ސަލްމާން ހާނާ އެކު "މޭނޭ ޕިޔާރް ކިޔާ" ގެ ބަތަލާގެ ރޯލް ކުޅުނު ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީ ފުރަތަމަ ފިލްމަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އުމުރުން 28 އަހަރުގެ އަބިމަންޔޫގެ ފުރަތަމަ ފިލްމަކީ މަޝްހޫރު ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ހަދާ "މަރްދް ކޯ ދަރްދް ނެހީ ހޯތާ" އެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ ވަސަން ބާލާ އެވެ.
އަބިމަންޔޫއާ އެކު ފިލްމްގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ވިޝާލް ބަރަދްވާޖްގެ "ޕަޓާކާ" އިން ބޮލީވުޑަށް ތައާރަފުކުރާ ޓީވީ ބަތަލާ ރާދިކާ މަދަން އެވެ. އޭނާއަކީ ކުރީގެ ޓީވީ ސިލްސިލާ "މޭރީ އާޝިގީ ތުމް ސޭ ހީ" ގެ ބަތަލާ އެވެ.
"މަރްދް ކޯ ދަރްދް ނެހީ ހޯތާ" ކުޅެން ތައްޔާރުވުމުގެ ގޮތުން އަބިމަންޔޫ އަންނަނީ މާޝަލް އާޓްސް ވެސް ދަސްކޮށް، ސެލްފް ޑިފެންސް ޓްރޭނިންތަކެއް ވެސް ހަދަމުންނެވެ.
އަލަތު ފިލްމާ ބެހޭ ގޮތުން އޭނާ ބުނީ ފުރަތަމަ ފިލްމްގައި ވަރުގަދަ އެކްޝަން ރޯލެއް ކުޅެން ލިބުމުން ވަރަށް އުފަލުން ހުރި ކަމަށެވެ.
"އަހަންނަކީ އަކްޝޭ ކުމާރާއި ޖެކީ ޗަން އަދި ބުރޫސް ލީ ކަހަލަ އެކްޝަން އެކްޓަރުންނަށް ވަރަށް ސަޕޯޓް ކުރާ މީހެއް އަބަދު ވެސް. އެހެންވެ ފުރަތަމަ ފިލްމްގައި އެކްޝަން ރޯލެއް ކުޅެން ލިބުނީމަ ވަރަށް އުފާވެފައި މި ހުންނަނީ،" އަބިމަންޔޫ ބުންޏެވެ. "ފިލްމަށް އަހަރެންގެ މެކްސިމަމް ދޭނަން."
"މަރްދް ކޯ ދަރްދް ނެހީ ހޯތާ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އަބިމަންޔޫގެ މަންމަ ބަގިޔާޝްރީ، 49، އަށް "މޭނޭ ޕިޔާރް ކިޔާ" އިން ބޮޑު މަޝްހޫރު ކަމެއް ލިބުނަސް، އޭނާއަކީ ބޮލީވުޑްގައި އެހާ ވިދާލި ބަތަލާއެއް ނޫނެވެ. އަދި ކެރިއަރުގެ ކުރީކޮޅުގައި ކައިވެނިކޮށް، ބަގިޔާޝްރީ ވަނީ ބޮޑު ސްކްރީނާ ދުރަށް ޖެހިލައިފަ އެވެ. އެކަމަކު ބައެއް ފިލްމްތަކުގެ އިތުރަށް ޓީވީ ސިލްސިލާތަކުގައި އޭނާ ފަހުން މަސައްކޮށްފައިވެ އެވެ.
އަބިމަންޔޫއަކީ ބަގިޔާޝްރީގެ ދެ ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދެން ހުރީ 23 އަހަރުގެ އަވަންތިކާ ދައްސާނީ އެވެ.