ހުޝީީ: އަންނަ އަހަރު އޭނާ ބޮލީވުޑަށް ތައާރަފު ވާނެ ކަމަށް ކަރަން ބުނޭ.
31 ޑިސެމްބަރ 2018 - 07:28
މި އަހަރަކީ ވެސް ފާހަގަ ކުރެވޭ އާ ތަރިންތަކެއް ބޮލީވުޑަށް ތައާރަފުވި އަހަރެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ނަންތަކުގެ ކުރީގައި އުޅެނީ ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ޚައްތަރުގެ އިތުރުން ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާނެވެ.
އަންނަ އަހަރަކީ ވެސް އާ ގިނަ ތަރިންތަކެއް ފެންނާނެ އަހަރެކެވެ. ވަކިން ހާއްސަކޮށް މަޝްހޫރު ބައެއް ތަރިންގެ ދަރިންނެވެ. އޭގެ ލިސްޓަކަށް ނުގޮސް، ކުރުކޮށް ބުނާ ނަމަ އަންނަ އަހަރު ބޮލީވުޑަށް ނެރޭ ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކަށް ވާނީ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު އަދި މިހާރު އުމުރުން 18 އަހަރުގެ ހުޝީ ކަޕޫރެވެ.
ދިގު އިސްކޮޅަކާއި ލޫޅާފަތި ހަށިގަނޑެއްގެ ވެރި ހުޝީއަކީ މިހާރު ވެސް އިންސްޓަގްރާމްގައި "ޑީވާ" އެކެވެ. އޭނާގެ ފަރިކަމާއި ސްޓައިލިޝްކަން ދައްކަމުން އަންނަ އިރު، ކަރަން ޖޯހަރު ވަނީ އަންނަ އަހަރު ހުޝީ ބޮލީވުޑުން ފެންނާނެ ކަމަށް ބުނެ އެވެ.
ހުޝީ އާއި ޖާންވީ.
ބަތަލާ ނޭހާ ދޫޕިއާގެ ޝޯ "ނޯ ފިލްޓާ ނޭހާ" ސީޒަން ތިނެއްގެ ފަހު އެޕިސޯޑްގައި ކަރަން ބުނި ގޮތުގައިި ހުޝީ އަންނަ އަހަރު ބޮލީވުޑަށް ތައާރަފު ވާނެ އެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލަކަށް އޭނާ ނުދެ އެވެ.
ކުރިން ވެސް އަޑު އަރާފައި އޮތް ގޮތުން ހުޝީއަކީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ ފިލްމަކުން ބޮލީވުޑަށް ތައާރަފު ވާނެ ބަތަލާއެއްކަން ކަރަންގެ އެ ވާހަކަތަކުން މިހާރު ޔަގީންވެ އެވެ.
ހުޝީ ކަރަންއާ އެކު.
ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޝީ ބޮލީވުޑަށް ނުކުންނާނީ ޝާހްރުކްގެ ދަރިފުޅު އާރިޔަން ހާނާ އެކީގަ އެވެ. ކަރަންއަކީ އަރިޔަން ނެރުމުގެ ޒިންމާ ނަގާނެ މީހާކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
ހުޝީއަކީ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު.
އެކަމަކު އެމެރިކާގައި މި ވަގުތު މަތީ ތައުލީމަށް އަރިޔަން ކިޔަވަމުން އަންނާތީ ކުރިއަށް އޮތް ދެތިން އަހަރު ވެސް އޭނާ ބޮލީވުޑަށް އަންނާނެ ކަމަކަށް އަދި ނުބެލެވެ އެވެ.
ޔަގީނުން ވެސް ޖާންވީ އަށް ފަހު، ހުޝީ ބޮޑު ސްކްރީނުން ދެކިލުމަކީ ސްރީދޭވީގެ ފޭނުން މިހާރު ވެސް ވަރަށް ބޭނުން ވާނެ ކަމަކަށް ވާނެ އެވެ. އެހެންވެ އަންނަ އަހަރަށް އިންތިޒާރު ކުރަމާ ހިނގާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy