބާހްބަލީ" ގެ ދެ ފިލްމުން ބެލުންތެރިންގެ ހިތްތައް ފަތަހަ ކުރި ގޮތަށް ވަރުގަދަ ޖާދޫއެއް ދައްކުވައި ދޭނެ އެއްޗަކަށެވެ.
"މީގައި މަސައްކަތްކޮށްލަން އަހަންނަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް. އަހަރެން މުޅި ޓީމުން މަސައްކަތް ކުރާނަން ބާހްބަލީ އަށް ދޫނުކުރާ ވަރުގެ ވެބް ސީރީޒެއް ގެނެސް ދޭން،" ދޭވާ ބުންޏެވެ. "ޔަގީނުން ވެސް ބެލުންތެރިން ބާހްބަލީ އަށް ކުރި ވަރިގެ އުންމީދަތާއި އިތުބާރަށް މި ސީރީޒް ކުރާނެ."
ނަމަވެސް "ދަ ރައިޒް އޮފް ސިވާގަމީ" ގެ ކާސްޓްގައި "ބާހްބަލީ" އިން ފެނިގެން ދިޔަ ތަރިންތަކެއް ފެންނާނެތޯ އަދި މުޅިން ކަށަވަރެއް ނުވެ އެވެ. އަނެއްކޮޅުން މި ސީރީޒްގައި ސިވާގަމީގެ ރޯލުން ރާމިޔާ ފެންނާނެ ކަމެއް ވެސް އަދި ކަށަވަރެއް ނުވެ އެވެ.
އެކަމަކު "ބާހްބަލީ" ގެ ދެ ފިލްމުން އެންމެ ބޮޑަށް މަޝްހޫރުވި ކެރެކްޓާތަކަށް ބަލާ އިރު، ރާމިއާ ކުޅުނު ސިވާގަމީގެ ރޯލަކީ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފު އޮހުނު ކެރެކްޓާއެކެވެ. މިއިން ދެން އެންމެ ވިދާލި ތަރިންނަކީ ބާހްބަލީގެ ރޯލް ކުޅުނު ޕްރަބާސް އާއި ބައްލާދޭވާގެ ރޯލް ކުޅުނު ރާނާ ދަގޫޕަތީގެ އިތުރުން ކަޓައްޕާގެ ރޯލް ކުޅުނު ސަތިޔަރާޖް އެވެ.
"ބާހްބަލީ: ދަ ބިގިނިން" 2015 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި 650 ކްރޯޑް (97 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި އެވެ. އެ އެ ފިލްމް ހަދަން ހަރަދު ކުރީ 180 ކްރޯޑް ރުޕީސް (27 މިލިއަން ޑޮލަރު) އެވެ.
މިދިޔަ އަހަރު 250 ކްރޯޑް ރުޕީސް (37 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ބާހްބަލީ: ދަ ކޮންކްލޫޝަން" އަށް 1،793.08 ކްރޯޑް ރުޕީސް (270 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy