އާރިޔަން: އޭނާ އަށް މި އަހަރު 22 އަހަރު ފުރޭނެ.
04 އެޕްރީލް 2019 - 07:37
ބޮލީވުޑްގެ ބައެއް ތަރިންނަކީ ފިލްމު ކުޅެން ފެށުމުގެ ކުރިން، މަޝްހޫރު ބައެއް ޑައިރެކްޓަރުންނާ އެކު އެސިސްޓެންޓް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހުންނެވެ. ކަރަން ޖޯހަރު ބޮލީވުޑަށް ނެރުނު ވަރުން ދަވަން އާއި ސިދާތު މަލްއުތުރާއަކީ ކަރަން 2010 ގައި ޝާހްރުކް ހާނާއި ކާޖޮލްއާ އެކު ގެނެސް ދިން ފިލްމު "މައި ނޭމް އިޒް ހާން" ގެ ދެ އެސިސްޓަންޓް ޑައިރެކްޓަރުންނެވެ.
ކަރަން އެ ދެ މީހުން ބޮލީވުޑަށް ނެރުނީ އޭގެ ދެ އަހަރު ފަހުން 2012 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިންނެވެ.
މިހާރު "ތަހުތު" ކިޔާ ޕީރިއަޑް ޑްރާމާއެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަރަންއާ އެކު މި ފަހަރު އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަން ނުކުންނަނީ ޝާހްރުކްގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ހާނެވެ. އޭނާއަކީ މިހާރު އެމެރިކާގެ ލޮސް އެންޖެލިސްގައި ފިލްމު މޭކިން ކިޔަވަމުން އަންނަ ޒުވާނެކެވެ.
އަނެއްކޮޅުން އަރިޔަން، 21، އަކީ ކަރަން، ބަތަލެއްގެ ގޮތުގައި ބޮލީވުޑަށް ލޯންޗް ކުރަން ނިންމާފައިވާ އޭނާ "ޑްރީމް ހީރޯ" އެކެވެ. އެކަމަކު ފިލްމު ކުޅެން ފެށުމުގެ ކުރިން އަރިޔަން ވެސް އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށް، ތަޖުރިބާ ހޯދާނީ އެވެ. އެކަން ބައްޕަ ޝާހް ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އަރިޔަންގެ ފިލްމު މޭކިން ކޯސް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާތީ ކަރަންއާ އެކު "ތަހުތު" ގައި އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ. ޝާހްރުކް ބުނި ގޮތުގައި އާރިޔަން ސްކްރީނަށް އަންނަން އަދި ވަގުތު ނަގާނެ އެވެ.
އަންނަ އަހަރު ރިލީޒް ކުރާ "ތަހުތު" ގެ ތަރިންނަކީ ރަންވީރު ސިންގް، އާލިއާ ބަޓް، ވިކީ ކޯޝަލް، ކަރީނާ ކަޕޫރް، އަނިލް ކަޕޫރް، ޖާންވީ ކަޕޫރް އަދި ބޫމީ ޕެޑްނޭކަރެވެ.
ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ ވެސް ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ބައްޕަގެ އެންމެ ފަހުގެ ފިލްމު "ޒީރޯ" ގައި ޑައިރެކްޓަރު އާނަންދު އެލް ރާއީއާ އެކު އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިން މިހާރު ބޮލީވުޑަށް ނުކުންނަމުން އަންނަ އިރު އާރިޔަން އާއި ސުހާނާއަކީ ގިނަ ބަޔަކު އެންމެ ބޮޑަށް ސްކްރީނުން ބަލައިލަން ބޭނުންވާ ދެ ޒުވާނުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy