ޑެނިއަލް ކްރެއިގަށް އަނިޔާވެގެން "ޖޭމްސް ބޮންޑް 25" ގެ ޝޫޓިން ހުއްޓުމަކަށް

މިދިޔަ މަހުން ފެށިގެން ޖެމެއިކާގައި ޝޫޓް ކުރަމުން އަންނަ "ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ ޝޫޓިންގެ ތެރޭގައި އެކްޓަރު ޑެނިއެލް ކްރެއިގް ވެއްޓި ކަކުލަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ފިލްމު ޝޫޓިން މެދުކަނޑާލަން ޖެހިއްޖެ އެވެ.


އިނގިރޭސިވިލާތުގެ ދަ ސަން އިން ބުނި ގޮތުގައި ދުވަނިކޮށް ނަގަން ޖެހޭ މަންޒަރެއްގެ ތެރޭގައި ކްރެއިގް ވެއްޓި ފައި ޖެހުނު ގޮތަކުން ކަކުލަށް ލިބުނު އަނިޔާ އަށް އެމެރިކާގައި މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ. މިކަމާ ގުޅިގެން ފިލްމުގެ ޝޫޓިން މެދިކަނޑައިލަން ޖެހުނު އިރު، އަލުން ދެން ޝޫޓިން ފެށޭނެ އިރެއް ވެސް ނޭނގެ އެވެ.

ސަން އިން ބުނި ގޮތުގައި ޖެމެއިކާގައި ކްރެއިގަށް އަނިޔާވީ އެތަނުގައި ނަގަން ޖެހޭ މަންޒަރުތަކުގެ ފަހު ޝޫޓިން ތެރޭގަ އެވެ. އަދި މިކަމާ ގުޅިގެން މި ހަފުތާ ތެރޭގައި ލަންޑަނުގައި ކުރިއަށް ގެންދަން ރާވާފައި އޮތް ޝޫޓިން ޝެޑިއުލް ވެސް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ.

ކްރެއިގެ ބޮންޑްގެ ރޯލް ކުޅޭ ފަސް ވަނަ ފިލްމު އަދި ފަހު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 8 ގަ އެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ރާލްފް ފިއެނެސް، ނައޯމީ ހެރިސް، ރޯރީ ކިނިއޭ، ލިއާ ސެޑޫ، ބެން ވިޝޯ، ޖެފްރީ ރައިޓް، ބިލީ މެގްނެސަން، އަނާ ޑި އާމަސް، ޑޭވިޑް ޑެންސިކް، ލަޝާނާ ލީންޗް އަދި ޑަލީ ބެންސެލާ ހިމެނެ އެވެ.