ފަރުހާނާއި ޝީބާނީ: ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށްވޭ.
04 ޖެނުއަރީ 2019 - 06:33
މި އަހަރަކީ ވެސް ބޮލީވުޑުން ފާހަގަކޮށްލެވޭ ކައިވެނިތަކެއް ފެންނާނެ އަހަރެއް ކަމަށް ބެލެވެ އެވެ. އެގޮތުން މި އަހަރު ކައިވެނި ކުރާނެ ކަމަށް ބެލެވޭ އެކަކީ 2017 ވަނަ އަހަރު އަލަތު ކައިވެނި ނިމުމަކަށް އައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު/ލަވަކިޔުންތެރިޔާ އަދި ސްކްރީން ރައިޓަރު ފަރުހާން އަހްތަރެވެ.
"ޑޮން" އާއި "ދިލް ޗާހަތާ ހޭ" ފަދަ ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދިން ފަރުހާން، 44، މިހާރު ރައްޓެހިވެގެން އުޅެނީ މޮޑެލް/ހޯސްޓް އަދި ބަތަލާ ޝިބާނީ، 38، ޑަންޑޭކަރްއާ އެވެ. އެ ދެ މީހުންގެ ގުޅުމުގެ ވާހަކަ ވަރަށް ގަދައަށް މި ދޭތެރެއިން މީޑިއާގައި ދެކެވެމުން ދަނިކޮށް، ރައްޓެހިވެގެން އުޅޭކަން ފަހުން ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ.
ޑީއެންއޭ އިން ބުނި ގޮތުގައި ފަރްހާނާއި ޝިބާނީ މިހާރު ކައިވެންޏަށް ތައްޔާރު ވާން ފަށާފައިވާ އިރު މާ ލަސްތަކެއް ނުވެ، ދެ މީހުންގެ ގުޅުން ކައިވެނީގެ ގުޅުމުން ބަދެވިގެން ދާނެ އެވެ.
ޝިބާނީގެ ޕޯސްޓެއް.
ފަރުހާނާއި ހެއާ ސްޓައިލިސްޓް އަދޫނާ ބަބާނީގެ ކައިވެނި 17 އަހަރު ފަހުން ރޫޅުނު އިރު، އެ ކައިވެންޏަށް ދެ އަންހެން ދަރިން ވެސް ލިބިފައިވެ އެވެ. އެއީ މިހާރު ފުރާވަރަށް އަރާފައިވާ ޝަކިޔާ އަހުތަރާއި އަކީރާ އަހްތަރު އެވެ.
ފަރުހަނާއި ޝިބާނީ.
ރިޕޯޓްތައް ބުނާ ގޮތުން ޝިބާނީއާ ރައްޓެހިވުމުގެ ކުރިން ފަރުހާން ވަނީ އޭނާއާ އެކު ފިލްމު "ރޮކް އޯން 2" ގެ ބަތަލާގެ ރޯލް ކުޅުނު ޝުރަދާ ކަޕޫރާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.
ޝިބާނީއަކީ އެކްޓަރު ކަރަން ކުންދުރާގެ ލޯބިވެރިޔާ އަނޫޝާ ޑަންޑޭކަރްގެ ދައްތަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy