ކްރިސް އިވަންސް.
06 މެއި 2019 - 08:25
ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ "ދި އެވެންޖާޒް" ސީރީޒް "އެންޑްގޭމް" އާ އެކު ނިމުމަކަށް އައިސްފައިވާތީ ކައިވެނިކޮށްގެން ދަރިން ހޯދަން ވެސް މިހާރު ތައްޔާރަށް ހުރި ކަމަށް "ކެޕްޓަން އެމެރިކާ" ގެ ރޯލް ކުޅުނު ކްރިސް އިވަންސް ބުނެފި އެވެ.
އުމުރުން 37 އަހަރުގެ އެކްޓަރު "ގްލެމާ ޔޫކޭ" އަށް ބުނީ ވިހީގެ އަހަރުތަކުގައި ކައިވެނި ނުކުރެވުނަސް އޭނާ މިހާރު ހުރީ އެކަމަށް ތައްޔާރަށް ކަމަށެވެ.
"އަހަރެން މިހާރު ވަރަށް ބޭނުންވޭ ކައިވެނިކޮށްގެން ދަރިން ހޯދައިގެން އަމިއްލަ އާއިލާއަކާ އެކީގައި އުޅެން،" އޭނާ ބުންޏެވެ.
ކްރިސް ބުނި ގޮތުގައި އޭނާއާ އެކުގައި އުޅުނު ވަރަށް ގިނަ ތަރިން ވެސް މިހާރު ކައިވެނިކޮށްފި އެވެ.
"އަދި ގާތް މީހުންގެ ތެރެއިން ސްކާލެޓް ޖޮހަންސަން [އެވެންޖާޒްގެ ތަރިއެއް] ފަދަ މީސްމީހުންނަކީ ވެސް މިހާރު ދަރިން ތިބި މީހުން. އަހަރެން އެކަނި މިހާރު ހުސްކޮށް ހުރީ،" ކްރިސް ބުންޏެވެ. "އެހެންވެ އެ މީސްމީހުންގެ ފަރާތުން ހިތްވަރު ހޯދައިގެން އެބަޖެހޭ މިހާރު ކައިވެންޏާ ދޭތެރޭ ސީރިއަސްކޮށް ވިސްނަން."
ކައިވެންޏާ ދޭތެރޭ ވިސްނާ ކަމަށް ކްރިސް ބުންޏަސް އެކަން ކުރާނެ އިރަކާ ބެހޭ ގޮތުން، ޖެސިކާ ބިއެލް އާއި ލިލީ ކޮލިންސް އަދި މިންކާ ކެލީ ފަދަ ތަރިންނާ އެކު ލޯބީގެ ގުޅުންތަކެއް ބޭއްވި އެކްޓަރު ވާހަކައެއް ނުދައްކަ އެވެ. އަދި މި ވަގުތު ލޯބިވެރިޔަކު ހުރިކަން ވެސް ކަށަވަރެއް ނުކޮށްދެ އެވެ.
ކްރިސްގެ ކުރިއަށް ހުރި ފިލްމުތަކަކީ "ނައިވްސް އައުޓް" އާއި "ދަ ރެޑް ސީ ޑައިވިން ރިޒޯޓް" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިރާ
08 May 2019
މަވެސް މިހުރީ ކައިވެނިކުރަން ތައްޔާރަށް ، އެކަމު ހިތާމަޔަކީ ކައިވެނިކުރާން ހަރުދަނާ ފިރިހެނަކު ނުލިބޭތީ .ކްރިސް އިސްލާމް ވެބަލަ ، މަ މިހުރީ އިންނަންތައްޔާރަށް .